25 Jun 2012, 23:35
ރާއްޖޭގައި މަސްތުވާތަކެތި ބޭނުން ކުރާ އަދި އެކަމުގެ ތެރެއަށް ވަންނަ ކުދިންގެ ނިސްބަތް ދަށްވާ ކަމުގެ ނިޝާނެއް ފެންނަން ނެތް ކަމަށް މަސްތުވާތަކެތީގެ ވަބާގައި ޖެހިފައި ތިބޭ ކުދިންނަށް އެހީވުމުގެ ގޮތުން މަސައްކަތް ކުރާ ޖަމިއްޔާ، ޖާނީން ބުނެފި އެވެ.
ބައިނަލްއަގްވާމީ ގޮތުން ފާހަގަ ކުރާ ދުނިޔޭގެ މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތް ކުރާ ދުވަހާ ގުޅުވައިގެން ޖާނީން ތައްޔާރުކޮށްފައިވާ "ކާމިޔާބު ބެލެނިވެރިޔާ"ގެ ފޮތް ނެރުމަށް ނަސަންދުރައިގައި މިރޭ ބޭއްވި ރަސްމިއްޔާތިގައި ވާހަކަ ދައްކަވަމުން އެ ޖަމިއްޔާގެ ޗެއާޕާސަން މުހައްމަދު ޒުބައިރު ވިދާޅުވީ ރާއްޖޭގައި މަސްތުވާތަކެތި ފެތުރިފައި އޮތް މިންވަރަށް ބަލާއިރު އެކަމުގެ ތެރެއަށް ވަންނަން ކުދިންގެ ނިސްބަތް މަދުވުމުގެ އެއްވެސް ނިޝާނެއް ފެންނަން ނެތް ކަމަށެވެ. އަދި އެކަމާ އެޖަމިއްޔާ އިން ކަންބޮޑުވާ ކަމަށް ޒުބެއިރު ވިދާޅުވި އެވެ.
"މިކަމަށް ހައްލެއް ހޯދުމަށް މަސައްކަތް ނުކޮށްފި ނަމަ ރާއްޖޭގެ މުސްތަގްބަލުގެ ގިނަ ޒުވާނުން ކޮންމެސް އެއްޗަކަށް އަޅުދާސްތުވެފައިވާ ޖީލަކަށް ވުމަކީ އެކަށީގެންވާ ކަމެއް،" ޒުބެއިރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކާމިޔާބު ބެލެނިވެރިޔާގެ ނަމުގައި ޑްރަގް ޕްރިވެންޝަން ބުކްލެޓެއް ނެރުމުގެ މައިގަނޑު މަގުސަދަކީ މަސްތުވާތަކެތީގެ ވަބާގައި ޖެހިފައި ތިބޭ ކުދިންގެ ބެލެނިވެރިންނަށް މަސްތުވާތަކެތިން ކުދިން ސަލާމަތް ކުރުމާ ބެހޭ ގޮތުން މައުލޫމާތު ދިނުން ކަމަށެވެ. ޒުބެއިރު ވިދާޅުވީ ދެ ޖިންސުގެ ޒުވާނުން ވެސް މަސްތުވާތަކެއްޗަށް ވަންނަމުދާއިރު، އެކަމަށް އޮތް ހައްލަކީ އެންމެ ތުއްތު އިރުން ފެށިގެން މަސްތުވާތަކެއްޗަށް ނޫނެކޭ ބުނަން ކުދިންނަށް ދަސްކޮށްދިނުން ކަމަށެވެ.
އަދި މަސްތުވާތަކެތި ބޭނުން ކުރާ 90 ޕަސެންޓް ކުދިން އެ ބޭނުން ކުރަނީ ރައްޓެހިންނާ އެއްބައިވުމުގެ ގޮތުންނާއި ނޫނެކޭ ބުނަން ނުކެރިގެންނާއި ނުވަތަ ނޭނގިގެން ކަމަށެވެ. އަދި މައިންބަފައިންގެ ފަރާތުން ކުދިންނަށް އެންމެ ޅައުމުރުން ފެށިގެން މަސްތުވާތަކެތީގެ ނުރައްކާތެރިކަމާ ބެހޭ މައުލޫމާތު ލިބިގެން ބޮޑުވާ ނަމަ އެދަދު 50 ޕަސެންޓަށް ދަށްވާ ކަމަށް ބައެއް ގައުމުތަކުގެ ދިރާސާތަކުން ދައްކާ ކަމަށެވެ. އަދި މިރޭ ބެލެނިވެރިންނަށް ނެރުނު ފޮތުގެ އެހީގައި ކުދިން ބޮޑުވެގެން އަންނަ އިރު މަސްތުވާތަކެއްޗަށް ނޫނެކޭ ބުނަން ކެރޭ ކުއްޖެއްގެ ގޮތުގައި ބޮޑު ކުރުމަށް އެހީވެދޭނެ ކަމަށް ޒުބައިރު ވިދާޅުވި އެވެ.
ކާމިޔާބު ބެލެނިވެރިޔާގެ ފޮތް ހިލޭ ކޮންމެ ގެއަކަށް ވެސް ލިބޭ ގޮތް ވެގެންދިއުމަކީ އެ ޖަމިއްޔާގެ މަގުސަދެއް ކަމަށް ޖާނީން ބުނެ އެވެ.
މިރޭގެ ރަސްމިއްޔާތުގައި ނައިބު ރައީސް މުހައްމަދު ވަހީދުއްދީން ވިދާޅުވީ ސަރުކާރުން ނަގަން ގަސްތު ކުރާ ނެކްސްގެ ނިޒާމު ހަމަޖެހިގެން ދާއިރު އެފަދަ މަސައްކަތް ކުރާ ޖަމިއްޔާތަކަށް ޓެކްސްގެ ތެރެއިން ކޮންމެސް ބައެއް ދިނުމަށް މަސައްކަތް ކުރަމުންގެންދާނެ ކަމަށެވެ. ނައިބު ރައީސް ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލައަކީ މިގައުމުގެ އިޖުތިމާއީ އިގްތިސާދީ ސިޔާސީ އަދި ގައުމުގެ މުސްތަގްބަލަށް ވަރަށް ބޮޑަށް ގުޅިފައި އޮތް ކަމެއް ކަމަށެވެ. ނަމަވެސް ކަމުގެ ނުރައްކާ އަދިވެސް ތަސައްވަރު ނުކުރެވޭ ކަމަށް ވެސް ވިދާޅުވި އެވެ.