އިލެކްޝަންސް ކޮމިޝަންގެ މެންބަރުން ކޮމިޝަންގެ މުވައްޒަފުންނާ މެދު ގާނޫނާއި ގަވާއިދާ ހިލާފަށް އަމަލުކުރާ ކަމަށް ބުނެ އިލެކްޝަންސް ކޮމިޝަންގެ މުވައްޒަފުން އެ މައްސަލަ ރައްޔިތުން މަޖިލީހަށް ވައްދައިފި އެވެ.

މުވައްޒަފުން އެ މައްސަލަ މަޖިލީހަށް ވެއްދީ 43 މުވައްޒަފަކު ސޮއިކޮށް މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީއަށާއި މާލިއްޔަތު ކޮމެޓީއަށް ފޮނުވި ސިޓީއެއްގަ އެވެ.

އިލެކްޝަންސް ކޮމިޝަންގެ މުވައްޒިފުންގެ އަދަދަކީ 46 އެކެވެ.

ސަން އޮންލައިނަށް ވެސް ކޮޕީ ލިބިފައިވާ ތިން ސޮފުހާގެ އެ ސިޓީގައި ބުނެފައި ވަނީ ކޮމިޝަންގެ މެންބަރުންގެ މިނިވަން މުސްތަގިއްލު ކަމާ މެދު ސުވާލު އުފެދޭ އެތައް ކަމެއް މެންބަރުން ކުރައްވަމުން ގެންދަވާ ކަމަށާއި ކޮމިޝަންގެ މެންބަރުން ކޮމިޝަންގެ ބަޖެޓުން ހަރަދުކުރައް ވަނީ ވެސް ގާނޫނާއި ގަވާއިދުގެ ބޭރުން ކަމަށެވެ.

ގާނޫނާއި ގަވާއިދުގެ ބޭރުން ކޮށްފައިވާ ކަންތައްތަކުގެ ގޮތުގައި މުވައްޒަފުން ފާހަގަކޮށްފައި ވަނީ ފޯން އެލަވަންސްގެ މައްސަލަ އާއި މުވައްޒިފުން ލައްވައި މެންބަރުންގެ އަމިއްލަ މަސައްކަތްތައް ކުރުވުމާއި ކޮމިޝަންގެ ވަސީލަތްތަކާއި އެހެނިހެން ވެސް ބައެއް ސާމާނު މެންބަރުންގެ އަމިއްލަ ކަންކަމަށް ބޭނުން ކުރާ ކަމުގެ ތުހުމަތެވެ. އަދި ފޯނު އެލަވަންސް ނެންގެވުމާއި ކޮމިޝަނުން ދޫކޮށްފައިވާ އައިޕެޑްތައް އަމިއްލަ ބޭނުންތަކަށް ބޭނުން ކުރެއްވުމާއި ކޮމިޝަންގެ ވޭން އާއިލާ އާއި އަމިއްލަ ދަތުރުތަކަށް ބޭނުންކުރައްވާ ކަމަށް ވެސް މުވައްޒަފުން ވަނީ ތުހުމަތުކޮށްފަ އެވެ.

"...ގާނޫނު އަސާސީ އާއި ވަޒީފާއާ ބެހޭ ގާނޫނާއި މާލިއްޔަތު ގާނޫނާއި ހިލާފު އަމަލުތަކެއް މެންބަރުން ވަނީ ކުރައްވައިފަ އެވެ،" އެ ސިޓީގައިވެ އެވެ.

ދެން މުވައްޒަފުން ފާހަގަކޮށްފައިވާ މައްސަލައަކީ މުވައްޒިފުންނާ މެދު ގާނޫނާއި ގަވާއިދުން ބޭރުން ޒާތީވެ ބައެއް ފިޔަވަޅުތައް އަޅުއްވަމުން ގެންދަވާ މައްސަލަ އެވެ. އެގޮތުން ބައެއް މެންބަރުން މުވައްޒަފުންނާއި ވާހަކަ ނުދައްކަވާ މައްސަލަ އާއި މެންބަރުން މުވައްޒަފުންނާ ދޭތެރޭ މައްސަލަތައް އުފެއްދުމަށް މަސައްކަތް ކުރައްވާ ކަމަށް ވެސް ސިޓީގައިވެ އެވެ.

މެންބަރުން މިނިވަންކަމާ އެކު މަސައްކަތް ނުކުރާ ކަމަށް ބުނެ އެ ސިޓީގައި ހުރި މައިގަނޑު ތުހުމަތަކީ އެކި ޕާޓީތަކަށް އެކި ގޮތަށް މެންބަރުން އަމަލުކުރެއްވުމާއި އަދި ވަކި ޕާޓީއަކަށް ފައިދާ ހޯދައިދޭނެ ކަމަށް ބުނެ މެންބަރުން ފާޅުގައި ވާހަކަ ދައްކަވައި ހައްދަވައިފައިވާ މައްސަލަ އެވެ.

އެ މައްސަލައިގައި މުވައްޒަފުން މަޖިލީހުގައި އެދިފައި ވަނީ މުވައްޒަފުންނާ މެދު އޮތް ހަމަނުޖެހުން ހައްލުކުރުމަށާއި ގާނޫނާއި ގަވާއިދާ ހިލާފަށް އަމަލުކޮށްފައިވާ މެންބަރުންގެ މައްސަލަ ތަހުގީގުކޮށް ފިޔަވަޅު އެޅުމަށެވެ.

އިލެކްޝަންސް ކޮމިޝަންގެ މެންބަރުންގެ މައްސަލަތަކެއް ކޮމިޝަންގެ މުވައްޒަފުން މަޖިލީހަށް ހުށަހެޅުއްވި އިރު އޮޑިޓާ ޖެނެރަލްގެ ރިޕޯޓުން ފެންމަތިވެފައި ހުރި އިލެކްޝަންސްގެ ގިނަ މައްސަލަތަކެއް އަންނަނީ މަޖިލީހުން ތަހުގީގު ކުރަމުންނެވެ.