ބޮލީވުޑްގެ އެކްޓަރު ސަނީ ޑިއޯލް ލީޑް ރޯލް ކުޅޭ ފިލްމު "ބޯޑާ2"ގެ ހާއްސަ ރޯލަކަށް ވަރުން ދަވަން ސޮއިކޮށްފިއެވެ.

ވަރުން ފިލްމުގައި ހިމެނޭކަން އިއުލާނުކޮށް, ފިލްމު ރިލީޒްކުރާ ތާރީޚު ވެސް ވަނީ ރަސްމީކޮށް އިއުލާނުކޮށްފައެވެ.

ފިލްމުގައި ވަރުންގެ އަޑު ހިމެނޭ ޓީޒާއެއް ސޯޝަލް މީޑިއާގައި އާއްމުކޮށްފައިވާއިރު ބެލުންތެރިންނަށް ފިލްމު ގެނެސްދޭން ނިންމާފައިވަނީ ޖެނުއަރީ 23، 2026ގައެވެ. މި ފިލްމަކީ 1997ވަނަ އަހަރު ބުޝަން ކުމާރުގެ ޓީ-ސީރީސްއާއި ޕްރޮޑިއުސަރު ޖޭޕީ ދައްތާގެ ކުންފުނި ޖޭޕީ ފިލްމްސް ގުޅިގެން ގެނެސްދިން "ބޯޑާ"ގެ ސީކުއަލްއެކެވެ.

ބޮލީވުޑްގެ އެންމެ މަގުބޫލު ފިލްމީ ތަރިންގެ ތެރޭ ހިމެނޭ ވަރުން ބުނެފައިވަނީ ފިލްމު "ބޯޑާ"އަކީ ކުޑައިރުގެ ވަރަށް ގިނަ ހަނދާންތައް އާކޮށްދޭ ފިލްމެއް ކަމަށެވެ. ޤައުމިއްޔަތު ރަމްޒުކޮށްދޭ "ބޯޑާ"އިން ހިތުގައި ޤައުމީ ޖޯޝް އާލާކޮށްދޭ ކަމަށާއި އިންޑިއާގެ ބޯޑަރުގެ ފާރަވެރިންގެ ގޮތުގައި މަސައްކަތްކޮށް ޤައުމަށް އަމާންކަން ހޯދައިދޭ ސިފައިންނާއި މިލިޓަރީ އޮފިސަރުންނަށް އޭނާ ސެލިއުޓުކުރާ ކަމަށް ވަރުން ވަނީ ބުނެފައެވެ.

ސަނީ ޑިއޯލް ފިލްމު "ބޯޑާ"ގެ މަންޒަރެއްގައި--ފޮޓޯ/ކޮއިމޮއި

މިދިޔަ އަހަރު ފިލްމު "ބަވާލް"އިން ލީޑް ރޯލުން ފެނުނު ވަރުން އޭގެ ފަހުން ފެނިފައިވަނީ މުޅިން ވެސް ފިލްމުތަކުގެ ޚާއްސަ މެހެމާނެއްގެ ގޮތުގައެވެ.

ނަމަވެސް، މި އަހަރުގެ ފަހުކޮޅު ވަރުންގެ ވަރަށް ވަރުގަދަ ތުރިލާއެއް ރިލީޒް ތައްކުރަންޔާރުވަމުން އަންނައިރު މި އަހަރުގެ ނޮވްމެބަރު މަހުގެ ހަތްވަނަ ދުވަހު ގިނަ ބަޔަކު އިންތިޒާރުކުރާ ވެބް ސީރީޒް "ސިޓަޑެލް: ހަނީ ބަނީ" ޕްރިމިއާކުރާނެއެވެ. އެމޭޒަން ޕްރައިމްގެ މި ވެބް ސީރީޒްއަކީ ވަރުންގެ ކެރިއަރުގެ ފުރަތަމަ ވެބް ސީރީޒެވެ.