ފުން ވިސްނުމެއްގައި ޒައިނާ އޮތްއިރު، މީހަކު އައިސް އެތަނަަށް ހުއްޓުނުކަމެއްވެސް އޭނާއަކަށް ރޭކާއެއް ނުލިއެވެ. ސިހުނީ ކޮނޑުގައި މީހަކު އަތް ޖައްސާލުމުންނެވެ.

އޭނާއާ ދިމާލަށް ކުޑަކޮށް ގުދުވެލައިގެން އޮތް، އިޝްފާން ފެނި ޒައިނާގެ ނޭވާވެސް އަރުތެރޭގައި ތާށިވިއެވެ. ދެލޯ ބޮޑުކޮށްލެވުނުއިރު، އޭނާގެ ހިތުގެ ތެޅުން ކޮންޓްރޯލް ނުކުރެވޭ ވަރަށް ބާރުވެއްޖެއެވެ. އެއްޗެއް ބުނާނެ ހިތްވަރު ނުލިބި، އަތުން ލޯ ފުހެލަން ހަނދާންވީވެސް އިރުކޮޅެއް ފަހުންނެވެ.

"އަހަރެން މި ތަނުގައި އިށީންނަންތަ؟" އިޝްފާންގެ އަޑު މަޑެވެ. އެ އަޑުގައިވަނީ ޒައިނާއާ މެދު އޭނާ ކަންބޮޑުވެފައިވާ ފަދަ އަސަރުތަކެކެވެ. އަދި އޯގާތެރިކަމާއި ހަމްދަރުދީގެ އަސަރުތަށްވެސް އެ އަޑުން ފާޅުވަމުން ދިޔައެވެ. އިޝްފާންގެ އެ އަމަލުން ޒައިނާގެ ހިތަށް ބުނެދޭން ނޭނގޭ ގޮތްތަކެއް ވަމުން ދިޔައިރު ލޭނާރުތަކަށްވެސް އެ އަސަރު ފޯރަން ފަށައިފިއެވެ. އަނގައިން ބުނުމެއްނެތި ބޯ ޖަހާލަލުން ޒައިނާ އިސްޖަހާލިއެވެ.

ޒައިނާގެ ކައިރީގައި އިށީނުމަށްފަހު، އިޝްފާން ވަރަށް ފުންކޮށް ޒައިނާއަށް ބަލާލިއެވެ. އެހާ ގާތުގައި އިންނަން ވުމުން ޚުދު އޭނާއަށް ވެސް އަމިއްލަ އިޙްސާސްތައް ކޮންޓްރޯލް ކުރެވޭ ގޮތެއް ނުވިއެވެ. ޒައިނާ އިސްޖަހާލައިގެން އިންއިރު އެ ހިތުގައި އަޅަމުންދާ ވޭން އޭނާއަށް ތަސައްވަރު ކުރެވުނީ ޚުދު އެފަދަ ވޭނަކާ ތަކުލީފެއް އޭނާގެ ހިތަށްވެސް ލިބިގެން ދާތީއެވެ. ލޯތްބާ ދުރަށް ދިޔުމަކީ ކިހާ ވޭން ހުރިކަމެއްކަން އޭނާއަށް ވެސް އެނގޭތީއެވެ.

"އާރ ޔޫ އޯކޭ؟" އިޝްފާން ސުވާލުކޮށްލުމުން މި ފަހަރުވެސް ޒައިނާ ބޯ ޖަހާލިއެވެ.

އަހަންނާ ވާހަކަ ނުދައްކާނަންތަ؟" ޒައިނާގެ ހިމޭންކަން އިޝްފާންއަށް އުނދަގޫކުރަން ފެށިއެވެ.

"އަހަރެން ވަކި ކީކޭ ބުނާނީ؟" އިރުކޮޅެއްގެ ހިމޭންކަމަކަށްފަހު ޒައިނާ ވާހަކަ ދެއްކިއިިރު، އެ އަޑު ވަނީ ކުރަކިވެފައެވެ. މާ ބޮޑަށް ރޮވުނީކަމަށްވެސް ވެދާނެއެވެ. މަޑުމަޑު ތުރުތުރު އެޅުމެއްގެ އަސަރުވެސް އެ އަޑުގައިވެއެވެ.

