26 Aug 2024, 00:30
ސްޕެނިޝް ލަލީގާގައި އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑާއި ވަޔަޑޮލިޑް ބައްދަލުކުރި މެޗު ރެއާލް ކާމިޔާބު ކޮށްފިއެވެ.
ރެއާލްގެ ދަނޑުގައި ކުޅުނު މިމެޗު އެޓީމުން ކާމިޔާބު ކޮށްފައިވަނީ ތިން ލަނޑު ސުން ލަނޑުންނެވެ. ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ރެއާލް އިންނެވެ.
ނަމަވެސް މިމެޗުގެ ފުރަތަމަ ހާފުގައި ރެއާލްއަށް ވަޔަޑޮލިޑްގެ ޑިފެންސް ފޫއަޅުވާލެވޭގޮތެއް ނުވިއެވެ. ފުރަތަމަ ހާފުގައި ވަޔަޑޮލިޑްއިން ވަނީ ވަރަށް ރަނގަޅަށް ޑިފެންޑް ކޮށްފައެވެ.
ފުރަތަމަ ހާފާއި ހިލާފަށް ދެވަނަ ހާފުގައި ދެޓީމު ވެސް ފެނިގެންދިޔައީ ހަމަލާއަށް އިސްކަން ދީގެން ކުޅުނު ތަނެވެ. ނަތީޖާ އަކަށްވީ ދެވަނަ ހާފުގެ ކުޅުން ފެށިތާ ފަސްވަނަ މިނެޓްގައި ރެއާލް އިން މެޗުގެ ލީޑު ނެގުމެވެ. މިލަނޑު ރެއާލަށް ލިބުނު ހިލޭ ޖެހުމަކުން ކާމިޔާބު ކޮށްދިނީ ފެޑެރީކޯ ވަލްވާޑޭއެވެ.
މިމެޗުގައި ރެއާލްގެ ދެވަނަ ލަނޑު މެޗުގެ 88ވަނަ މިނެޓުގައި ޖަހައިދިނީ ބްރަހީމް ޑިއާޒްއެވެ. އަދި ފަހު ލަނޑު މެޗުގެ އިތުރު ވަގުތުގެ ހަވަނަ މިނެޓުގައި ޖަހައިދިނީ އެންޑްރިކްއެވެ. މިއީ ރެއާލާ އަލަށް ގުޅުނު އެންޑްރިކް އެޓީމަށް ލީގުގައި ކާމިޔާބު ކޮށްދިން ފުރަތަމަ ލަނޑެވެ. މިމެޗުގައި ރެއާލްގެ ފުރަތަމަ އެގާރައިގާ ހިމެނިގެން ކިލިއަން އެމްބާޕޭ ކުޅުނު ނަމަވެސް އޭނާ މިމެޗުގައިވެސް ލަނޑެއް ކާމިޔާބު ކުރެވޭގޮތެއް ނުވިއެވެ.
ނަމަވެސް އެމްބާޕޭއަށް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު ލިބިފައެވެ. މިމެޗުގެ ދެވަނަ ހާފުގައި ވަޔަޑޮލިޑްއަށް ވެސް ވަނީ ލަނޑު ޖަހާނެ ރަނގަޅު ދެ ފުރުސަތެއް ލިބިގެން ގޮސްފައެވެ.
މިމުބާރާތުގައި ލެގާނެސް އާއި ލަސް ޕާލްމާސް ބައްދަލުކުރި މެޗު ދެލަނޑު އެއް ލަނޑުން ކާމިޔާބުކުރީ ލެގާނެސް އެވެ. މިމެޗުގައި ލެގާނެސްއިން ކާމިޔާބުކުރި ދެ ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ހުއާން ކްރޫޒް އާއި އެންރިކް ފްރަންކުއޭސާއެވެ. އަދި ލަސް ޕާލްމާސްގެ ލަނޑު ކާމިޔާބު ކޮށްދިނީ ސަންޑްރޯ ރަމިރޭޒްއެވެ.