ށ. ފޭދޫގައި 15 އަހަރުގެ ސްކޫލް ކުއްޖަކު ވިހާފައި ދަރިފުޅު މަރާލުމަށް ފަހު ވަޅުލި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ ފޭދޫ ކައުންސިލް އިދާރާ އިން ކުރި ރިޕޯޓާކާ ގުޅިގެން ފުލުހުން އެ ރަށަށް ގޮސް ބެލިއިރު އެ ކުއްޖާ ވަޅުލާފައި އޮތީ އަންހެން ކުއްޖާގެ ދިރިއުޅޭ ވައިމަތީގޭ ގިފިލި ތެރޭގައި ކަމަށެވެ. އަދި ފުލުހުންނަށް އެ މައްސަލަ ރިޕޯޓް ކުރީ މިއަދު އިރުއޮއްސި 6:30 ހާއިރު ކަމަށެވެ.

އެ މައްސަލައާ ގުޅިގެން އަންހެން ކުއްޖާ ވެސް އަދި އިތުރު މީހަކު ވެސް ހައްޔަރު ކުރި ކަމަކަށް ފުލުހުން އަދި ނުބުނެ އެވެ.

ފޭދޫ ކައުންސިލަރު ހުސެއިން ސޮލާހު ވިދާޅުވީ އަންހެން ކުއްޖާ ވިހެއުމަށް ފަހު އޭނާ ވިހ އަންހެން ދަރިފުޅު މަރާލައި ވަޅުލި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ތަހުގީގު ކުރުމަށް ފުލުހުން އެ ރަށުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. އެ ރަށުގައި ހަތަރު ފުލުހުން ތިބި އިރު އިތުރު ފުލުހުން ވެސް އެރަށް ދަތުރު ކުރަމުންދާ ކަމަށް ކައުންސިލް އިދާރާ އިން ބުންޏެވެ. އަދި ބުނީ އެ ހާދިސާއާ ގުޅިގެން ފޭދޫ ހަލަބޮލިވެފައިވާ ކަމަށެވެ.

ނަން ނުޖެހުމަށް އެދި ފޭދޫން ވާހަކަ ދެއްކި މީހަކު ބުނީ ސްކޫލްގައި ކިޔަވަމުން އަންނަ ދަރިވަރު ކުއްޖަކު ވިހެއީ އޭނާގެ ދޮންބައްޕައަށް ކަމަށް ބައެއް މީހުން ތުހުމަތު ކުރާ ކަމަށެވެ. އަދި ވިހެއުމަށް ފަހު މަރާލައި ވަޅުލީ އަންހެން ކުއްޖެއް ކަމަށް ވެސް އެމީހާ ބުންޏެވެ.

އެ ރަށުން ވާހަކަ ދެއްކި އެހެން މީހަކު ބުނީ އެ އަންހެން ކުއްޖާ ބަލިވެ އިނީ އޭނާގެ ދޮންބައްޕައަށް ކަން ސިއްރު ކުރުމަށް އާއިލާ އިން މަސައްކަތް ކުރި ކަމަށާއި އެ ކުއްޖާ މިއަދު ވިހޭ ކަން އެނގުނީ ރަށު ބަޔަކަށް ޝައްކުވެގެން ބެލުމުން ކަމަށެވެ. އަންހެން ކުއްޖާ ވިހެއީތޯ އެގޭގެ މީހުން ގާތު ރަށުގެ ބައެއް މީހުން ގާތު އެހުމުން އެފަދަ ކަމެއް ނުހިނގާ ކަމަށް ބުނުމުން ފުލުހުންނަށް ރިޕޯޓް ކުރީ ކަމަށް ވެސް ބުންޏެވެ.

ނަހަލާލަށް ވިހައި އަންހެން ކުއްޖާ އަށް އެކި ފަހަރު މަތިން އެ ރަށުގެ މީހުން ޖިންސީ ގޯނާ ކޮށްފައިވާ މައްސަލަތައް މީގެ ކުރިން ފެންމަތިވެފައިވާ ކަމަށެވެ.