"ސޮރީ…. ވަރަށް ބޮޑަށް ސޮރީ… އެގޮތަށް އަހަރެން ޒައިނާއާ ވާހަކަ ދައްކައިގެން ނުވާނެ!" ކުރެވުނީ ކުށެއްކަމުގައި އިޝްފާން އިއުތިރާފްވި ވަގުތު ޒައިނާއަށް ދެލޯ މަރާލެވުނެވެ. އިޝްފާންއާ މެދު އެ ހިތުގައި އުފެދިފައިވާ ލޯބީގައި، އެއްވެސް ވިސްނުމެއްނެތި އިޝްފާން ކޮޅުފައިން ޖެހިއިރު އޭނާގެ ހިތަށް ކުރާނެ އަސަރަކާ ދޭތެރޭ އޭރު ނުވިސްނި ވިސްނުމެއް މިހާރު ވިސްނަން ވީ ކީއްވެހެއްޔެވެ؟ ހިތުގައި އުފެދުނު ޝަކުވާތަކުގެ ސަބަބުން ޒައިނާ އިނީ އިޝްފާންއަށް ބަލާލަން ނުކެރިފައެވެ.

"އިޓްސް އޯކޭ! ކީއްވެ އިޝްފާންއަށް އަހަންނާ އެގޮތަށް ވާހަކަ ނުދެއްކެންވީ. އަހަރެން މީ އިޝްފާންގެ ކާކު؟" ހިތުގެ ޝަކުވާތައް ދުލުން ނުކުންނަ ބަސްތަކެއްގެ ސިފައިގައި ބޭރުކުރެވެން ފެށި ޒައިނާ ތުންފަތުގައި ދަތް އަޅާލީ އޭނާގެ އަމިއްލަ ނަފްސުގެ އިޚްތިޔާރު ވެސް އޭނާއަށް ނެތީތީއެވެ. ވާނީވެސް އެހެން ނޫން ހެއްޔެވެ؟ އިންސާނާގެ ހިތަކީ އެފަދަ އެއްޗެއް ނޫން ހެއްޔެވެ؟ ޝަކުވާތައް ފުނިޖެހުމުން ހިތަށް ލުއިކަން ދިނުމުގެ މަޤްސަދުގައި ބޭއިޚްތިޔާރުގައި ހިތުގައި އުފެދޭ ޝަކުވާތައް ލަފުޒުތަކެއްގެ ސިފައިގައި ބޭރުކުރެވިގެން ދެއެވެ. އެއާއެކު ހިތަށް ތަސައްލިއެއް ލިބިގެންދަނީ އަނެކާއަށް ކޮންމެވެސް ވަރަކަށް ތިމާގެ ހިތުގެ ޙާލަތު ފަހުމްވާނެތީއެވެ. އަދި ފަހުމް ނުވިއެއްކަމަކު އެ ހިތުގެ ޙާލު ވަޒަންކޮށްލެވޭނެ ކަމަށް އުންމީދު ކުރެވޭތީއެވެ. އަދި އުންމީދު ކުރެވޭ ހިނދަކު އެއްގޮތުން ނޫނީ އަނެއް ގޮތުންވެސް އަނެކާއަށް އިންތިޒާރު ކުރެވޭނެ ނޫންހެއްޔެވެ؟

"އަހަންނާ ޒައިނާގެ ގުޅުމެއް ނެތަސް، އަހަންނަށް އެގޮތަށް ވާހަކަ ދެކެވިގެން ނުވާނެ!.... އަހަންނަށް އެނގޭ އެކަމާ ހިތްހަމަ ނުޖެހިގެންކަން ޒައިނާ ގެއަށް ނުދާން ތި އިނީ؟ ނޫންތަ؟" އިޝްފާން އެހެން ބުނެލުމާއެކު، ޒައިނާ އިޝްފާންއަށް ބަލާލިއެވެ. އެ އަޑުގައިވި އޯގާތެރިކަން އޭނާއަށް ދިނީ އިތުރު ހިތްދަތިކަމެކެވެ. އޭނާއަށް އެ ޙަޔާތުން ފުރުސަތު ދޭން ބޭނުންނުވާއިރު އޭނާގެ ހިތަށް އުންމީދުތަކެއް އިޝްފާން ދެނީ ކީއްވެހެއްޔެވެ؟

"އަހަންނަކަށް ނޭނގޭ އެގެއަށް ގޮސް ވަންނާނީ ކޮން ހައިސިއްޔަތަކުން ކަމެއް؟" ހަޤީގަތުގައި ޒައިނާ އިނީ ލަދުގަނެފައެވެ. އެ ހިނގި ހާދިސާއަށްފަހު، އޭނާ އެގޭގައި މަޑުކުރާނީ ކިހިނަކުން ހެއްޔެވެ؟

އަހަންނަށް އަދިވެސް މާފެއް ނުކުރަން ދޯ! ވާހަކައެއް ބުނަންތަ؟" އިޝްފާން އަހާލިއެވެ.

