25 Jun 2012, 21:18
ތޫނިސް (ޖޫން 25): ގައްޒާފީގެ ވެރިކަމުގައި ލީބިޔާގައި އެންމެ ފަހުން ބޮޑުވަޒީރުކަން ކުރެއްވި ޑރ. އަލްބަޣްދާދީ އަލްމަޙްމޫދީ ތޫނިސްގެ ސަރުކާރުން ލީބިޔާ ސަރުކާރާ ޙަވާލުކޮށްފި އެވެ.
ގައްޒާފީގެ ވެރިކަމުގެ އެންމެ ފަހު ދުވަސްތަކުގައި ލީބިޔާގެ ރައްޔިތުންނާ ދެކޮޅަށް އިންސާނިއްޔަތާ ޚިލާފު ޖަރީމާތައް ހިންގެވިކަމުގެ ތުހުމަތު ލީބިޔާގެ އައު ސަރުކާރުން ކޮށްފައިވާ ސްޕެޝަލިސްޓް މެޑިކަލް ޑޮކްޓަރ އަލްބަޣްދާދީ އަލްމަޙްމޫދީ އެއްގަމު މަގުން އަވަށްޓެރި ތޫނިސް އަށް ފިއްލަވާފައި ވަނީ ގައްޒާފީގެ ވެރިކަން ވެއްޓުމާއެކުގަ އެވެ.
ތޫނިސްގެ ޖަލެއްގައި ހައްޔަރުކޮށްފައި ހުންނެވި ޢުމުރުން 67 އަހަރުގެ ޑރ. އަލްމަޙްމޫދީ ލީބިޔާ ސަރުކާރާ ޙަވާލުކޮށްފައި ވަނީ އިއްޔެގެ ވަގުތެއްގަ އެވެ. ތޫނިސްގެ ޢަސްކަރީ ހެލިކޮޕްޓަރެއްގައި އޭނާ ލީބިޔާ އަށް ގެންދިޔުމަށް ފަހު މިހާރު ޑރ. އަލްމަޙްމޫދީ ހުންނެވީ ލީބިޔާގެ ޖަލެއްގައި ކަމަށް ލީބިޔާ އިން ލިބޭ ޚަބަރުތައް ބުނެ އެވެ.
ޑރ. އަލްމަޙްމޫދީގެ މައްޗަށް އިންސާފުވެރި ގޮތެއްގައި ލީބިޔާގައި ޝަރީޢަތް ނުހިންގޭނެކަން ކަށަވަރުވެފައިވާ އިރު ތޫނިސްގެ ސަރުކާރުން އޭނާ ލީބިޔާއާ ޙަވާާލުކުރުމަކީ ބައިނަލްއަޤްވާމީ ޖަރީމާއެއް ކަމަށް އޭނާގެ ޤާނޫނީ ވަކީލުންގެ ޓީމުންބުނެ އެވެ. ގައްޒާފީގެ ވެރިކަމުގައި އިސްމަޤާމުތައް އަދާކުރައްވާފައިވާ މަސްއޫލުވެރިންގެ ތެރެއިން ޑރ. އަލްމަޙްމޫދީއަކީ އެންމެފަހު ވަގުތާޖެހެންދެން ވެސް ގައްޒާފީއަށް ވަފާތެރިވެވަޑައިގެން ހުންނެވި މަދު ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ.
ގައްޒާފީގެ ސަރުކާރުގެ ބޮޑެތި ސިއްރުތައް އެނގިވަޑައިގަންނަވާނެ ހަމައެކަނި ޝަޚްސިއްޔަތު ކަމަށް ބެލެވިފައިވާ ޑރ. އަލްމަޙްމޫދީގެ ސިއްޙީޙާލުކޮޅު ވަރަށް ދެރަކަމަށް މީޑިޔާ ރިޕޯޓްތައް ބުނެ އެވެ. -- އަލްޖަޒީރާ