24 Aug 2024, 18:07
ރާއްޖޭގައި ގަވާއިދާ ޚިލާފަށް ފުޅާ ދާއިރާއެއްގައި ބިއުޓީ ސެލޫންގެ ވިޔަފާރިކުރާތީ 'ސެލޫން ބައި ރިޒް'ގެ ވެރިޔާ ރަޖަނީ ޝްރެސްތާ ޑީޕޯޓުކޮށްފިއެވެ.
އިމިގްރޭޝަނުން މިއަދު ބުނީ ރިޒްގެ ނަމުން މަޝްހޫރު ވެފައިވާ ޝްރެސްތާއާ ގުޅޭގޮތުން "އިމިގްރޭޝަން ވޮޗް"އަށް ލިބިފައިވާ ރިޕޯޓަކާ ގުޅިގެން، މިމަހުގެ 11ގައި ޚާއްސަ އިންސްޕެކްޝަނެއް ކުރިއަށްގެންގޮސްފައިވާ ކަމަށެވެ.
އެ އިންސްޕެކްޝަނުން އޭނާއަކީ އޭނާއަށް ދޫކޮށްފައިވާ ވިސާގެ ބޭރުން ގަވާއިދާ ޚިލާފަށް ވިޔަފާރިކުރަމުން ދިޔަ މީހެއްކަން އެނގިފައިވާ ކަމަށް އެ އިދާރާއިން ބުންޏެވެ.
އޭނާގެ ބިދޭސީ ހަތަރު މުވައްޒަފުންގެ ސައްހަ ވިސާއެއް ނެތުމުގެ ސަބަބުން، އިމިގްރޭޝަން ބެލުމުގެ ދަށަށް އެންމެން ގެންގޮސް، މިމަހުގެ 13 ވަނަ ދުވަހު އެމީހުންނަށް ރާއްޖެ އަނބުރާ ނާދެވޭ ގޮތަށް ޑީޕޯޓުކޮށްފައިވާ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.
ޝްރެސްތާ އެންމެ ފުރަތަމަ ހިންގަމުން އައި ސެލޫންއަށް ފަހު، މިއަހަރުގެ ތެރޭގައި ވަނީ އިތުރު ސެލޫންއެއް ވެސް ހުޅުވައިފައެވެ.
ޝްރެސްތާ ރާއްޖެއައީ 2016ގައެވެ. އެއަށް ފަހު އިސްލާމް ދީނާ މެދު ޝައުގުވެރިވުމުން 2020ގައި އޭނާ އިސްލާމްވެ، އައިޝަތު ރިޒްގިންގެ ނަމަށް ނަން ބަދަލުކުރިއެވެ.
އޭނާ ނިސްބަތްވާ ނޭޕާލްގެ ޔަތީމު ކުދިންނަށް އެހީވުމަށް މަސައްކަތްތަކެއް ކޮށްފައިވާ ޝްރެސްތާއަކީ ސޯޝަލް މީޑިއާގައި ވެސް މަގުބޫލު ޝަހުސިއްޔަތެކެވެ.
އިމިގްރޭޝަނުން އަންނަނީ ރާއްޖޭގައި ގަވައިދާ ޚިލާފަށް ވިޔަފާރި ކުރާ ބިދޭސީން ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. އަދި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަތަކާއި ގަވާއިދާ ޚިލާފަށް ރާއްޖެ އެތެރެވާން މަސައްކަތް ކުރާ މީހުންގެ މައުލޫމާތު ރިޕޯޓްކުރުމަށް ޚާއްސަކޮށްގެން ''އިމިގްރޭޝަން ވޮޗް''ގެ ނަމުގައި ޕޯޓަލްއެއް ތައާރަފުކޮށްފައިވަނީ ވެސް އެ މަސައްކަތުގެ ތެރެއިންނެވެ.
އިމިގްރޭޝަންގެ ވޮޗްގެ ޚިދުމަތް 24 ގަޑިއިރު ލިބެން ހުންނާނެެއެވެ.