"ހޫމް" ޒައިނާ ހަމައެކަނި ހޫމްއަކުން ފުއްދާލީއެވެ.

"އަހަރެން އޭރު ބުނީ ހަޤީގަތެކޭ… ދޮގެއް ނޫނޭ އެއީ… އަހަރެންގެ އަތުން މީހަކު މަރުވި. އަހަރެން ޒައިނާއަކަށް ދޮގެއް ނުހަދަން. ޔޫ ޑިޒާރވް ސަމްވަން ބެޓަރ ދެން މީ. ޒައިނާގެ ދިރިއުޅުން އަހަންނާއެކު އުޅެގެން ހަލާކުވުން ނޫންކަމެއް ނުވާނެ. އެގޮތަށް ވާކަށް އަހަރެން ބޭނުމެއް ނޫން." އިޝްފާންއަށް އެހެން ބުނެލާފައި ޒައިނާގެ އަތުގައި ހިފައްޓާލެވުނީ ބޭއިޚްތިޔާރުގައެވެ. ޒައިނާ އަދި އެ އިނީ މީހެއްގެ އިއްދައިގައިކަން ވެސް އޭނާގެ ހަނދާނުގައި ނެތް ފަދައެވެ. ހަމަހޭވެރިކަންވީ ޒައިނާ އެއަތަށް ބަލާލުމުންނެވެ.

"ސޮރީ…" ނިކަން އަވަސް އަވަހަށް ޒައިނާގެ އަތުން ދޫކޮށްލަމުން އިޝްފާން ދުރުބަލާލިއެވެ.

"ކާކު؟" ވިސްނުމަކަށް ގެއްލިފައި އިން ޒައނާ އެހެން އަހާލުމުން އެބުނި އެއްޗެއް މާނަކުރާކަށް އިޝްފާންއަކަށް ނޭނގުނެވެ. ނުވެސް ގުޅޭ އެއްޗެއް ޒައިނާ ބުނުމުން އޭނާ ހައިރާންކަމާއެކު ޒައިނާއަށް ބަލާލިއެވެ.

"ކީކޭ ތި ބުނީ؟" އިޝްފާން ސުވާލުކޮށްލިއެވެ.

"އެއްޗެކޭ ނޫން…" ޒައިނާ ފަސްޖެހުނެވެ.

"ބުނެބަލަ! ކާކު ކިހިނެއްވީ؟" އިޝްފާން އަނެއްކާވެސް ސުވާލުކޮށްލިއެވެ.

"ކާކު އިޝްފާން އަތުން މަރުވީ؟" ޒައިނާ ސުވާލުކޮށްލުމާއެކު، އިޝްފާން ފުންނޭވާއެއް ދޫކޮށްލިއެވެ.

"އަހަރެންގެ ބޮޑުބޭބެ." އިޝްފާން އެހެން ބުނުމުން ޒައިނާއަށް ކުއްލިއަކަށް އިޝްފާންއާ ދިމާލަށް ބަލައިލެވިއްޖެއެވެ.

"ކިހިނެއްވީ؟" އިޝްފާން ދުރުބަލާލިއެވެ. އެ ވާހަކަ ޒައިނާއާ ދައްކާކަށް އޭނާއަކަށް ފަސޭހައެއް ނޫނެވެ.

"ކިހިނެއްވެގެން އޭނަ މަރާލީ؟" ޒައިނާ ހުރިހާކަމެއް އެނގެން ބޭނުންވާ ފަދައެވެ. ސުވާލަކަށްފަހު ސުވާލެއް އޭނާ ކުރަމުންދިޔައީ އެހެންވެގެންނެވެ. ހީވަނީ އެއީ ތެދުކަން އެނގުނު ނަމަވެސް، އޭނާގެ ހިތް އަދިވެސް އެއްބަސްނުވާން އުޅޭތީ އެހިތަށް އެކަން ޔަޤީންކޮށްދޭން ބޭނުންވެގެން އުޅޭހެންނެވެ. އެ ހުރިހާކަމެއް އެނގުމުން ހިތުން އިޝްފާންގެ ލޯބި ފަނޑުވާނެނަމަ ކިހާ ރަނގަޅުހެއްޔެވެ؟ އޭރުން ގައިމު އެހިތަށް އެ ލިބޭ ވޭން ތަންކޮޅެއް ކުޑަ ވާނެ ނޫންހެއްޔެވެ؟

"ޒައިނާ ހުރިހާކަމެއް އެނގެން ބޭނުންވަނީތަ؟" އިޝްފާން އެކަން އެނގިހުރެ ސުވާލުކޮށްލިއެވެ. އެއާއެކު ޒައިނާ ބޯ ޖަހާލިއެވެ.

