25 Jun 2012, 19:42
ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމްގެ ދަރިކަލުން ޣައްސާން މައުމޫން ހައްޔަރު ކުރީ ގާނޫނު އަސާސީއާ ފުލުހުންގެ ގާނޫނާ ޚިލާފަށް ކަމަށް ބުނެ ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ޖިނާހުގެ މައްޗަށް ކުރި ދައުވާ ސާބިތުނުވާ ކަމަށް މިއަދު ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ
ކުރީ ސަރުކާރުގައި ކްރައިމް ކޮމާންޑްގެ ހެޑަކަށް ހުންނެވި ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ޖިނާހުގެ މައްޗަށް ސިވިލް ކޯޓުގައި ޣައްސާންގެ ފަރާތްޕުޅުން ދައުވާ ކޮށްފައިވަނީ މިދިޔަ އަހަރުގެ އޮކޮޓޯބަރު މަހު 24 ވަނަ ދުވަހު އެމްޑީޕީން މ. އެންދެރިމާގޭ ކައިރިއަށް އެއްވެ ކުރި މުޒާހަރާއެއްގައި އެގޭގެ މަތިން ވެއްޓުނު ލަކުޑި ބުރިން ޖެހި ކުއްޖަކަށް އަނިޔާވި މައްސަލައިގައި ޣައްސާން ހައްޔަރު ކުރުމާ ގުޅިގެނެވެ.
މިހާރުގެ ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިިސްޓަރު ޣައްސާން ޖިނާހުގެ މައްޗަށް ކޮށްފައިވާ ދައުވާއާ ގުޅިގެން ސިވިލް ކޯޓުގެ ގާޒީ އާއިޝާ ޝުޖޫން މުހައްމަދު މިއަދު ނެރުއްވި ހުކުމުގައި ބުނެފައިވަނީ ގާނޫނާ ހިލާފަށް އަމަލުކޮށް ޣާއްސާނު ހައްގުތައް ނިގުޅައިގަތުމުގައި ނުވަތަ ހަނި ކުރުމުގައި ޖިނާހުގެ ދައުރަކީ ކޮބައިކަން އެނގެން ނެތް ކަމަށެވެ.
އަދި ޣައްސާން ހައްޔަރުކޮށްފައިވަނީ ގާނޫނާއި ހިލާފަށް ކަމަށްބުނެ ޕޮލިސް އިންޓެގްރިޓީ ކޮމިޝަނަށް ހުށަހެޅި މައްސަލަގައި އެ ކޮމިޝަނުން ނިންމާފައިވަނީ ޣައްސާން ބަންދުކުރުމުގައި ޖިނާހު ފަރުދީ ގޮތުން ޒިންމާވާން ނުޖެހޭނެ ކަމަށް ކަން އެ ކޮމިޝަނުން ކޯޓަށް ފޮނުވާފައިވާ ލިޔުމުން ވެސް އެނގެން އޮތް ކަމަށެވެ.
ޖިނާހް މިހާރު ހުންނެވީ ޑިވޮލޮޕްމަންޓް ޕްރޮޖެކްޓްސް އޮފިސަރުގެ މަގާމުގަ އެވެ.