26 Jun 2012, 09:24
ޤާހިރާ (ޖޫން 26): ކަނޑާލެވިފައިވާ އީރާނާއި މިސްރުގެ ގުޅުންތައް އަލުންޤާއިމް ކުރަން ޖެހޭ ކަމަށް މިސްރުގެ ރައީސްކަމަށް އިންތިޚާބުވެވަޑައިގެންފައިވާ ޑރ. މުޙައްމަދު މަރްސީ ވިދާޅުވެއްޖެ އެވެ.
މިސްރުގެ ރައީސް ކަމަށް އިންތިޚާބުވެވަޑައިގަތުމަށް ފަހު ދެއްވި ބަޔާނެއްގައި ޑރ. މަރްސީ ވިދާޅުވީ އީރާނާއި މިސްރަކީ އިސްލާމީ ދުނިޔޭގެ އެންމެބޮޑެތި ޤައުމުތަކުގެ ތެރޭގައި ހިމެނޭ ދެ ޤައުމުކަމަށާއި މި ދެޤައުމުގެ ދެމެދުގައި ގުޅުންތައް ޤާއިމްކުރުމުން އެކަމުގެ ފައިދާ ދެ ޤައުމުގެ ރައްޔިތުންގެ އިތުރުން އިސްލާމީ އުންމަތަށް ވެސް ކުރާނެކަމުގަ އެވެ.
"މެދުއިރުމަތީގެ ސްޓްރެޓީޖިކް މީޒާން (ސްޓްރެޓީޖިކް ބެލަންސް) ހިފެހެއްޓުމަށް ޓަކައި ވެސް އީރާނާއި މިސްރާދެމެދު ގުޅުންތައް ޤާއިމްކުރަން ޖެހޭ" ޑރ. މަރްސީ ވިދާޅުވި އެވެ.
އީރާނުން މިސްރާ ގުޅުންތައް ކަނޑާލީ މިސްރުން 1979ގައި މިސްރުން އިސްލާއީލާ އެކު ކޭމްޕްޑޭވިޑް ސުލްޙައިގެ މުޢަހަދާގައި ސޮއިކޮށް އިސްރާއީލާ ގުޅުންތައް ޤާއިމްކޮށް ޢަރަބި އިސްލާމީ ދާއިރާ އިން އެ ދުވަސްވަރު މިސްރު ނުކުތުމުންނެވެ. މީގެ އިތުރުން އީރާނުގެ އިސްލާމީ އިންޤިލާބުގައި މަޤާމުން ދުރުކުރެވުނު އެޤައުމުގެ ޑިކްޓޭޓާ ޝާހް މުޙައްމަދު ރިޒާ އަށް މިސްރުގެ ކުރީގެ ރައީސް އަންވަރުއްސާދާތުގެ ވެރިކަމުގައި ޙިމާޔަތާއި ރައްކާތެރިކަންދިނުމަކީ ވެސް ދެ ޤައުމުގެ ގުޅުންތައް ގޯސްވެގެންދިޔަ ކަމެކެވެ.
މެދުއިރުމަތީގެ ޙާލަތު ބަދަލުވެ މިސްރާއި އިސްރާއީލުގެ ގުޅުންތައް ހީނަރުވުމުން މިސްރާ އެކު ގުޅުންތައް އަލުންއުފެއްދުމަށް އީރާން މަސައްކަތްކުރުމުން އީރާން އެކަހެރިކުރުމަށް އެމެރިކާ ގެންގުޅޭ ސްޓްރެޓެޖީއަށް ތަބާވެވަޑައިގެން އީރާނާ ގުޅުންތައް ޤާއިމްކުރުމަށް ދެކޮޅު ހަދާފައި ވަނީ މިސްރުގެ ކުރީގެ ރައީސް ޙުސްނީ މުބާރަކްގެ ސަރުކާރުންނެވެ. ޢަރަބި އަދި އިސްލާމީ ދުނިޔޭގައި އެންމެ ނުފޫޒުގަދަ އެއް ޤައުމު ގޮތުގައި ޙަރަކާތްތެރިވަމުން ދިޔަ މިސްރު، އިސްލާއީލާ އެކު ސުލްޙައިގެ މުޢަހަދާގައި ސޮއިކުރުމުން މިސްރުގެ ބާރާއި ނުފޫޒު ޢަރަބި އަދި އިސްލާމީ ދުނިޔޭގައިވަނީ ކުޑަވެގެންގޮސްފަ އެވެ.
އީރާނާއި ތުރުކީ، އިސްލާމީ ދެބާރުގެ ގޮތުގައި އިސްލާމީ ދުނިޔޭގައާއި މެދުއިރުމަތީގައި ނުފޫޒު ގަދަ ދައުރެއް އަދާކުރަމުންގެންދާ އިރު މިސްރުގެ މިފަދަ ދައުރެއް އިސްލާމީ ދުނިޔޭގެ އިތުރުން ޚުދު މެދުއިރުމަތިން ވެސް ނުފެންނަ ކަމަށް މުޙައްލިލުން ދެކެއެވެ. މެދުއިރުމަތީގެ ބޮޑު ތިންބާރުގެ ގޮތުގައި ސްޓްރެޓީޖިކް ދިރާސާކުރާ ފަރާތްތަކުން މިހާރު ސިފަކުރަމުން ގެންދަނީ އީރާނާއި ތުރުކީއާއި އިސްރާއީލެވެ. މިތިން ޤައުމުގެ ތެރޭގައި ހިމެނޭ ތުރުކީ އާއި އީރާނަކީ ވެސް އިސްރާއީލުގެ ޢުދުވާނީ ސިޔާސަތާ އިދިކޮޅަށް ޙަރަކާތްތެރިވާ ދެޤައުމެވެ. އީރާނުގެ ލީޑަރުން ވަނީ މިސްރުގެ ވެރިކަމަށް އިސްލާމީ ޚިޔާލުގެ ޑރ. މަރްސީ އިންތިޚާބުވެވަޑައިގަތުމުން އޭނާ އަށް ހޫނު މަރްޙަބާއެއް ދަންނަވާފަ އެވެ. (އަލްޖަޒީރާ)