"އަހަރެން ވަރަށް ކުޑަ އިރު މަސްތުވާތަކެތި ބޭނުންކުރަން ފަށައިފިން. އަހަރެން އެންމެ ބޭނުންވި ދުވަހު ބައްޕަގެ ލޯތްބެއް ނުލިބުނު. އެކަމާ އަބަދުވެސް ޝަކުވާ ކުރެވޭ. އެންމެފަހުން ހިތުގެ އުދާސްތައް ބޭރުކުރެވެން ފެށީ ގިނަ އިރު ބޭރުތެރޭ އުޅެމުން. ރައްޓެހިންނާއެކު އުޅުމުން އެ ހަނދާންތައް ކޮންމެވެސް ވަރަކަށް ފަނޑުވޭ. އެހެން އުޅެމުން އެ ބޭނުންކުރަން ފެށީ. އޭގެ ފަހުން އަދި އަދަށްވެސް އަހަންނަށް މިއުޅެނީ އެކަމުން ސަލާމަތް ނުވެވިގެން. އަހަންނަށް މީހަކު މަރާލެވުނުއިރު ވެސް ހުރެވުނީ އެއްކޮށް ހަމަހެޔަކު ނޫން. އެރޭ… އެރޭ އަހަންނަށް ރަނގަޅަށް ވިސްނާލެވުނުއިރު ވީކަމެއް ވެ ނިމިއްޖެ. އަހަރެން އަތުން މަރުވީ އަހަރެންގެ ބޮޑުބޭބެ. އޭނަ ކުރި ކުށަކަށް އެ ސަޒާ އޭނާއަށް ހައްޤުކަމުގައި އަހަރެން ގަބޫލުކުރަނީ…" އިޝްފާން ބެލީ ވީހާވެސް ކުރުކޮށް ހުރިހާ ވާހަކައެއް ޒައިނާއަށް ކިޔައިދޭށެވެ. މާ ބޮޑު ތަފްސީލަކަށް އޭނާ ނުދިޔައީ އެހެންވެގެން ނެވެ. އެހެން ނޫނަސް އެ ހުރިހާކަމެއް ހަނދާންކޮށްފައި އަކުރުން އަކުރަށް ކިޔައިދިނުމަކީ އޭނާއަށް ފަސޭހަކަމެއް ނޫނެވެ.

"އެ ކީއްވެ؟" ޒައިނާ އަނެއްކާވެސް އަހާލިއެވެ.

"ހީ އިޒް އެ ރޭޕިސްޓް. އެ ގަޑީގައި އަހަންނަަކަށް ނޭނގެ ވެފައި ހުރި ގޮތެއް. އެއްވެސް މީހަކަށް ތިމާ އެންމެ ލޯބިވާ މީހާއަށް އެފަދަ ގޮތެއް ވާތަން ބަލާކަށް ނުހުންނާނެއެއްނު." އިޝްފާން ސަވާގެ ނަން ނުބުންޏެއްކަމަކު ޒައިނާއަށް ޝައްކުވިއެވެ. އިޝްފާންއާ ސަވާގެ ގުޅުން ވަރަށް ރަނގަޅަށް އޭނާއަށް އެނގެއެވެ.

"އިޝްފާން ދޮންތައަށްތަ އެމީހަކު އެފަދަ ގޮތަކަށް އަނިޔާވެރިވީ؟" ޒައިނާ ޔަޤީންކުރަން ބޭނުންވިއެވެ. އެހެން ބުނުމާއެކު އިޝްފާން ބޯ ޖަހާލިއެވެ. ސަވާގެ ވާހަކަތަކާ މެދު ފުންކޮށް ޒައިނާއަށް ވިސްނާލެވުނީ ދެނެވެ. އަންހެނަކަށް ފިރިހެނަކު އަނިޔާވެރިވާތަން ބަލަން ހުންނަން ކެތެއް ނުވާނެޔޭ ސަވާ ބުނީ އެހެންވެހެއްޔެވެ؟

"ހިނގާ ދެން ގެއަށް ދާން… ޕްލީޒް" އިޝްފާންގެ އަޑުގައިވާ އާދޭހުގެ އަސަރުން ޒައިނާއަށް ދެކޮޅު ހަދާކަށް ނުކެރުނެވެ. އެހެންކަމުން އޭނާ ޖޯލިން ތެދުވެލިއެވެ. ލުއި ހިނިތުންވުމަކާއެކު އިޝްފާން ވެސް ތެދުވިއެވެ.

