އިންގްލިޝް ޕްރިމިއާ ލީގުގައި ޗެލްސީ އާއި ވުލްވަހެމްޕްޓަން ވޮންޑަރާސް ބައްދަލުކުރި މެޗު ޗެލްސީން ކާމިޔާބު ކޮށްފިއެވެ.

ވުލްވްސްގެ ދަނޑުގައި ކުޅުނު މިމެޗު ޗެލްސީން ކާމިޔާބު ކޮށްފައިވަނީ ހަ ލަނޑު ދެ ލަނޑުންނެވެ. ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ޗެލްސީއިންނެވެ. މިމެޗު ތަފާތު ބޮޑުކޮށް ޗެލްސީން ކާމިޔާބު ކުރި ނަމަވެސް ފުރަތަމަ ހާފު ވެގެންދިޔައީ ދެޓީމުގެ ފަރާތުން ވާދަވެރި އަދި ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ ހާފަކަށެވެ.

މިމެޗުގެ ފުރަަތަމަ ލަނޑު ޖަހާ މެޗުގެ ލީޑު ނަގާފައިވަނީ ޗެލްސީންނެވެ. މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ފޯވަޑް ނިކްލަސް ޖެކްސަންއެވެ. ނަމަވެސް ވުލްވްސްއިން ވަނީ މެޗުގެ 27ވަނަ މިނެޓުގައި ލަނޑެއް ޖަހާ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ މެތިއުސް ކޫންޔާއެވެ.

މިމެޗުގައި ޗެލްސީން ކާމިޔާބު ކުރި ދެ ވަނަ ލަނޑު މެޗުގެ 45ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބު ކޮށްދީ ދެވަނަ ފަހަރަށް ލީޑު ނަގައިދިނީ ކޯލް ޕާމާއެވެ. މިއާއެކު ފުރަތަމަ ހާފު މި ނަތީޖާގައި އޮވެގެން ނިމިދާނެކަމަށް ހީވި ނަމަވެސް އިތުރު ވަގުތު ހަވަނަ މިނެޓުގައި ވުލްވްސްގެ ޔޯގެން ސްޓްރޭންޑް ލާސެން ޖަހާދިން ލަނޑާއެކު ފުރަތަމަ ހާފު ނިމިގެންދިޔައީ ދެ ލަނޑު ދެ ލަނޑުން ދެޓީމު އެއްވަރު ވެގެންނެވެ.

ފުރަތަމަ ހާފުގައި ފެނިގެންދިޔަ ކުޅުމާއެކު ދެވަނަ ހާފުގައި ވެސް ވާދަވެރި ކުޅުމެއް ފެނިގެންދާނެކަމަށް ހީވިނަމަވެސް މި ހާފުގައި ޗެލްސީ ފެނިގެންދިޔައީ ވުލްވްސްއާ އަޅާބަލާއިރު މާ މޮޅުކޮށެވެ. މިގޮތުން މެޗުގެ 49ވަނަ މިނެޓުގައި ނޯނީ މަޑުއެކީވަނީ ޗެލްސީގެ ތިންވަނަ ލަނޑު ޖަހާދީ އަނެއްކާ ވެސް އެޓީމަށް ލީޑު ނަގައިދީފައެވެ. އަދި މަޑުއެކީވަނީ މެޗުގެ 58 ވަނަ މިނެޓާއި 63 ވަނަ މިނެޓުގައި އިތުރު ދެ ލަނޑު ކާމިޔާބު ކޮށް ހެޓްރިކް ހަދާފައެވެ.

މިތިން ލަނޑުވެސް މަޑުއެކީ ޖަހާފައިވަނީ ޕާމާ ތަނަވަސްކޮށްދިން ތިން ބޯޅައިންނެވެ. އަދި ޗެލްސީގެ ފަހު ލަނޑު މެޗުގެ 80ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބު ކޮށްދިނީ ބަދަލު ކުޅުންތެރިއެއް ކަމުގައިވާ ޖާއޮ ފީލިކްސްއެވެ. ވުލްވްސްގެ ފަރާތުން ފުރަތަމަ ހާފުގައި ފެނިގެންދިޔަ ކުޅުން މިހާފުގައި ތަކުރާރު ކުރެވޭގޮތެއް ނުވިއެވެ.

މިއީ ލީގުގައި ޗެލްސީ މިފަހަރު މޮޅުވި ފުރަތަމަ މެޗެވެ. އެޓީމު ވަނީ ފުރަތަމަ މެޗުގައި ޗެމްޕިއަން މެންޗެސްޓާ ސިޓީ އަތުން ބަލިވެފައެވެ. މިމުބާރާތުގައި ބޯންމޯތާއި ނިއުކާސްލް ޔުނައިޓެޑް ބައްދަލުކުރި މެޗު އެއް ލަނޑު އެއް ލަނޑުންވީ އެއްވަރެވެ.

މިމެޗުގައި ބޯންމޯތުގެ ލަނޑު މެޗުގެ 37ވަނަ މިނެޓުގައި މާކަސް ޓަވަނިއާ ކާމިޔާބު ކޮށްދިން އިރު ނިއުކާސްލްއަށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދިނީ މެޗުގެ 76ވަނަ މިނެޓުގައި އެންތަނީ ގޯޑަންއެވެ. މިމެޗުގެ އިތުރު ވަގުތުގެ ތިންވަނަ މިނެޓިގައި ބޯންމޯތުގެ ޑަންގޯ ކުއަޓާރާ ލަނޑެއް ކާމިޔާބު ކުރި ނަމަވެސް އެބޯޅަ ގޯލަށް ވަނުމުގެ ކުރިން އޭނާ އަތުގައި ޖެހިފައިވާކަމަށް ބުނެ އެލަނޑު ވަނީ ބަލައިނުގެންފައެވެ.