25 Jun 2012, 17:48
ހުނަރު ޕްރޮގުރާމްގައި މަސައްކަތްތެރިކަމުގެ ދާއިރާއިން މީހުން ތަމްރީނު ކުރަން ސަރުކާރުން 13 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު މިހާތަނަށް ތަމުރީނު ކުރެވިފައިވަނީ 200 އެއްހާ ކުދިން ކަމަށް އެޑިޔކޭޝަން މިނިސްޓަރު ޑރ. އަހުމަދު އާސިމް ވިދާޅުވެއްޖެ އެވެ.
ސަރުކާރުގެ ޕްރެސް ރޫމްގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޑރ. އާސިމް މިއަދު ވިދާޅުވީ ކުރީގެ ސަރުކާރުން ތައާރަފުކުރި އެ ޕްރޮގްރާމް އެދެވޭ ގޮތުގައި ކުރިއަށް ނުދާ ކަމަށާއި މިއަހަރުގެ ޖުލައިމަހުގެ ނިޔަލަށް 3500 އެއްހާ ކުދިން ތަމުރީނު ކުރަން އެއްބަސްވެފައި އޮތް ނަމަވެސް މިހާތަނަށް ތަމްރީނު ވެފައި ވަނީ 200 ކުދިން ކަމަށެވެ.
އަދި ހުނަރު ޕްރޮގްރާމް ހިންގަން 15 ފަރާތަކާއެކު އެއްބަސްވެ މިހާތަނަށް 13 މިލިއަނެއްހާ ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ވެސް އާސިމް ވިދާޅުވި އވެ.
މިނިސްޓަރު ވިދާޅުވީ އެ ފައިސާގެ ތެރެއިން ޓްރެއިނިން އިންސްޓްޓިއުޓް ތަކަކަށް 10.4 މިލިއަން ރުފިޔާ އާއި ދަރިވަރުންގެ ޕޮކެޓް މަނީގެ ގޮތުގައި 2.8 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށާއި ހުނަރު ޕްރޮގްރާމު ހިންގަން 15 ޓްރެއިނިން އިންސްޓިޓިއުޓަކާއެކު 33 ކޮންޓްރެކްޓެއްގައި ސޮއިކޮށްފައި ވިޔަސް ނަމަވެސް 65 ޕަސެންޓް ކޯސްތައް އަދި ވެސް ނުފެށޭ ކަމަށެވެ.
އެ ޕްރޮގްރާމް އެދެވޭ ގޮތުގައި ކުރިއަށް ނުގެންދެވުނު ކަމަށް ގަބޫލު ކުރެވެނީ ހުނަރު ޕްރޮގްރަމް ހިންގަން ހޮއްވަވާފައިވާ ފަރާތްތަކަކީ އެކަމަށް ގާބިލު ފަރާތްތަކަށް ނުވުމުގެ ސަބަބުން ކަމަށް ދެކިވަޑައިގެންނަވާ ކަމަށާއި ކުރިއަށް އޮތްތާގައި ކޮންޓްރެކްޓު ކުރާއިރު އެކަން ކުރެވޭފަދަ ފަރާތްތަކެއްތޯ ބައްލަވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
ހުނަރު ޕްރޮގްރާމަކީ އެހާ ކާމިޔާބުކަމާއެކު ހިންގޭ ޕްރޮގްރާމެއް ކަމަށް ނުފެއްނާތީ ޕްރޮގްރާމް އިތުރަށް ދިރާސާކޮށް ކުރިއަށް ގެންދިއުމަށް ދިރާސާ ކުރުމުގެ މަސައްކަތްކުރާ ކަމަށް ވެސް އާސިމް ވިދާޅުވި ނަމަވެސް ދެން އެޕްރޮގްރާމު ކުރިއަށް ގެންދަވާނެ ގޮތުގެ ތަފުސީލެއް ނުދެއްވަ އެވެ.