"ޑްރަގް ބޭނުންކުރުން ހުއްޓާލަން އިޝްފާން މަސައްކަތެއް ނުކުރަންތަ؟" ވަކި ހިސާބަކަށް ގޮސް ހިމޭންކަން ފޫއަޅުވާލަމުން ޒައިނާ ސުވާލުކޮށްލިއެވެ.

"އަހަރެން އެ ކަންތައް ހުއްޓާލައިފިން." އިޝްފާން ބުނެލިއެވެ.

"އަސްލުތަ؟" ގަބޫލުނުކުރެވުނު ފަދައަކުން ޒައިނާ ސުވާލުކޮށްލިއެވެ. އިޝްފާން ބޯ ޖަހާލަމުން އާއެކޭ ބުނެލިއެވެ.

"ދެން ދުވަހަކުވެސް ބޭނުން ނުކުރަން އަމިއްލަ ނަފްސަށް ވައުދުވެގެން މިހުރީ…" ޒައިނާއަށް ހިނިތުންވުމެއް ރައްދުކޮށްލަމުން އިޝްފާން ބުނެލުމާއެކު ޒައިނާގެ ހިތް އުފަލުން ނަށާލިއެވެ. ކީއްވެކަމެއް ނޭނގެ އެވެ. އިޝްފާންގެ އެ ޖުމްލަ އޭނާގެ ހިތަށް ބުނެދޭން ނޭނގޭ ފިނިކަމެއް ގެނުވައިފިއެވެ. ހިނިތުންވެވުނީ އެހެންވެގެންނެވެ. އެއީ އޭނާގެ ހިތުގެ އުންމީދަކަށްވީތީއެވެ. އެ ހިތުގެ އެދުމަކަށް ވީތީއެވެ. އިޝްފާންއަށް ހެޔޮ ރަނގަޅު ގޮތް ވުމަކީ އޭނާގެ ހިތުގެ ދުޢާއެވެ.

ޒައިނާގެ މޫނުމައްޗަށް ވެރިވި ކުލަވަރާއި އެ ތުންފަތް މައްޗަށް ވެރިވި ހިނިތުންވުން އިޝްފާންގެ ހިތަށް ވެސް ފިނިކަން ގެނެސްދިނެވެ.

"ދެން ތިގޮތަށް ނުބުނެ ނުދާތި! ދޮންތަ ވަރަށް ހާސްވާނެ." އިޝްފާން ބުނެލިއެވެ. ސަވާ ހާސްވާނެކަމުގައި ބުނި ނަމަވެސް، ހަޤީގަތަކީ އޭނާ އަދި މާ ބޮޑަށް ކަންބޮޑުވާނެކަމެވެ. އެކަމަކު އެހެން ބުނަން އޭނާގެ ދޫ ހަރަކާތެއް ނުކުރިއެވެ. ހީވަނީ ދުލުގައި ތަޅެއް ލާފައިވާހެންނެވެ.

ޒައިނާ، ހީނލުން ފިޔަވާ އިތުރު އެއްޗެއް ނުބުނެއެވެ. މިރޭ އިޝްފާން އެހާ ގާތްކޮށް ވާހަކަ ދައްކާފައި މާދަމާ ބުނާނެ އެއްޗެއް ނޭނގޭތީ އޭނާގެ ހިތުގައި ނުތަނަވަސްކަމެއް ވެއެވެ.

ދެމީހުން ގެއަށް ގޮސް ވަތްއިރު ސަވާ ސިޓިން ރޫމުގައި ދެކޮޅަށް ހިނގާލަ ހިނގާލާ ހުއްޓެވެ. އެ ދެމީހުން ފެނުމާއެކު އޭނާ މަޑުޖެހިލަމުން ވަރަށް ފުންކޮށް ޒައިނާއަށް ބަލާލިއެވެ. ޒައިނާގެ މޫނުމަތިން މާޔޫސްކަން ފެނުނު ނަމަވެސް، މިހާރު އެ ހުރީ ހަމައަކަށް އެޅިފައިކަން ސަވާއަށް އެނގުމުން އޭނާ އިޝްފާންއަށް ވެސް ލުއި ހިނިތުންވުމެއް ދިނެވެ. ސަވާއަށް ބަލާލާފައި އިޝްފާން ރައްދުގައި ހީނލަމުން ދެލޯ މަރާލާ ބޯ ޖަހާލީ ހުރިހާކަމެއް ވެސް ރަނގަޅޭ ބުނާ ފަދަ ގޮތަކަށެވެ.

