25 Aug 2024, 23:45
އިންގްލިޝް ޕްރިމިއާ ލީގުގައި ލިވަޕޫލާއި ބްރެންޓްފަޑް ބައްދަލުކުރި މެޗު ލިވަޕޫލުން ކާމިޔާބު ކޮށްފިއެވެ.
ލިވަޕޫލުގެ ދަނޑުގައި ކުޅުނު މިމެޗު އެޓީމުން ކާމިޔާބު ކޮށްފައިވަނީ ދެ ލަނޑު ސުން ލަނޑުންނެވެ. ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ލިވަޕޫލުންނެވެ.
މިމެޗުގައި ލިވަޕޫލުން ކާމިޔާބު ކުރި ފުރަތަމަ ލަނޑު މެޗުގެ 13ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބު ކޮށްދިނީ ލުއިސް ޑިއާޒްއެވެ. މިއީ 2022ވަނަ އަހަރު ލިވަޕޫލަށް ބަދަލުވި ޑިއާޒް އެޓީމަށް ކުޅުނު 100ވަނަ މެޗެވެ. ފުރަތަމަ ހާފުގައި އިތުރު ލަނޑެއް ފެނިގެން ނުދިޔަ ނަމަވެސް ލަނޑު ޖަހާނެ ރަނގަޅު ދެޓީމަށްވެސް ލިބި ބޭކާރުވެގެންދިޔަތަން ފެނިގެންދިޔައެވެ.
މިމެޗުގެ ފުރަތަމަ ހާފެކޭ އެއްގޮތަށް ދެވަނަ ހާފުގައި ވެސް ދެޓީމުގެ ކުޅުން ފެނިގެންދިޔައީ ދާދި އެއްގޮތަކަށެވެ. މިގޮތުން ލިވަޕޫލުން ގިނައިރު ބޯޅަ ގެންގުޅެ ހަމަލާއަށް އިސްކަން ދެމުންދިޔައިރު ބްރެންޓްފޯޑް ފެނިގެންދިޔައީ ޑިފެންޑް ކުރުމާއެކު ލިބޭ ފުރުސަތު ތަކުގައި ހަމަލާ އުފެއްދޭތޯ މަސައްކަތް ކުރަމުންދިޔަ ތަނެވެ.
މިމެޗުގައި ލިވަޕޫލުން ކާމިޔާބު ކުރި ދެވަނަ ލަނޑު މެޗުގެ 70ވަނަ މިނެޓުގައި ޖަހައިދިނީ މުހަންމަދު ސަލާހްއެވެ. މިހާފުގައި ލިވަޕޫލުން ގިނަ ހަމަލާ ތަކެއް އުފެއްދި ނަމަވެސް ގިނަ ހަމަލާތައް ކާމިޔާބު ކުރެވޭގޮތެއްނުވިއެވެ.
ލިވަޕޫލުން ޕްރިމިއާ ލީގުގައި މިހާތަނަށް ކުޅުނު ދެމެޗު ކާމިޔާބު ކޮށްފައިވާއިރު މިއީ އެޓީމުގެ އާ ކޯޗު އާން ސްލޮޓްގެ ކޯޗު ކަމުގެ ދަށުން އަމިއްލަ ދަނޑުގައި ކުޅުނު ފުރަތަމަ މެޗެވެ. މިމެޗުގައި ބްރެންޓްފޯޑްގެ ފަރާތުން އެންމެ ރަނގަޅު ކުޅުން ފެނިގެން ނުދިޔަ ނަމަވެސް ދޭތެރެ ދޭތެރެއިން އެޓީމުން ހަމަލާއުފެއްދޭތޯ މަސައްކަތް ކުރިތަން ފެނިގެންދިޔައެވެ. އަދި ބްރެންޑްފޯޑުން މިހާތަނަށް ކުޅުނު ދެމެޗުގައި ވެސް އެޓީމުގެ ނުރައްކާތެރި ފޯވަޑް އިވާން ޓޯނީ ބައިވެރިކޮށްފައެއް ނުވެއެވެ.