18 Aug 2010, 18:55
00:00
ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ބިލް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު މިއަދު ތަޞްދީޤު ކުރައްވައިފި އެވެ.
މި ބިލަކީ މި މަހުގެ ދެ ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ބިލެކެވެ. މި ބިލް ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤު ކުރެއްވުމާ ގުޅިގެން، މި ޤާނޫނު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި އިއްޔެ ޝާއިޢުކޮށްފަ އެވެ. މިއީ، ދިވެހިރާއްޖޭގައި ދުންފަތުގެ އިސްތިޢުމާލު ކުރުން ކޮންޓްރޯލުކުރުމަށްޓަކައި ދުންފަތް ހެއްދުން އަދި ދުންފަތުގެ ބާވަތްތައް އިޝްތިހާރުކުރުން މަނާކުރުމާއި، ދުންފަތުގެ ބާވަތްތައް އިމްޕޯޓް އަދި އެކްސްޕޯޓް ކުރެވޭ ގޮތްތަކާއި، ގަނޑުކޮށް އަދި ވަކިވަކިން ވިއްކޭ ގޮތްތަކާއި، ދުންފަތުގެ ބާވަތްތައް ޕެކެޓްކޮށް، ބަންދުކުރުމާއި، ލޭބަލްޖަހާނެ ގޮތްތަކާއި، ދުންފަތުގެ ބާވަތްތަކުން ޓެކްސް ނެގުމާއި، ދުންފަތުގެ ދުމުން ދުންފަތް ބޭނުންނުކުރާ ފަރާތްތައް ރައްކާތެރިކުރުމާއި، ދުންފަތުގެ ނުރައްކާތެރި ވަބާއިން މިންޖުވެތިބުމަށް ބޭނުންވާނެ މަޢުލޫމާތާއި، ތަމްރީނު ދިނުމާއި އަދި ދުންފަތް ބޭނުންކުރުމުގެ އާދަ ހިފާފައިވާ ފަރާތްތަކަށް ފަރުވާ ދިނުމާބެހޭ އުޞޫލުތައް ކަނޑައެޅުމުގެ ޤާނޫނެކެވެ.
13 ބާބެއްގެ މައްޗަށް އެކުލެވޭ މި ޤާނޫނުގައި ހިމެނެނީ، ދުންފަތުގެ ދުމުން ރައްކާތެރިކަން ލިބިދިނުމުގެ ބާބާއި، ދުންފަތުގެ ބާވަތްތައް ގަނެވިއްކުމާއި، ދުންފަތް ހެއްދުމާއި ދުންފަތް އުފެއްދުމުގެ ބާބާއި، ދުންފަތުގެ ބާވަތްތައް ޕެކެޓްކޮށް ބަންދުކުރުމާއި ލޭބަލްޖެހުމުގެ ބާބާއި، ދުންފަތުގެ ބާވަތްތައް އިޝްތިހާރުކުރުމާއި ސްޕޮންސަރުކުރުމާއި އެހެނިހެން ޕްރޮމޯޝަންތަކުގެ ބާބާއި، ޓެކެސް ނެގުމުގެ ބާބާއި، ދުންފަތުގެ ފެންވަރު ހިފެހެއްޓުމުގެ ބާބާއި، ދުންފަތުގެ ބާވަތްތަކުގައި ހިމެނޭ މާއްދާތަކާއި އެއިން ބޭރުވާ މާއްދާތަކުގެ މަޢުލޫމާތާއި ވިޔަފާރީގެ މަޢުލޫމާތު ރިޕޯޓުކުރުމުގެ ބާބާއި، ހުއްދަ ދޫކުރުމުގެ ބާބާއި، ޤާނޫނާއި ގަވާއިދާ ޚިލާފުވުމުން އެޅޭނެ ފިޔަވަޅުތަކުގެ ބާބާއި، ޤާނޫނު ތަންފީޛު ކުރުމުގެ ބާބާއި، ދުންފަތް ކޮންޓްރޯލުކުރުމަށް ބޯޑެއް އެކުލަވާލުމުގެ ބާބާއި، ދުންފަތުން ލިބޭ ގެއްލުމާގުޅޭ ގޮތުން ޢާންމުން ހޭލުންތެރިކުރުވުމާއި، ދުންފަތަށް ދެވިހިފާފައި ތިބޭ މީހުން އެކަމުން ސަލާމަތްވުމަށް މަގުފަހިކޮށްދިނުމުގެ ބާބާއި، އެހެނިހެން ކަންތައްތައް ހިމެނޭ ބާބެވެ.