"ހިނގާ އެއްޗެއް ކާން." ސަވާ އައިސް ޒައިނާގެ އަތުގައި ހިފައްޓާލަމުން ބުނެލިއެވެ. ބަނޑުހައިވެފައި ހުރިވަރުން، ޒައިނާވެސް ދެކޮޅެއް ނުހަދައެވެ. ސަވާއާއެކު ގޮސް ކައިގެން އޭނާ ދިޔައީ ކޮޓަރިއަށެވެ. އެއަށްފަހު، ނިދަން ތައްޔާރުވެގެން އެނދުގައި އޮށޯވެލިއެވެ.

***

ޖޯލީގައި އޮތް އިޝްފާންއަށް ވިސްނެނީއެވެ. އޭނާގެ ސިކުނޑި ފުނިޖެހިފައިވަނީ ޒައިނާގެ ޚިޔާލުތަކުންނެވެ. އެހެން އޮއްވާ ކުއްލިއަކަށް މެއަށް ތަދެއް އެރިއެވެ. ތެދުވެލާ ހަށިގަނޑު ސީދާކޮށްލުމުން ތަދު ލުއި ވީނަމަވެސް، އެކީ ރަނގަޅެއް ނުވިއެވެ. އެހެން އޮވެއޮވެފައި ފޯނު ނަގާ މަދީހާގެ ނަންބަރަށް ގުޅާލި އިޝްފާން މަދީހާ ފޯނު ނަގާނެ އިރަކަށް ކެތްތެރިކަމާއެކު އިންތިޒާރުކުރިއެވެ. ރިންގްވެފައި ކެނޑުނު އިރުވެސް މަދީހާ ފޯނެއް ނުނަގައެވެ. މޭމަތީގައި ފޯނު ބާއްވާލަމުން ލޯ މަރާލިތަނާ ފޯނު ވައިބްރޭޓްވިއެވެ. އިޝްފާން އަވަސް އަވަހަށް ފޯނު ނަގާ ބަލާލިއެވެ. ގުޅީ މަދީހާއެވެ. ތެދުވެ އިށީނދެލާ ހަށިގަނޑު ސީދާކޮށްލުމާއެކު އޭނާ ކަރުކެހިލާފައި ފޯނު ނަގާ ކަންފަތުގައި ޖައްސާލިއެވެ.

"މަންމާ…." އެކޮޅުން މަދީހާ ހެލޯ އޭ ބުނެލުމާއެކު އިޝްފާން މަދީހާއަށް ގޮވާލިއެވެ.

"ދަރިފުޅާ! ދަރިފުޅުތަ؟ އިޝްފާން…." މަދީހާގެ އަޑުން ހީވީ އޭނާއަށް އެއީ އިޝްފާންކަން ޔަޤީން ނުކުރެވުނު ހެންނެވެ.

"ހޫމް… އިޝްފާން…." އިޝްފާން ބުނެލިއެވެ.

"ދަރިފުޅު ކިހިނެއްތަ؟" މަދީހާއަށް ސުވާލުކޮށްލެވުނުއިރު އޭނާގެ އަޑުގައި ހުރި މަޑުމޮޅިކަމާއި ތުރުތުރު އެޅުން އިޝްފާންއަށް ވެސް ފާހަގަކުރެވުނެވެ.

"ރަނގަޅު… މަންމަ ކިހިނެއް؟" އިޝްފާންގެ ދުލުން އޭނާއަށް މަންމާއޭ ކިޔާފައި ގޮވާލުމުން އަމިއްލަ ހިތުގެ އިޙްސާސްތައް ކޮންޓްރޯލް ނުކުރެވި އެންމެފަހުން މަދީހާއަށް ރޮވިއްޖެއެވެ. އިޝްފާން ލޯބިން އޭނާއަށް މަންމާއޭ ކިޔާފައި ގޮވާލާނެ އަޑުއަހަން އޭނާ ހާދަ ދުވަހެއް އިންތިޒާރުކޮށްފިއެވެ. ހާދަ ދުވަހަކު ކެތްކޮށްފިއެވެ. އިޝްފާންގެ ހިތުގައި އޭނާއާ މެދު ވާ ނަފްރަތުފެ އަލިފާން ނިއްވާލުމަށް އެދި ﷲ ގެ ހަޟްރަތުގައި ދުޢާ ދެންނެވުނު އަދަދެއް ވެސް ނޭނގެއެވެ. މިއަދު އޭނާގެ ދުޢާ އިޖާބަކުރައްވައިފިއެވެ. އެއާއެކު މަދީހާއަށް އިތުރަށް ރޮވޭ ގޮތްވިއެވެ.

"މަންމާ! ނުރޮއިބަލަ!" އާދޭހާއި ރިހުން އެކުލެވިގެންވީ އަޑަކުން އިޝްފާންއަށް ބުނެވުނެވެ. އެ މަންމަގެ ހިތުގައި ޖެއްސިފައިވާ މިންވަރު ފުރަތަމަ ފަހަރަށް އިޝްފާންއަށް އަންދާޒާ ކޮށްލެވުމާއެކު އޭނާއަށް އަމިއްލަ ނަފްސު ކުށްވެރިކުރެވުނެވެ.

އަހަންނަށް މާފުކުރޭ! ޕްލީޒް ނުރޮއި…" އިޝްފާންގެ ދެލޯވެސް ފެންކަޅިވިއެވެ.

އިޝްފާންގެ އެތައް އާދޭސްތަކަކަށްފަހު، މަދީހާގެ ރުއިން މެދު ކެނޑުމުން އޭނާ އަނެއްކާވެސް ވާހަކަ ދެއްކިއެވެ.

"އަހަރެން ބުނެފިއްޔާ މަންމަ އަހަރެން ކައިރިއަށް އަންނާނަންތަ؟" އިޝްފާން ސުވާލުކޮށްލިއެވެ.

"އާނ. މަންމަ ދާނަން." ދެވަނަ ވިސްނުމަކަށް ދިޔުމެއްނެތި މަދީހާ ބުނެލިއެވެ.

"އެހެންވިއްޔާ މަންމަ މި ރަށަށް އާދެބަލަ." އިޝްފާން އެދުނެވެ. ހަޤީގަތުގައި ފަތުޙީގެ ކުރިމައްޗަށް އަރާކަށް އިޝްފާން ބޭނުމެއް ނޫނެވެ. އޭނާ މާލެ ދާން ބޭނުންނުވާ އެންމެ ބޮޑު ސަބަބަކީވެސް އެއީއެވެ. މަދީހާ އެރަށަށް އައެއްކަމަކު ފަތުޙީ ނާންނާނެކަމުގެ ޔަޤީންކަން އިޝްފާންއަށް އޮތްލެއް ބޮޑުކަމުން އޭނާ ފަތުޙީގެ ވާހަކައެއް ނުވެސް އަހައެވެ.

"އެންމެ އަވަހަށް ތިރަށަށް ފުރާ ލޯންޗަކުން މަންމަ ދާނަން." މަދީހާ ބުނެލިއެވެ. އިޝްފާން ފޯނު ބޭއްވީ މަދީހާއާ އެތަކެއް ވާހަކައެއް ދެއްކުމަށްފަހުއެވެ.

ޖެހިގެން އައި ދުވަސް ދޫކޮށްފައި އޭގެ އަނެއް ދުވަހު މަދީހާ އެރަށަށް އަތުވެއްޖެއެވެ. މަދީހާ ބަލާ ލޯންޗް ދޮށަށް ދިޔައީ އިޝްފާންއެވެ. ލޯންޗުން ފޭބި އޭނާގެ މަންމަ ފެނުމުން އިޝްފާންއަށް ކުރެވުނީ ބުނެދޭން ނޭނގޭ އިޙްސާސްއެކެވެ. އޭނާގެ ހިތުގައި މަދީހާއާ މެދު ވާ ލޯބި ހޭލައިފިއެވެ. މަންމައަށްޓަކައި ހިތުން ދެވިފައިވާ ޤަދަރުވެސް އޭނާގެ ހިތަށް ފަހުމްވިއެވެ. މަދީހާ ގެ ގައިގައި ކުޑަކޮށް ބައްދާލާފައި ދަބަސް ކޮނޑުގައި އަޅުވާލަމުން މަދީހާ ގޮވައިގެން އިޝްފާން ހިނގައިގަތެވެ.

"ކޮބާތަ؟… ފަތުހީ…." ފަތުޙީ އެ ނަން އިޝްފާން ކިޔާލީ ތަންކޮޅެއް މަޑުންނެވެ.

