ޖަރުމަނު ބުންޑެސްލީގާގައި ބަޔޭން މިޔުނިކާއި ވުލްފްސްބާގް ބައްދަލުކުރި މެޗު ކާމިޔާބުކޮށް ބަޔޭންއިން ލީގުގެ ފެށުން ރަނގަޅުކޮށްފިއެވެ.

ވުލްފްސްބާގްގެ ދަނޑުގައި ކުޅުނު މިމެޗު ބަޔޭން އިން ކާމިޔާބު ކޮށްފައިވަނީ ތިން ލަނޑު ދެ ލަނޑުންނެވެ. ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ބަޔޭންއިންނެވެ. މިގޮތުން މެޗުގެ ފެށުން ރަނގަޅުވީ ވެސް ބަޔޭންގެއެވެ.

ބަޔޭންއިންވަނީ މެޗުގެ 19 ވަނަ މިނެޓުގައި އުފެއްދި ހަމަލާއެއްގައި މެޗުގެ ލީޑު ނަގައިފައެވެ. މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ޖަމާލް މުސިއެލާއެވެ. ފުރަތަމަ ހާފުގައި އިތުރު ލަނޑެއް ފެނިގެން ނުދިޔަ ނަމަވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު ދެޓީމަށް ވެސް ލިބިގެންދިޔައެވެ.

ފުރަތަމަ ހާފާ ހިލާފަށް މިމެޗުގެ ދެވަނަ ހާފުގެ ފެށުން ރަނގަޅުވީ ވުލްފްސްބާގްގެއެވެ. މިގޮތުން ދެވަނަ ހާފުގެ ކުޅުން ފެށިތާ ދެވަނަ މިނެޓުގައި ވުލްފްސްބާގްއިން ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މިލަނޑު އެޓީމަށް ޖަހައިދިނީ ލޮވްރޯ މަޔާއެވެ. އަދި މިލަނޑު ޖެހިތާ އަށް މިނެޓު ފަހުން މަޔާވަނީ އިތުރު ލަނޑެއް ޖަހާ ވުލްފްސްބާގަށް ލިޑުވެސް ނަގައިދީފައެވެ.

ނަމަވެސް ވުލްފްސްބާގަށް މިލީޑު ދެމެހެއްޓޭވަރުވީ 10 މިނެޓު ވަންދެނެވެ. މެޗުގެ 65ވަނަ މިނެޓުގައި ބަޔޭން އިން އުފެއްދި ހަމަލާއެއް ވުލްފްސްބާގުގެ ޔާކޫބް ކަމިންސްކީ އަތުން ބައިކޮޅަށް ވަދެވަނީ މެޗުގެ ނަތީޖާ ހަމަހަމަ ވެފައެވެ. މިމެޗުން ބަޔޭން މޮޅުވި ލަނޑު މެޗުގެ 82ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ސާޖީ ގިނެބްރީއެވެ.

މިކާމިޔާބީއާއެކު ބަޔޭންގެ އާ ކޯޗު ވިންސެންޓް ކޮމްޕެނީއަށް ވަނީ ބަޔޭންއާ ހަވާލުވިފަހުން ކުޅުނު ވާދަވެރި ފުރަތަމަ މެޗު ކާމިޔާބު ކުރެވިފައެވެ.

މިމުބާރާތުގައި ހެއިޑެންހެއިމް އާއި އެފްސީ ސެއިންޓް ޕައުލީ ބައްދަލުކުރި މެޗު ދެ ލަނޑު ސުން ލަނޑުން ކާމިޔާބު ކޮށްފައިވަނީ ހެއިޑެންހެއިމްއެވެ. މިމެޗުގައި އެޓީމުން ކާމިޔާބުކުރި ދެ ލަނޑު ކާމިޔާބު ކޮށްދީފައިވަނީ ޕޯލް ވާނާ އާއި ޔާން ޝޫޕްނާއެވެ.