06 Mar 2010, 14:33
19:00
މަޖިދީމަގުގައި ތިން ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓެއްގައި މީހަކަށް ވަރަށް ސީރިއަސް އަނިޔާތަކެއް ލިބިއްޖެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މިއަދު މެންދުރުފަހު އޮލިންޕަސް ކުރިމަތިން ބާރު ސްޕީޑެއްގައި ދުއްވާފައިދިޔަ ސައިކަލެއް ހަނދުވަރުދޭހިނގުމުން މަޖީދީމަގަށް ނުކުތް ސައިކަލެއްގައި ޖެހި، ވިއްސައިގެން ގޮސް އެހެން، ސައިކަލެއްގައި ޖެހި، ސައިކަލް ދުއްވަން ތިބި ތިން މީހުންގެ ތެރެއިން އެކެއްގެ ބޯ ފަޅައިގެން ގޮސް ހަށިގަނޑުގެ އެކި ހިސާބުތަކަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށެވެ. އަދި އަނެއް ދެ މީހުންނަށް ވެސް އެކިވަރުގެ ހާނިކަވެފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
އޭޑީކޭ ހޮސްޕިޓަލުގެ އޮފިޝަލަކު ވިދާޅުވީ އެ އެކްސިޑެންޓާ ގުޅިގެން ހޮސްޕިޓަލަށް ގެންދިޔަ ތިން މީހުންގެ ތެރެއިން ދެ މީހަކަށް ފަރުވާދިނުމަށްފަހު ދޫކޮށްލާފައިވާ ކަމަށެވެ. އަދި ސިރީއަސް އަނިޔާތަކެއް ލިބިފައިވާ މީހާގެ އާއިލާގެ އެދުމުގެ މަތިން އައިޖީއެމް ހޮސްޕިޓަލަށް ބަދަލުކޮށްފައިވާ ކަމަށް އޭޑީކޭ އިން ބުނެ އެވެ.