25 Aug 2024, 13:09
އިލެކްޓްރިކް ވެހިކަލް ގެންގުޅުމަށް ހިތްވަރު ދިނުމަށް ދޮންއަދަރާދަ މަގުގައި އިލެކްޓްރިކް ވެހިކަލް ޗާޖިން ސްޓޭޝަނެއް ގާއިމު ކުރަން ނިންމާފައިވާ ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ މިއަދު ވިދާޅުވެއްޖެއެވެ.
މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ފަހުމީ ވިދާޅުވީ، ރައީސް ޑރ. މުޙައްމަދު މުއިއްޒު ގެންގުޅުއްވާ ތިމާވެށީގެ ހަރުދަނާ ސިޔާސަތުގެ ދަށުން އެކުންފުނިން ވެހިކަލްތަކަށް ޗާޖު ކުރެވޭ ސްޓޭޝަނެއް ގާއިމު ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
އެގޮތުން، މި މަސައްކަތަކީ ސާފު ހަކަތައާއި ތިމާވެއްޓާ ރައްޓެހި ދަތުރުފަތުރުގެ ވަސީލަތްތަކަށް ގައުމު ބަދަލު ކުރުމުގައި ރައީސް މުއިއްޒު ދައްކަވާ ލީޑަޝިޕްގެ ހެއްކެއް ކަމަށް ފަހުމީ ވިދާޅުވިއެވެ.
މީގެއިތުރުން، ގައުމާއި ދުނިޔެއަށް އަންނަ ކުރިއެރުންތަކާއެކު ތިމާވެއްޓާ ރައްޓެހި އުޅަނދުތަކަށް އޮންނަ ޑިމާންޑު ބޮޑުވެފައިވާކަން ފާހަގަކުރައްވައި ފަހުމީ ވިދާޅުވީ، މި ސްޓޭޝަންގެ ބޭނުމަކީ އެފަދަ އުޅަނދުތައް ގެންގުޅެން ބޭނުންވާ ފަރާތްތަކަށާއި މިހާރުވެސް ގެންގުޅޭ ފަރާތްތަކަށް ލުއި ފަސޭހަތައް ހޯދައިދިނުމާއި އިލެކްޓްރިކް ވެހިކަލް ގެންގުޅުމަށް ހިތްވަރު ދިނުން ކަމަށެވެ.

ސްޓެލްކޯއިން ދޮންއަދަރާދަ މަގުގައި ގާއިމުކުރާ އިލެކްޓްރިކް ވެހިކަލް ޗާޖިން ސްޓޭޝަން އިންނާނެ ގޮތް ---- ފޮޓޯ/ އެމްޑީ ފަހުމީ
ވަރަށް އަވަހަށް މި ސްޓޭޝަންގެ މަސައްކަތްތައް ނިންމައި ހަތަރުފުރޮޅުލީ ވެހިކަލްތަކާއި ދެ ފުރޮޅުލީ ވެހިކަލްތައް ޗާޖު ކުރެވޭ ގޮތަށް ސްޓޭޝަންގެ ޚިދުމަތް ރައްޔިތުންނަށް ހުޅުވާލާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އެއާއެކު، މި މަސައްކަތުގައި މާލޭ ސިޓީ ކައުންސިލާ މަޝްވަރާކޮށް، ކައުންސިލްގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމުގެ ޔަގީންކަން ސްޓެލްކޯއަށް ދީފައިވާކަން ފަހުމީ ވަނީ ފާހަގަކުރައްވާފައެވެ.
އެ ސްޓޭޝަންއިން ޗާޖުކުރުމުގެ ވަސީލަތްތައް ފަސޭހައިން ލިބޭނެ ގޮތް ހަދައި ކަރަންޓުން ދުއްވާ އުޅަނދުތައް އާންމުވުމުން ދެމެހެއްޓެނިވި ދަތުރުފަތުރުގެ ނިޒާމެއް ގާއިމުކުރުމަށް މަގުފަހިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.