25 Aug 2024, 22:19
ރާއްޖޭގައި ފުރަތަމަ ފަރަހަށް ގާއިމުކުރެވޭ ސްމާޓު ކްލާސްރޫމުތަކާ އެކު މަޖީދިއްޔާ ސްކޫކުގެ އައު އިމާރާތް އަންނަ އަހަރު އަޅަން ނިންމާފައި ވާކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މިރޭ މަޖީދިއްޔާ ސްކޫލްގެ އަހަރީ ދުވަހާ ގުޅިގެން އެ ސްކޫލުގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ، މި އިމާރާތުގައި 40 ކްލާސްރޫމު ހިމެނޭނެ ކަމަށެވެ.
ރައީސް ވިދާޅުވީ އެ އިމާރާތް އަޅާނީ މަޖީދިއްޔާ ސްކޫލާ ޖެހިގެން އޮންނަ، ކުރީގެ ދަރުމަވަންތަ ސްކޫލް ހިނގި ބިމުގައި ކަމަށެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ، ދާރުލްއުލޫމު، ނޭޝަނަލް އެޑިއުކޭޝަނަލް މިއުޒިއަމްއެއްގެ ގޮތުގައި ތަރައްގީ ކުރަން ނިންމަވާފައި ވާކަމަށެވެ.
"މި ސްކޫލަށް ރާއްޖޭގެ ތައުލީމީ ހަޔާތުގެ ތާރީޚު ދައްކުވައިދޭ މިއުޒިއަމަކަށް އެތަން ހެދުން،" ރައީސް ވިދާޅުވިއެވެ.