24 Aug 2024, 20:47
ރާއްޖޭގައި މަޝްހޫރު ސުޒޫ ބިއުޓީ ސެލޫން ހިންގަމުން އައި ބިދޭސީ މީހާ ފުރުވާލައިފިއެވެ.
އިމިގްރޭޝަނުން މިއަދު ބުނީ ރާއްޖޭގައި ގަވާއިދާ ޚިލާފަށް ފުޅާދާއިރާއެއްގައި ބިއުޓީ ސެލޫންގެ ވިޔަފާރިކުރަމުން އައި ސުޝްމިތާ ދައުގޮދާ (ސުޒޫ)ގެ ރިޕޯޓެއް "އިމިގްރޭޝަން ވޮޗް"އަށް ލިބުމުން މިދިޔަ އާދިއްތަ ދުވަހު ޚާއްސަ އިންސްޕެކްޝަނެއް ހިންގި ކަމަށެވެ.
އެ އިންސްޕެކްޝަނުން ސުޒޫއަކީ އޭނައަށް ދޫކޮށްފައިވާ ވިސާގެ ބޭރުން ގަވާއިދާ ޚިލާފަށް ވިޔަފާރިކުރަމުން އައި ފަރާތެއްކަން އެނގުނު ކަމަށާއި އެހެންވެ އޭނާ އިމިގްރޭޝަން ބެލުމުގެ ދަށަށް ގެނެސް، އަންގާރަ ދުވަހު ފުރުވާލާފައިވާ ކަމަށް އެ އިދާރާއިން ބުންޏެވެ.
މާލޭގެ ޗާންދަނީ މަގުގައި ހުންނަ ސުޒޫ ސެލޫންއަކީ ދިވެހި ކަސްޓަމަރުން ގިނަ، ސޯޝަލް މީޑިއާގައި ވެސް މަގުބޫލު ސެލޫންއެކެވެ.
މީގެ ކުރިން އިމިގްރޭޝަނުން ވަނީ ރާއްޖޭގައި ގަވާއިދާ ޚިލާފަށް ފުޅާ ދާއިރާއެއްގައި ބިއުޓީ ސެލޫންގެ ވިޔަފާރިކުރާތީ 'ސެލޫން ބައި ރިޒް'ގެ ވެރިޔާ ރަޖަނީ ޝްރެސްތާ ޑީޕޯޓުކޮށްފައިވާކަން ވެސް އިއުލާންކޮށްފައެވެ.
އޭނާއާއި އޭނާގެ ހަތަރު މުވައްޒަފުންގެ ވެސް ވިސާގެ މައްސަލަތަކެއް ހުރުމުން އެ މީހުންނަށް ރާއްޖެ އަނބުރާ ނާދެވޭ ގޮތަށް ޑީޕޯޓުކޮށްފައި ވަނީ މިމަހުގެ 13 ވަނަ ދުވަހެވެ.
އިމިގްރޭޝަނުން އަންނަނީ ރާއްޖޭގައި ގަވައިދާ ޚިލާފަށް ވިޔަފާރި ކުރާ ބިދޭސީން ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. އަދި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަތަކާއި ގަވާއިދާ ޚިލާފަށް ރާއްޖެ އެތެރެވާން މަސައްކަތް ކުރާ މީހުންގެ މައުލޫމާތު ރިޕޯޓްކުރުމަށް ޚާއްސަކޮށްގެން ''އިމިގްރޭޝަން ވޮޗް''ގެ ނަމުގައި ޕޯޓަލްއެއް ތައާރަފުކޮށްފައިވަނީ ވެސް އެ މަސައްކަތުގެ ތެރެއިންނެވެ.
އިމިގްރޭޝަންގެ ވޮޗްގެ ޚިދުމަތް 24 ގަޑިއިރު ލިބެން ހުންނާނެެއެވެ.