މި ޤާނޫނުގައި ކަނޑައަޅާ ބަޔާންކޮށްފައިވާ ތަންތަނުގައި ދުންފަތުގެ އިސްތިއުމާލް ކުރުން ވަނީ މަނާކޮށްފަ އެވެ. މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ މަސައްކަތްކުރާ ތަންތަން ނުވަތަ ތަންތަނުގެ ބައެއް ނުވަތަ ބައިތަކަކީ ދުންފަތުގެ އިސްތިޢުމާލު ކުރުން މަނާކޮށްފައިވާ ތަންތަން ކަމުގައި މި ޤާނޫނުގައިވެ އެވެ. އެގޮތުން ސިނަމާތަކާއި ޖަލްސާކުރާ މާލަންތަކާއި މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ޢާންމު ދަތުރުފަތުރު ކުރުމަށް ބޭނުންކުރާ އެންމެހައި އުޅަނދުފަހަރާއި ތަންތަން ނުވަތަ ތަންތަނުގެ ބައެއް ނުވަތަ ބައިތަކާއި، މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާ ގޮތުގެމަތިން ސައި ހޮޓާތަކާއި، ކެފޭތަކާއި، ރެސްޓޯރަންޓްތަކާއި، ކާބޯތަކެތި ހަދާ ތަންތަނާއި، ވިއްކާ ތަންތަން ނުވަތަ އެފަދަ ތަންތަނުގެ ބައެއް ނުވަތަ ބައިތައް ހިމެނެ އެވެ. އަދި ހަމަ އެހެންމެ މިސްކިތްތަކާއި، ޞިއްޙީ ޚިދުމަތްދޭ ތަންތަނާއި، އުނގަންނައިދޭ ތަންތަނާއި، ކުޑަކުދިން ބަލަހައްޓާ އަދި ތަރުބިއްޔަތުދޭ ތަންތަނާއި، އެތަންތަނުގައި ހާމަކޮށް އޮންނަ ބިންތަކާއި، އެތަންތަނުގެ ގޯތި ތެރޭގައި ހުންނަ އެންމެހައި ޢިމާރާތްތަކާއި، އެތަންތަނުގެ ގޯއްޗާއި، ގުޅުވައިގެން ވަދެ ނިކުމެވޭ ގޮތަށް ހުންނަ ޚިދުމަތްދޭ ތަންތަނާއި، ސަރުކާރުގެ އެންމެހައި އިދާރާތައް ހިންގާ ޢިމާރާތްތަކާއި، ކުޅިވަރުކުޅޭ ޢިމާރާތްތަކާއި، ކޯޓުތަކާއި، ދަނޑުތަކާއި، ސްޓޭޑިއަމްތައް ހިމެނޭ. އަދި މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާ އެންމެހައި ތަންތަން ހިމެނެ އެވެ.
މިޤާނޫނުގައިވާ ގޮތުން، އެއްވެސް މީހަކު ދުންފަތުގެ އެއްވެސް ބާވަތެއް ނުވަތަ ދުންފަތުން އުފައްދާފައި ހުރި އެއްވެސް އެއްޗެއް 18 އަހަރުން ދަށުގެ ކުއްޖަކަށް ވިއްކައިގެން ނުވާނެ އެވެ. އަދި އެއްވެސް މީހަކު ދުންފަތުގެ ބާވަތެއް ވިއްކުމުގެ މުޢާމަލާތެއްގައި 18 އަހަރުން ދަށުގެ ކުއްޖަކު ބައިވެރިކޮށްގެން ނުވާނެ އެވެ. ދުންފަތުގެ ބާވަތެއް ގަންނަ މީހަކީ 18 އަހަރު ވެފައިވާ މީހެއްކަން ޔަޤީންކުރުމަކީ ވިއްކާ ފަރާތުގެ ޒިންމާއެއް ކަމަށްވެސް މި ޤާނޫނުގައިވެ އެވެ.