25 Aug 2024, 08:56
އެމޭޒަން ޕްރައިމްއިން ގެނެސްދެމުން އަންނަ ކާމިޔާބު ވެބް ސީރީސް "ދަ ފެމިލީ މޭން"ގެ ހަތަރު ވަނަ ސީޒަންއާ އެކު އެ ވެބް ސީރީސްއަށް ނިމުމެއް އަންނާނެ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
ކާމިޔާބު އެތައް ވެބް ސީރީސްތަކެއް އުފައްދާފައިވާ މޭސްތިރިން ކަމަށްވާ ރާޖް އާއި ޑީކޭ ޑައިރެކްޓްކުރާ "ދަ ފެމިލީ މޭން"ގެ މިހާތަނަށް ރިލީޒްކޮށްފައި ވަނީ ދެ ސީޒަނެވެ.
މި ވެބް ސީރީސްގެ ތިން ވަނަ ސީޒަންއަށް ތައްޔާރުވަމުން އަންނައިރު ރާޖް އާއި ޑީކޭ މިހާރު މަސައްކަތް ކުރަމުން އަންނަ ސްޕައި ތުރިލަ "ސިޓަޑެލް:ހަނީ ބަނީ"ގެ މަސައްކަތަށް ފަހު "ދަ ފެމިލީ މޭން"ގެ މަސައްކަތް ފަށާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ވެބް ސީރީސް "ދަ ފެމިލީ މޭން"ގެ ޕޯސްޓަރެއް--ފޮޓޯ/ކޮއިމޮއި
ތަޖުރިބާކާރު އެކްޓަރު މަނޯޖް ބަޖްޕަޔީ މުހިއްމު ރޯލް ކުޅެފައިވާ "ދަ ފެމިލީ މޭން"އަކީ އާއްމުންގެ ވަރަށް ބޮޑު މަގުބޫލުކަމެއް ލިބުނު ވެބް ސީރީސްއެކެވެ.
މި ވެބް ސީރީސް ނިންމާލާނެކަން ރަސްމީ ފަރާތަކުން އިއުލާނުކޮށްފައި ނެތް ނަމަވެސް މިއީ ބެލުންތެރިން މާޔޫސްކުރުވާނެ ޚަބަރެކެވެ. ހަމައެއާއެކު މި ވެބް ސީރީސްގެ ވާހަކައިގެ ނިމުން އަންނާނެ ގޮތެއް ބަލާލުމުގެ ޝައުގުވެރިކަން ވެސް ބައެއް ބެލުންތެރިންގެ އެބަހުއްޓެވެ.
ވަރަށް ތަފާތު ވާހަކަތައް އެކި ގޮތްގޮތަށް ބަދަލުކޮށްލުމުގެ އުކުޅު ހުރި ދެ ޑައިރެކްޓަރުން ކަމަށްވާ ރާޖް އާއި ޑީކޭ މިހާރު ވިސްނަމުންދަނީ މި ވެބް ސީރީސްއަށް ނިމުން ގެންނާނެ ގޮތްތަކާ ބެހޭގޮތުން ކަމަށާއި އެހެންކަމުން "ދަ ފެމިލީ މޭން"ގެ ތިން ވަނަ ސީޒަންގެ ވާހަކަ ވަރަށް ތަފާތުވާނެ ކަމަށް މިޑް-ޑޭގައި ވަނީ ބުނެފައެވެ.
މަނޯޖްގެ އިތުރުން ތިން ވަނަ ސީޒަންއިން ބަތަލާ ޕްރިޔާމަނީ، ޝާރިބް ހާޝްމީ އަދި ޝްރެޔާ ދަންވާންތުރީ މުހިއްމު ރޯލްއިން ފެންނާނެއެވެ.