26 Aug 2024, 19:29
ކެޓެރެކްޓްސް އާ ގުޅޭ ގޮތުން ހޭލުންތެރިކަން އިތުރު ކުރުމަށް އައިކެއަރ ހޮސްޕިޓަލުން 'ފުސްކަމެއްނެތް، ހުއްޓުމެއްނެތް'ގެ ނަމުގައި ކެމްޕެއިނެއް ފަށައިފިއެވެ.
އައިކެއަރއިން ބުނި ގޮތުގައި، އުމުރުން ދުވަސްވާ ވަރަކަށް ކެޓެރެކްޓްސް ނުވަތަ ލޮލަށް ފުސްއެރުމުގެ މައްސަލަ ކުރިމަތިވުމުގެ ފުރުސަތު ބޮޑުވި ނަމަވެސް، އެއީ ވަރަށް ފަސޭހައިން ހައްލު ކުރެވިދާނެ ކަމެކެވެ. އަދި ސާފު ފެނުމާއެކު އުފާވެރި ދިރިއުޅުމެއް އުޅުމުގެ ފުރުސަތު ކޮންމެ މީހަކަށް ވެސް އޮންނަ ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.
އައިކެއަރއިން ކެޓެރެކްޓްސްއާ ގުޅުންހުރި ކެމްޕެއިން އަމާޒުކޮށްފައިވަނީ 55 އަހަރުން މަތީގެ މީހުންނަށެވެ. އެ ހޮސްޕިޓަލުން ބުނި ގޮތުގައި ކެމްޕެއިންގެ މަގުސަދަކީ، ފެނުމުގެ ހިއްސަށް ދިމާވާ މައްސަލަތަކަކީ އުމުރުން ދުވަސްވާ ކޮންމެ މީހަކު ވެސް ތަހައްމަލު ކުރަމުންދާންޖެހޭ މައްސަލައެއް ކަމަށް ދެކޭ ދެކުން ނިމުމަކަށް ގެނައުމެވެ.
ކެޓެރެކްޓްސްއަކީ ފަސޭހަކަމާއި ރައްކާތެރިކަމާއެކު ސާޖަރީއަކުން ހައްލު ކުރެވޭނެ ބައްޔެއްކަން އައިކެއަރއިން ފާހަގަކުރިއެވެ.
މީގެ އިތުރުން ކެޓެރެކްޓް ސާޖަރީ ހަދާއިރު އައިކެއަރ ހޮސްޕިޓަލުން ޕްރިމިއަމް ލެންސްތަކެއް ލިބެން ހުންނާނެ ކަމަށާއި އޭގެ ސަބަބުން އައިނު އަޅަން ޖެހޭ މިންވަރު މަދުކުރެވި، ނުވަތަ އެއްގޮތަކަށް ވެސް އައިނު އަޅަން ނުޖެހޭ ގޮތަށް މައްސަލަ ހައްލުކުރެވޭނެ ކަމަށް އައިކެއަރއިން ފާހަގަކުރިއެވެ. އެ ފަރުވާތައް ހޯދުމަށް އައިކެއަރއަށް ގޮސް، ލޯ ދައްކައި، ލަފާ ހޯދަން ވާނެކަންވެސް އެ ހޮސްޕިޓަލުން ފާހަގަކުރިއެވެ.
އައިކެއަރގެ 'ފުސްކަމެއްނެތް، ހުއްޓުމެއްނެތް' ކެމްޕެއިނާއެކު އެ ހޮސްޕިޓަލުން އުއްމީދުކުރަނީ ލޮލަށް ފުސްއެރުމުގެ މައްސަލައަށް ފަރުވާތައް ފޯރުކޮށްދީ، ޕްރިމިއަމް ލެންސުގެ އެހީގައި އައިނު ނާޅާ ވެސް ހަމަ ލޮލަށް ފެންނަ މިންވަރު ރަނގަޅު ކޮށްދެވޭނެ ކަމަށެވެ. އެ ކެމްޕެއިނާ ގުޅޭ އިތުރު ތަފުސީލު އައިކެއަރގެ ނަމްބަރު 7961026 އަށް ގުޅުމުން ލިބޭނެއެވެ.