ބުރަކޮށް އުޅެނީ… މާދަން ރާއްޖޭން ބޭރަށް ފުރާ ވާހަކަ ބުނި." އިޝްފާންގެ ދުލުން ފަތުޙީއަށް ބައްޕާއޭ ކިޔާފައި ނުގޮވާނެކަން އެނގޭތީ އެވަގުތު އިޝްފާންއަށް ވިސްނައިދޭން މަދީހާ މަސައްކަތެއް ނުކުރެ އެވެ.

އެކި އެކި ވާހަކަތަކުގައި ތިބެ ގޮސް އެމީހުން އޯކިޑް ވިލާއާ އަރާހަމަވެއްޖެއެވެ.

"މީތަ އެ ގެއަކީ؟" މަދީހަ ސުވާލުކޮށްލުމާއެކު އިޝްފާން އާއެކޭ ބުނެ ބޯ ޖަހާލިއެވެ.

މަދީހާ ގޮވައިގެން ގޮސް އިޝްފާން ގެއަށް ވަތްއިރު، ސަވާއާ ޒައިނާއާ ދެމީހުން ސޯފާގައި އިށީނދެލައިގެން ޓީވީ ބަލަން ތިއްބެވެ.

"މަންމާ!...." މަދީހާ ފެނުމާއެކު، ސަވާ ގޮސް މަދީހާގެ ގައިގައި ބައްދާލައިފިއެވެ. އެ މަންޒަރު ބަލަން އިޝްފާން ހުރިއިރު އޭނާ ހުރީ ހިނިތުންވެލައިގެންނެވެ. އިށީނދެގެން އިން ޒައިނާ ވެސް ސޯފާއިން ތެދުވެ އެ ދިމާލަށް ބަލަން ހުއްޓެވެ. ހަދާނެ ގޮތް ނޭނގިފައި އޭނާ ހުއްޓާ މަދީހާ އޭނާއަށް ބަލާލައިފިއެވެ. އެއާއެކު ޒައިނާގެ ފައިން ހީވީ ވާގި ދިޔަހެންނެވެ. ސަވާ އޮތީ އޭނާގެ ކައިރީގައި މަދީހާ އަންނަ ވާހަކަ ބުނެފައި ނަމަވެސް، ފެނުމުން މިހާވަރު ވެދާނެކަމަށް އޭނާއަށް ވިސްނިފައި ނެތެވެ.

"މީ ކޮން ކުއްޖެއް؟" އެގޭގައި އިތުރު މީހަކު އުޅޭކަން އެނގިފައި ނުވާތީ މަދީހާ ސުވާލު ކޮށްލިއެވެ. ސަވާ ލޮލުން އިޝާރާތް ކޮށްލުމާއެކު، އެބުނީ އެ ވާހަކަ ނުދައްކާށޭކަން އެނގުނު މަދީހާ މައުޟޫ ބަދަލުކޮށްލަމުން ކަނޑު ވަރަށް މަޑުކަމުގައި ބުންޏެވެ. އޭރުވެސް ޒައިނާ ހުރީ ގުޑިލަންވެސް ނުކެރިފައެވެ. މީހާ ހާސްވުމާއެކު ނުތަނަވަސްކަން އޭނާ ވަށާލި ފަދަ އިޙްސާސްއެއް ކުރެވުމާއެކު ނޭވާ އަވަސްވިއެވެ. އިޝްފާންއަށް އެކަން ފާހަގަވުމާއެކު އޭނާ ސަވާއާ ވާހަކަ ދެއްކިއެވެ.

"ދެން ތިހެން ހުންނާނީތަ؟ މަންމަ ހުންނާނީ ފްރެޝްވެލަން ބޭނުންވެފަ…" އިޝްފާން އެހެން ބުނެލީ އެތަނުން އެ ދެމީހުން ފޮނުވާލަންކަން އެނގި ސަވާ މަދީހާ ގޮވައިގެން ދިޔައެވެ. އެދެމީހުން ގޮސް ކޮޓަރިއަށް ވަނުމާއެކު އިޝްފާން ގޮސް ސޯފާގައި އިށީނެވެ. އެ މަންޒަރު ބަލަން ހުރެފައި ޒައިނާ ވެސް ސޯފާގައި އިށީނދެލިއެވެ.

"ޒައިނާ…" ޓީވީއަށް ނަޒަރު ހުއްޓާލި ނަމަވެސް، ޒައިނާގެ ވިސްނުން ހުރީ އެހެން ދިމާލަކަށްކަން އިޝްފާންއަށް އެނގުނެވެ.

(ނުނިމޭ)