25 Aug 2024, 22:59
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ރުފިޔާ ކާޑުތަކަށް ޑޮލަރު ނުދޭން ނިންމައި އެކަން އިއުލާންކުރީ ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް ނޭނގި ނޫންކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.
ބީއެމްއެލުން މިއަދު ވަނީ ރުފިޔާ ކާޑުތަކަށް ދެމުންއައި ޑޮލަރު ދިނުން އެއްކޮށް ހުއްޓާލަން ނިންމާފައެވެ. ނަމަވެސް، އެ ކަމާ ގުޅިގެން އާންމުންގެ ޕްރެޝަރު ބޮޑުވުމުން، ބީއެމްއެލުންވަނީ ރުފިޔާ ކާޑުތަކަށް ޑޮލަރު ނުދޭން ނިންމި ނިންމުން ބަދަލުކޮށްފައެވެ.
މިއަދު ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރުން ބުނީ، ބީއެމްއެލުން ރުފިޔާ ކާޑުތަކަށް ޑޮލަރުގެ ޚިދުމަތް ނުދޭން ނިންމީ އެކަން ނުކުރުމަށް ރައީސް އަންގަވާފައި ވަނިކޮށް ކަމަށެވެ.
މިކަމާ ގުޅިގެން މިރޭ އޮތް އެމްޑީޕީގެ ގައުމީ މަޖިލިސް ޖަލްސާގައި ވާހަަކަ ދައްކަވަމުން ފައްޔާޒު ވަނީ ރައީސްގެ އަމުރާ ޚިލާފަށް އެފަދަ ނިންމުމެއް ނިންމީތީ ސުވާލު އުފައްދަވައިފައެވެ. ބީއެމްއެލްގެ ބޯޑުގައި ގިނައީ ސަރުކާރަށް ނިސްބަތްވާ ބޭފުޅުންކަން ފާހަގަ ކުރައްވައި ފައްޔާޒު ވަނީ، ސަރުކާރުން ހެދި ގޯސް ބީއެމްއެލްގެ ބޮލުގައި އެޅުވީ ކަމަށް ތުހުމަތު ކޮށްފައެވެ.
"މި ބުނަނީ ބޭންކް އޮފް މޯލްޑިވްސްއިން ބަޣާވާތެއް ކުރަން އުޅުނިއްޔޭ، ތިމަން މަނިކުފާނަށް ނޭނގިއޭ. ނޫން. ކިހިނެއްތޯ ނޭނގި އެ ވަރު ކަމެއް ކުރާނީ. ރޭގައި މުޅި ދިވެހިރާއްޖޭގައި އެ ވާހަކަ ދެކެވެމުން ދިޔައީ" ފައްޔާޒު ވިދާޅުވިއެވެ.
ފައްޔާޒު އިތުރަށް ވިދާޅުވީ ރާއްޖޭގެ މާލީ ނިޒާމުގައި އޮތް މިނިވަންކަން ސަރުކާރުން ދަނީ ފުނޑުފުނޑުކޮށްލަމުން ކަމަށެވެ. މި ކަމުގެ ސަބަބުން ދުނިޔެއަށް އެ ފޮނުވެނީ ރާއްޖޭގައި މާލީ ނިޒާމުގެ މިނިވަންކަން ގެއްލިފައި އޮތް ކަމުގެ ސިގްނަލެއް ކަމަށް ފައްޔާޒު ވިދާޅުވިއެވެ.
"އަޅުގަނޑުމެން މި ތިބީ ރައްޔިތުން އަޅުގަނޑުމެންނަށް ނޫނެކޭ ބުނުމާއެކު، ރައްޔިތުން އާނއެކޭ ބުނި މީހުންނަށް ފުރުސަތު ދީގެން. އެހެން ނަމަވެސް މިއަދު އަޅުގަނޑުމެންނަށް މި ފެންނަނީ އެއްވެސް ވިސްނުމެއް ޕްލޭނެއް ދިވެހިރާއްޖެ ކުރިއަށް ގެންދިއުމަށް ނުވަތަ، ދިވެހިރާއްޖެ ވެއްޓިދާނެ އަނދަވަޅަކުން ސަލާމަތް ކުރުމަށް މި ބޭފުޅުންގެ ނެތްކަން" ފައްޔާޒު ވިދާޅުވިއެވެ.
މިއަދު ބީއެމްއެލްއިން ނިންމި ނިންމުމުގެ ސަބަބުން އާންމުންގެ ގިނަ ބަޔަކު ވަނީ ކަންބޮޑުވުމާއި ނުރުހުން ފާޅުކޮށް ސޯޝަލް މީޑިއާ ފުރާލާފައެވެ.