މިދިޔަ ޖޫން މަހު ރިލީޒްކުރި ފިލްމު "މަހާރާޖް"އިން ބޮލީވުޑަށް ތަޢާރަފްވި އާމިރު ޚާންގެ ދަރިފުޅު ޖުނައިދު ފިލްމުތަކުގެ އިތުރުން ތިއޭޓަރުގެ ޕްރޮޖެކްޓްތަކުގައި ވެސް މަސައްކަތް ކުރާކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ފިލްމު ސެޓުގައި އަށް ގަޑިއިރު ހޭދަކުރުމަށް ފަހު ޖުނައިދު ދަނީ ތިއޭޓަ ޝޯތަކުގެ ރިހާސަލްއަށް ކަމަށާއި އެއީ ވަރަށް މަދުން ނޫނީ އެކްޓަރުންގެ ފަރާތުން ފެންނަ ޑިސިޕްލިންއެއް ކަމަށް ބައެއް ފަރާތްތަކުން ވަނީ ފާހަގަކޮށްފައެވެ. ޖުނައިދު ފިލްމީ ދާއިރާއަށް ތަޢާރަފްވުމުގެ ކުރިން ވެސް އައީ ތިއޭޓަރުގައި މަސައްކަތް ކުރަމުންނެވެ.

ޖުނައިދު ދެކޭގޮތުގައި ތިއޭޓަ ޝޯތަކުގައި މަސައްކަތް ކުރުމަކީ އަމިއްލަ އެކްޓިންގް ހުނަރަށް ލިބޭ އިތުރު ކުރިއެރުމެއް ކަމުން އޭނާ ހުރީ ތިއޭޓަ ޝޯތަކުން ލިބޭ ފުރުސަތުތައް ދޫކޮށްލާ ޚިޔާލެއްގައެއް ނޫނެވެ.

ޖުނައިދު ޚާން ފިލްމު "މަހާރާޖް"ގެ މަންޒަރެއްގައި--ފޮޓޯ/ކޮއިމޮއި

ލޯބީގެ ދެ ފިލްމެއްގައި މަސައްކަތް ކުރަމުން އަންނަ ޖުނައިދު މި ދުވަސްކޮޅު އެންމެ ބުރަކޮށް ރިހާސަލްތައް ކުރިޔަށް ގެންދަނީ އިންޑިއާގެ ނެޝަނަލް ސެންޓަ ފޯ ޕާފޯމިންގް އާޓްސް (އެންސީޕީއޭ)ގެ ޝޯއަކަށެވެ. މި ޝޯ ކުރިއަށް އޮތް ސެޕްޓެމްބަރު މަހުގެ އެއް ވަނަ ދުވަހު މުމްބާއީގައި ބޭއްވުމަށް އަންނަނީ ތައްޔާރުވަމުންނެވެ.

ޒުވާން ބަތަލާ ޚުޝީ ކަޕޫރާ އެކު ދެން އެންމެ އަވަހަށް ފެންނާނެ އެކްޓަރު ޖުނައިދުގެ ހިތުގައި ތިއޭޓަ ޝޯތަކަށް ހާއްސަ ލޯތްބެއް އޮތްއިރު ބައްޕަ އަދި ކުޅަދާނަ އެކްޓަރު އާމިރު ޚާންގެ ފިލްމީ ކެރިއަރު ފެށުނީ ވެސް ތިއޭޓައިންނެވެ.

ޖުނައިދުގެ ފުރަތަމަ ފިލްމު "މަހާރާޖް"އަށް ބެލުންތެރިންގެ އިތުރުން ކްރިޓިކުން ވަރަށް ބޮޑަށް ތައުރީފުކޮށްފައިވާއިރު އާމިރު ބުނެފައި ވަނީ ދަރިފުޅާ މެދު ފަޚުރުވެރިވާ ކަމަށެވެ.