26 Aug 2024, 11:33
މާލޭ ސިޓީ ރަސްފަންނު ސަރަހައްދުގައި މީހަކު ބަހައްޓާފައި ހުރި ދަބަހެއްގެ ތެރެއިން ސެމްސަންގް އެސް22 ފޯނެއް ވަގަށް ނެގިކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށް، އިއްޔެ 15 ދުވަހަށް ބަންދުކޮށްފިއެވެ.
މި މައްސަލައިގައި ހައްޔަރުކުރީ 40 އަހަރުގެ ދިވެހި ފިރިހެނެކެވެ. މިއީ އޭނާ ހައްޔަރުކުރި 44 ވަނަ ފަހަރެވެ.
މީގެ ކުރިން ތަފާތު މައްސަލަތަކުގައި 43 ފަހަރު އެ މީހާ ހައްޔަރުކޮށްފައިވާއިރު އޭގެ ތެރެއިން 22 ފަހަރު ބަންދުކޮށްފައިވާކަން ކޯޓު އަމުރުގައި ފާހަގަކޮށްފައިވެއެވެ. އޭގެ ތެރޭގައި ވައްކަމުގެ މައްސަލަތައް ވެސް ހިމެނެއެވެ.
ކޯޓު އަމުރުގައި ވާގޮތުން ފުލުހުން އޭނާ ހުއްޓުވައި، ބަލައި ފާސްކުރިއިރު ޖިންސުގެ ފަހަތުން ޖިންސާއި ހަށިގަނޑާ ދޭތެރެއިން ކަޅު ކުލައިގެ ސެމްސަންގް ގެލެކްސީ އެސް22 ފޯނެއް ވަނީ ފެނިފައެވެ. އެ މީހާ ވަނީ އެއީ ރަސްފަންނުން ވަގަށް ނެގި ދަބަހެއް ތެރޭގައި އޮތް ފޯނެއް ކަމަށް ފުލުހުގައި އިއުތިރާފުވެފައެވެ.

ކްރިމިނަލް ކޯޓު: ވައްކަމުގެ މައްސަލައިގައި ހައްޔަރުކުރި މީހާ 15 ދުވަހަށް ބަންދުކުރަން ކޯޓުން ވަނީ އަމުރުކޮށްފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ
އެކަމަކު، ސޮއިކުރަން ޖެހޭ އެއްޗެއް ނޯންނާނެ ކަމަށް ބުނެ، ބަޔާންދީ، ތަހުގީގަށް އެއްބާރުލުންދޭން ދެކޮޅު ހަދާފައިވާ ކަމަށް ކޯޓު އަމުރުގައިވެއެވެ.
މި މައްސަލައިގައި ބަންދުކުރަން އޭނާ ކޯޓަށް ހާޒިރުކުރުމުން ވަނީ ފޯނަކީ އޭނާގެ ރައްޓެއްސަކު ގެނެސްދިން އެއްޗެއް ކަމަށް ބުނެފައެވެ. އަދި، ބަލި ހާލަތާ ގުޅޭ ބައެއް ކަންކަން އޭނާ ވަނީ ފާހަގަކޮށްފައެވެ. އެހެންވެ، ބޭސް ފަރުވާގެ އިންތިޒާމުތައް ހަމަޖައްސަން ވަނީ އަންގައިފައެވެ.
މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށް ރިއާޔަތްކުރުމަށް ފަހު ކްރިމިނަލް ކޯޓުން ވަނީ އޭނާގެ ބަންދަށް 15 ދުވަސް ޖަހައިފައެވެ. އެހެންވެ، އޭނާގެ ބަންދުގެ މުއްދަތު ހަމަވާނީ އަންނަ މަހުގެ ނުވަވަނަ ދުވަހަށެވެ.