25 Aug 2024, 10:57
އިއްޔެ މީސްމީޑިއާއަށް ދޫކޮށްލެއްވި ނަސޭހަތުގެ މެސެޖަކީ ކުރިން ވެރިކަން ކުރެއްވި ބޭފުޅުންނާއި ދައުލަތުގެ އިސް މަގާމުތައް އަދާކުރެއްވި ބޭފުޅުންނަށް ރައްދުކޮށް ދެއްވި ނަސޭހަތެއް ކަމަށް ނައިބު ރައީސް ހުސައިން މުޙައްމަދު ލަތީފް މިއަދު ވިދާޅުވެއްޖެއެވެ.
ނައިބު ރައީސްގެ ރަސްމީ އެކްސް އެކައުންޓުން އިއްޔެ ވަނީ ނަސޭހަތުގެ ބަސްކޮޅެއް ހިއްސާކުރައްވައިފައެވެ. އެ ޕޯސްޓުގައި ވަނީ ކޮންމެ ކަމަކީ ވެސް ވަގުތު ކަނޑައެޅިގެންވާ ކަމެއް ކަމަށާއި އެއީ ދުނިޔޭގެ އާދަ ކަމަށެވެ. އެ ލިބުނު ވަގުތަށް އިހުތިރާމުކޮށް ޝުކުރުވެރިވުމުން ލިބޭ ގަދަރާއި އުފާވެރިކަން ރަނގަޅު ކަމަށާއި އެއްވެސް ކަމަކީ ދާއިމަށް ތިމާގެ ހައްގެއް ނޫން ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
އެ ޕޯސްޓާ ގުޅިގެން ބައެއް މީހުން ވަނީ އެ ނަސޭހަތުގެ ބަސްކޮޅަކީ މިހާރުގެ ރައީސް ޑރ. މުޙައްމަދު މުއިއްޒަށް އަމާޒުކުރެއްވި ބަސްކޮޅެއް ކަމަށެވެ. އެގޮތުން، ބައެއް ސިޔާސީ ބޭފުޅުން ވަނީ އެފަދަ މޭރުމަކުން ވާހަކަދައްކަވައިފައެވެ.
އެހެންވެ، އެކަން ސާފުކޮށްދެއްވާ މިއަދު ކުރެއްވި ޕޯސްޓެއްގައި ނައިބު ރައީސް ވިދާޅުވީ، އެ ނަސޭހަތަކީ ކުރިން ވެރިކަން ކުރެއްވި ބޭފުޅުންނަށް ރައްދުކޮށް ދެއްވި މެސެޖެއް ކަމަށެވެ.
އެގޮތުން، ދައުލަތުގެ ވެރިންނާއި އިސް މަގާމުތައް ފުރުއްވާ ބޭފުޅުންނަކީ ރައްޔިތުން ނިންމާފައިވާ ވަކި މުއްދަތަކަށް މަސްއޫލިއްޔަތު އަދާކުރައްވަން ޖެހިވަޑައިގަންނަވާ ބޭފުޅުންކަން ނައިބު ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
އެ މުއްދަތު ހަމަވުމުން އެ ކަމަށް އިޙުތިރާމުނުކުރުމަކީ ރައްޔިތުންގެ ނިންމުމަށް އިހްތިރާމު ކުޑަކޮށް އެނިންމަށް ގޮންޖެހުން ކަމުގައި ގަބޫލުކުރަން،ނައިބު ރައީސް ހުސައިން މުޙައްމަދު ލަތީފް
މީގެ އިތުރުން، ކުރިއަށް އޮތް ތަނުގައި އެފަދަ ބޭފުޅުންނަށް ޒިންމާދާރުކަމާ އެކު ސަރުކާރު ޖަވާބުދާރީކޮށް، ރައްޔިތުންގެ އިހުތިރާމު ލިބޭ ގޮތަށް މަސައްކަތް ކުރައްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ނައިބު ރައީސް ވިދާޅުވެފައިވެއެވެ.
އެހެންކަމުން ރައީސްގެ ބަސްކޮޅު ރައްދުކުރެއްވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ކަމަށް ބެލެވެއެވެ.
ނައިބު ރައީސް ހުސައިންއަކީ ރައްޔިތުންގެ މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ މެންބަރުކަން ކުރެއްވީއިރު ޔާމީންގެ ވަރަށް އަރިސް ބޭފުޅެކެވެ. އެކަމަކު، މި ސަރުކާރު އުފެދުނުތާ ހަފުތާއެއް ނުވަނީސް ޔާމީން ވަނީ ޕީޕީއެމުން ވަކިވެވަޑައިގެން އަމިއްލަފުޅު ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ފައްޓަވައިފައެވެ.
އެއަށް ފަހުގައި ޔާމީން ގެންދަވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ.