24 Aug 2024, 16:27
ކިޔޭވް (24 އޮގަސްޓް 2024) : ޔުކްރެއިން އާއި ރަޝިއާ ސުލްހަ ކުރުވޭނެ މަގެއް ފެނޭތޯ ބެލުމަށް އިންޑިއާގެ ބޮޑުވަޒީރު ނަރަންދުރަ މޯދީ ޔުކްރެއިނަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅާމެދު ޔުކްރެއިންގެ މަސްއޫލުވެރިން ހިތްހަމަ ޖެހިވަޑައިނުގަންނަވާކަން ހާމަވެއްޖެއެވެ.
ޔުކްރެއިނަށް އެންމެ ބޮޑަށް ވާގިވެރިވާ ގައުމު ކަމަށްވާ އެމެރިކާގެ ޚަބަރު ފަތުރާ ވަސީލަތްތައް ބުނާގޮތުން ޔުކްރެއިން ހަނގުރާމަ ހުއްޓުވުމަށްޓަކައި ރަޝިއާއާއި ޔުކްރެއިނާ ދެމެދު ސުލްހައިގެ އެއްވެސް ބިނާކުރަނިވި ދައުރެއް އިންޑިއާގެ ބޮޑުވަޒީރު ނަރަންދުރަ މޯދީއަށް އަދާކުރެވިދާނެ ކަމަށް ޔުކްރެއިން ގެ ސަރުކާރުން ގަބޫލެއް ނުކުރެއެވެ.
ސަބަބަކީ ރަޝިއާ އާއެކު އިންޑިއާ ބާއްވަމުން ގެންދާ ބަދަހި ގުޅުންތަކެވެ. އަދި ރަޝިއާގެ އެންމެ ބޮޑު އިގްތިސާދީ ދެ ބައިވެރިންގެ ތެރެއިން އެއް ބައިވެރިއަކީ އިންޑިއާ ކަމަށްވުމެވެ.
އެމެރިކާގެ ވޮޝިންޓަން ޕޯސްޓާއި ނިޔުޔޯކް ޓައިމްސް ފަދަ މަޝްހޫރު ނޫސްތައް ބުނާގޮތުން ޔުކްރެއިން ސަރުކާރުން މޯދީއަށް ރަސްމީ ސިފައެއްގައި މެހުމާންދާރީ އަދާކުރި ނަމަވެސް އަދި ޔުކްރެއިންގެ ރައީސް ވްލަޑަމިއާ ޒެލެންސްކީ މޯދީ އާ ރަސްމީކޮށް ބައްދަލުކުރެއްވި ނަމަވެސް ޔުކްރެއިންގެ އެއްވެސް މަސްއޫލުވެރިއަކު މޯދީއާމެދު ހިތްހަމައެއް ނުޖެހެއެވެ.
މޯދީ ޔޫކްއިނަށް ވަޑައިގެން އުޅުއްވަނީ ޔުކްރެއިން ހަނގުރާމައަށް ސުލްހަވެރި ހައްލެއް ހޯދުމުގައި އިންޑިއާއަށް އަދާކުރެވިދާނެ ދައުރަކާބެހޭގޮތުން ޔުކްރެއިންގެ ރައީސް ޒެލެންސްކީ އާ މަޝްވަރާ ކުރެއްވުމަށް ކަމަށް ޚަބަރުތައް ބުނެއެވެ.
ރަޝިއާ ދެކޭގޮތުގައި ޔުކްރެއިންގެ ސުލްހައިގެ ވާހަކަތަކަށް ހުރަސްއަޅަނީ އެމެރިކާއާއި އިނގިރޭސިވިލާތުންނެވެ. އެދެގައުމުގެ އިތުުރުން އެމެރިކާގެ ނުފޫޒު ހިނގާ ޔޫރަޕްގެ އެހެން ބާރުތަކުގެ ވެސް ބޭނުމަކީ ޔޫކްރެއިނަށް ބަރުހަތިޔާރު ފޯރުކޮށްދީގެން ހަތިޔާރުން ތަޅައި ރަޝިއާ އަސްކަރީ ގޮތުން ބަލިކޮށްގެން މައްސަލަ ހައްލުކުރުންކަމަށް ރަޝިއާ ދެކެއެވެ.
ރަޝިއާ އިގްތިސާދީ ގޮތުން ބަލިކުރުމަށްޓަކައި އެމެރިކާއާއި ޔޫރަޕްގެ އިއްތިޙާދުންވަނީ ރަޝިއާއާ ދެކޮޅަށް ދަތިކުރުމުގެ އެތަށް ހާސް ފިޔަވަޅުތަކެއް އަޅައި ހުޅަނގުގެ މާލީ ނިޒާމު ކަމަށްވާ ސްވިފްޓް ނިޒާމުން ވެސް ރަޝިއާ ބޭރުކޮށްލާފައެވެ. އަދި ޔޫރަޕުންވަނީ ރަޝިއާގެ ތެލާއި ގޭސް ގަތުން ވެސް ގާތްގަނޑަކަށް 90 އިންސައްތައަށް ހުއްޓާލާފައެވެ.
މިކަމުގެ ނޭދެވޭ އަސަރު ކޮންމެވެސް ވަރަކަށް ރަޝިއާގެ އިގްތިސާދަށް ކުރިނަމަވެސް ރަޝިއާއާދެކޮޅަށް އެޅި ފިޔަވަޅުތަކުގެ ނޭދެވޭ އަސަރު ޔޫރަޕަށް ކުރާމިންވަރު ރަޝިއާއަށްވުރެ މާބޮޑުކަމަށް ކަމާބެހޭ ރިޕޯޓްތައް ބުނެއެވެ.
އެމެރިކާއާއި ޔޫރަޕްގެ ދަތިކުރުމުގެ ފިޔަވަޅުތަކާއެކު ރަޝިއާގެ އިގްތިސާދު އިނދަޖެހުމުން ސަލާމަތްވެ ރަޝިއާގެ އިގްތިސާދު ޔޫރަޕްގެ ގައުމުތަކުގެ އިގްތިސާދުތަކަށްވުރެ ރަނގަނޅު ވެފައިވަނީ ޗައިނާއާއި އިންޑިއާ އަދި ބްރިކްސްގެ އެހެން ގައުމުތަކުން ރަޝިއާއާއެކު އިގްތިސާދީ ގުޅުންތައް ބަދަހިކޮށް އެމެރިކާ ޑޮލަރުގެ ބަދަލުގައި ރަޝިއާގެ ފައިސާއާއި އެގައުމުތަކުގެ ފައިސާއިން ރަޝިއާއާއެކު އިގްތިސާދީ މުއާމަލާތްތައް ކުރަންފެށުމުގެ ނަތީޖާއެއްގެ ގޮތުންކަމަށް ހުޅަނގުން ދެކެއެވެ.
ޔޫރަޕްގެ ގައުމުތަކުން ކުރިން ގަންނަމުން ދިޔަ ރަޝިއާގެ ތެލާއި ގޭހުގެ ގާތްގަނޑަކަށް 80 ޕަސަންޓު މިހާރު ގަންނަމުންދަނީ އިންޑިއާ އާއި ޗައިނާއިން ކަން ތަފާސް ހިސާބުތަކުން ހާމަވެއެވެ.
މޯދީ ޔުކްރެއިނަށް ވަޑައިގަތީ އިއްޔެއެވެ. މިދަތުރުފުޅަކީ ކުރީގެ ސޮވިއެޓް ޔޫނިއަން ނުވަތަ ރޫސީވިލާތުގެ އިއްތިހާދީ ބޮޑު ދައުލަތް 1991ގައި ރޫޅިގެން ދިޔުމާއެކު މިނިވަން ދައުލަތެއްގެ ގޮތުގައި އެއަހަރު ޔުކްރޭން ވުޖޫދަށް އައި ފަހުން އިންޑިއާގެ ބޮޑުވަޒީރަކު ޔުކްރެއިންއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.
ނަމަވެސް މޯދީ އާ އަދި އެނޫން ވެސް އިންޑިއާގެ އެތަށް ބޮޑުވަޒީރަކު އެތަށް ފަހަރަކު ރަޝިއާއަށް ވަނީ ޒިޔާރަތް ކުރައްވާފައެވެ. އިންޑިއާގެ ހަތިޔާރުގެ މައި މަސްދަރަކީ ކުރީގެ ސޮވިއެޓް ޔުނިޔަން އާ އަދި މިހާރުގެ ރަޝިއާއެވެ.
އިންޑިއާއަށް ނިއުކްލިޔާ ޓެކްނޮލޮޖީއާއި ފަޒާގެ ޓެކްނޮލޮޖީ ފޯރުކޮށްދިނުމުގައި ވެސް ކުރީގެ ސޮވިއެޓް ޔުނިޔަން އާއި އަދި މިހާރުގެ ރަޝިއާ މުހިއްމު ދައުރެއް އަދާކުރެއެވެ.
ޔުކްރެއިންގެ މަސްއޫލުވެރިންނާ ހަވާލާދީ މީޑީއާ ރިޕޯޓްތައް ބުނާގޮތުން ޔުކްރެއިނުން އެއްވެސް ވަރަކަށް އިންޑިއާއަށް ވެސް އަދި މޯދީ އަށްވެސް އިތުބާރެއް ނުކުރެއެވެ. އިންޑިއާއާމެދު ޔުކްރެއިނުން ދެކެނީ އެއީ ރަޝިއާގެ އެންމެ ބޮޑު އެއްބައިވެރިޔާގެ ގޮތުގައެވެ.