އިންގްލިޝް ޕްރިމިއާ ލީގުގައި އާސެނަލް އާއި އެސްޓަން ވިލާ ބައްދަލުކުރި މެޗު އާސެނަލްއިން ކާމިޔާބު ކޮށްފިއެވެ.

ވިލާގެ ދަނޑުގައި ކުޅުނު މިމެޗު އާސެނަލްއިން ކާމިޔާބު ކޮށްފައިވަނީ ދެ ލަނޑު ސުން ލަނޑުންނެވެ. ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނުނު މިމެޗުގައި ގިނައިރު އާސެނަލްއިން ބޯޅަ ގެންގުޅުނުއިރު ގިނަ ހަމަލާ އުފައްދާފައިވަނީ ވިލާއިންނެވެ.

މިމެޗު ދެޓީމުންވެސް ކުޅެމުންދިޔައީ ހަމަލާއަށް އިސްކަން ދީގެންނެވެ. މިގޮތުން ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު ދެޓީމަށްވެސް ފުރަތަމަ ހާފުގައި ލިބުނެވެ. މިހާފުގައި އެންމެ ހުސް ފުރުސަތު ލިބުނީ ވިލާގެ ފޯވަޑް އޮލީ ވޮޓްކިންސްއަށެވެ. ނަމަވެސް އޭނާއަށް ވަރަށް ހުސްކޮށް ލިބުނު ފުރުސަތުގައި ފޮނުވާލި ބޯޅަ ގޯލަށް އަމާޒު ނުވެ ދިޔައީ ބޭރަށެވެ.

މިމެޗުގެ ފުރަތަމަ ހާފުގައި ދެޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވޭގޮތެއް ނުވިއެވެ. އަދި ދެވަނަ ހާފުގައިވެސް ދެޓީމުގެ ފަރާތުން ފެނުނީ ވަރަށް ހަމަހަމަ ކުޅުމެކެވެ. މިމެޗުގައި އާސެނަލްއިން ކާމިޔާބު ކުރި ފުރަތަމަ ލަނޑު މެޗުގެ 67 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރުވި ލިއާންޑްރޯ ޓްރޮސާޑްއެވެ. އަދި އެޓީމުގެ ދެވަނަ ލަނޑު އޭގެ 10 މިނެޓް ފަހުން އެޓީމަށް ކާމިޔާބު ކޮށްދިނީ ތޯމަސް ޕާޓޭއެވެ.

މިކާމިޔާބީއާއެކު މެޗު ވެފައިވަނީ އާސެނަލްއަށް ވަރަށް މުހިންމު މެޗަކަށެވެ. އޭގެ އެންމެ ބޮޑު އެއް ސަބަބަކަށްވީ މިދިޔަ ސީޒަންގައި ލީގުގައި މިދެޓީމު ބައްދަލުކުރި ދެމެޗު ވެސް ކާމިޔާބު ކޮށްފައިވަނީ ވިލާކަމުންނެވެ. މިކާމިޔާބީއާއެކު އާސެނަލްއިން މިވަނީ ފުރަތަމަ ދެމެޗުވެސް ކާމިޔާބު ކޮށްފައެވެ.

މިމުބާރާތުގައި ވެސްޓް ހޭމް ޔުނައިޓެޑާއި ކްރިސްޓަލް ޕެލަސް ބައްދަލުކުރި މެޗު ދެ ލަނޑު ސުން ލަނޑުން ރަށުން ބޭރުގައި ކާމިޔާބު ކޮށްފައިވަނީ ވެސްޓް ހޭމް އެވެ. މިމެޗުގައި ވެސްޓް ހޭމްގެ ދެ ލަނޑު ކާމިޔާބު ކޮށްދިނީ ތޯމަސް ސޫޗެކް އާއި ޖެރޯޑް ބޮވެންއެވެ. މިމެޗުގައި ޕެލަސްއަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު ލިބުނު ނަމަވެސް އެޓީމަށް އެއިން އެއްވެސް ފުރުސަތެއްގެ ބޭނުން ހިފޭގޮތެއް ނުވިއެވެ.