26 Aug 2024, 14:33
ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން އަތުލައިގަންނަން އިމިގްރޭޝަނާއި ކަމާ ގުޅުންހުރި އިދާރާތަކުން ހިންގާ އޮޕަރޭޝަންގައި އަނެއްކާ ވެސް މާލެއިން މުޑުދާރު ބަދިގެއެއް ބަލައި ފާސްކޮށް، 15 ބިދޭސީއަކު އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
މި މީހުން އަތުލައިގެންފައިވަނީ މި މަހު 24 ވަނަ ދުވަހު މާލެއިންނެވެ.
އިމިގްރޭޝަނުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، ހ. ބިއަންކާ ކިޔާ އެ ގެ ބަލައި ފާސްކުރީ ގަވާއިދާ ހިލާފަށް އެއްވެސް ސާފު ތާހިރުކަމެއް ނެތި ބިދޭސީން ރާއްޖޭގައި ކުރަމުން ދިޔަ ވިޔަފާރިއަކާ ގުޅިގެން ޓާސްކް ފޯސްއަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކަމަށެވެ.
ބަދިގޭގެ މޭޒުމަތީގައި އެކި ބާވަތްތަކުގެ ރިހަތަކާއި ކާނާ ޕްލާސްޓިކް ކޮތަޅުގައި ވެސް ބަންދުކޮށްފައި ބަހައްޓާފައި ހުރި މަންޒަރު މީސްމީޑިއާގައި އިމިގްރޭޝަނުން ހިއްސާކުރި ފޮޓޯތަކުން ފެނެއެވެ.
އިމިގްރޭޝަނުން ބުނީ، އެ ތަނުގައި ގަވާއިދާ ހިލާފަށް އުޅުނު 15 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.
އެ ތަނުގައި ކުރަމުންދިޔަ ވިޔަފާރި ހުއްޓުވަން މިހާރު ވަނީ ނޯޓިސް ދީފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މިދިޔަ ހަފުތާގައި ވެސް މި ފަދައިން މުޑުދާރުކޮށް ކާބޯތަކެތި ތައްޔާރުކުރަމުން ދިޔަ ބަދިގެއެއް ބަލައި ފާސްކޮށްފައިވެއެވެ. އެ ތަނުގައި މަސައްކަތްކުރި ބިދޭސީންތަކެއް ވެސް ވަނީ އަތުލައިގެންފައެވެ.

މިމަހުގެ 24 ވަނަ ދުވަހު މާލޭގެ ހ.ބިއަންކާ ނަމަކަށް ކިޔުނު ގެ ބަލައި ފާސްކޮށް ގަވާއިދާ ހިލާފަށް އުޅެމުންދާ 15 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި--- ފޮޓޯ/އިމިގްރޭޝަން
ސާފުތާހިރުކަން ކުޑަ ތަންތަނުގައި ކާބޯތަކެތި ތައްޔާރުކޮށް ވިއްކާ ގިނަ އަދަދެއްގެ ބިދޭސީން މިހާތަނަށް އަތުލައިގެންފައިވާއިރު މުޑުދާރުކޮށް ފޯއް ހިއްކައި ވިއްކަމުންދިޔަ ބިދޭސީންތަކެއް ވެސް ވަނީ އަތުލައިގެންފައެވެ.
އަދި، ބިދޭސީއަކު ބުޅާމަސް އަޅައިގެން ކާނާ ތައްޔާރުކުރާކަމަށް ތުހުމަތުކޮށް އެ މައްސަލަ ވެސް ވަނީ ކަމާ ގުޅުންހުރި އިދާރާތަކުން ބަލަން ފަށާފައެވެ.
މި މައްސަލަ ފެންމަތިވެ، އާންމުންގެ ޝަކުވާތައް ބޮޑުވެފައިވަނިކޮށް، ގަވާއިދާ ޚިލާފަށް ކާބޯތަކެތި އުފައްދައިގެން ވިއްކާ ތަންތަން ތަންތަން ބަންދުކޮށް، ފިޔަވަޅުތައް އަޅުއްވާނެ ކަމަށް ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް ވިދާޅުވިއެވެ.
މި މަހުން 23 އިން ފެށިގެން ކާބޯތަކެތީގެ ގާނޫނަށް އަމަލު ކުރަން ފަށާފައިވާއިރު، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)އަށް ބޮޑެތި ބާރުތަކެއް ވަނީ ދީފައެވެ.
އެގޮތުން ގަވާއިދާ ޚިލާފަށް ރަޖިސްޓްރީނުކޮށް ހިންގާ ވިޔަފާރިތައް 50،000 ރުފިޔާ އާއި 100،000 ރުފިޔާ އާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭނެއެވެ. އަދި އެފަދަ ތަންތަން ބަންދުކުރުމުގެ ބާރު ވެސް އެމްއެފްޑީއޭއަށް ލިބެއެވެ.