ޓެލެގްރާމް މެސެޖިން އެޕްގެ ބާނީ އަދި ސީއީއޯ ބިލިއަނަރު ޕަވެލް ޑޫރޮވް، ހޮނިހިރު ދުވަހުގެ ރޭ ޕެރިސް ބޭރުގައިވާ ބޫޖެޓް ވައިގެ ބަނދަރުން ހައްޔަރުކޮށްފިއެވެ.

ފްރާންސްގެ ޓީވީ ޗެނަލްތަކެއް ކަމަށްވާ ޓީއެފް1 އާއި ބީއެފްއެމް ޓީވީން މި މަޢުލޫމާތު ވަނީ ކަށަވަރު ކޮށްދީފައެވެ.

ދުބާއީގައި މައި އޮފީސް ހުންނަ ޓެލެގްރާމަކީ ރަޝިއާގައި އުފަންވި ޑޫރޮވް އުފެއްދި އެޕެކެވެ. ޑޫރޮވް ރަޝިއާ ދޫކޮށް ދިޔައީ 2014 ގައި، އޭނާގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްގައި ހުރި އިދިކޮޅު ޖަމާޢަތްތަކުގެ ކޮމިއުނިޓީތައް ބަންދުކުރުމަށް ސަރުކާރުން އެދުމުން އެކަމަށް އިންކާރުކުރުމާ ގުޅިގެންނެވެ.

ޑޫރޮވް ހައްޔަރުކުރި އިރު، އޭނާ ދަތުރުކުރަމުން ދިޔައީ އަމިއްލަ ޖެޓް މަތިންދާ ބޯޓެއްގައެވެ. އޭނާ ހައްޔަރުކުރީ ފްރާންސްގެ ފުލުހުންގެ ތަޙުޤީޤަކާ ގުޅިގެން ނެރެފައިވާ ހައްޔަރުކުރުމުގެ އަމުރަކާ ގުޅިގެންނެވެ. ޓީވީ ޗެނަލްތަކުން ބުނާ ގޮތުގައި މި ތަހުގީގު އަމާޒުވެފައިވަނީ ޓެލެގްރާމްގައި މޮޑަރޭޓަރުން މަދުވުމުގެ ސަބަބުން އެޕްގައި ކުށްކުރުމުގެ ޙަރަކާތްތައް ހުއްޓުވުމަށް ދަތިވާ ކަމަށް ބެލެވޭތީއެވެ.

ޓެލެގްރާމަކީ ރަޝިއާ، ޔުކްރެއިން އަދި ކުރީގެ ސޯވިއެޓ ޔޫނިއަންގެ ޖުމްހޫރިއްޔާތަކުގައި އެންމެ ބޮޑަށް ނުފޫޒު ފޯރުވާ އެޕްތަކުގެ ތެރެއިން އެޕެކެވެ. އަދި ފޭސްބުކް، ޔޫޓިއުބް، ވަޓްސްއެޕް، އިންސްޓަގްރާމް، ޓިކްޓޮކް އަދި ވީޗެޓްގެ ފަހުން އެންމެ މަޝްހޫރު ސޯޝަލް މީޑިއާ ޕްލެޓްފޯމްގެ ގޮތުގައި ވެސް ޓެލެގްރާމް ބެލެވެއެވެ.

ޔުކްރެއިންގެ ރައީސް ވޮލޮޑިމިރް ޒެލެންސްކީ އާއި އޭނާގެ އޮފިޝަލުން މުވާސަލާތުކުރުމަށް އެންމެ ބޮޑަށް ބޭނުންކުރާ އެޕަކީ ވެސް ޓެލެގްރާމެވެ. ހަމައެހެންމެ، ރަޝިއާގެ ސަރުކާރުން ވެސް އެމީހުންގެ ޚަބަރު ފެތުރުމަށް ބޭނުންކުރަނީ މި އެޕެވެ.

ޑޫރޮވްގެ މުއްސަނދިކަން ފޯބްސް މަޖައްލާއިން ވަނީ 15.5 ބިލިއަން ޑޮލަރަށް އަންދާޒާކޮށްފައެވެ. ޑޫރޮވް ބުނެފައިވަނީ ބައެއް ސަރުކާރުތަކުން އޭނާއަށް ފިއްތުންތައް ކުރިމަތި ކުރަން މަސައްކަތްކުރި ނަމަވެސް، މިހާރު 900 މިލިއަން މީހުން ބޭނުންކުރާ ޓެލެގްރާމަކީ "މެދުމިނުގެ ޕްލެޓްފޯމެއް"ގެ ގޮތުގައި ބާއްވައި، "ބައިނަލްއަޤްވާމީ ސިޔާސަތުގެ ބައިވެރިއަކަށް" ނުހެދުމަށް ކަމަށެވެ.

ޑޫރޮވްގެ ހައްޔަރުކުރުމާ ގުޅިގެން ރަޝިއާގެ ބައެއް ސިޔާސީ ފަރާތްތަކުން ވަނީ ފްރާންސްއަށް ފާޑުކިޔާފައެވެ. އަދި ފްރާންސްއަކީ "ޚުދުމުޚުތާރު ވެރިކަމަކަށް" ބަދަލުވަމުންދާ ޤައުމެއްގެ ގޮތުގައި ސިފަކޮށްފައިވެއެވެ.