25 Jun 2012, 17:07
ޓޫރިސްޓަކު ކްލަބް މެޑް ފަރުކޮޅުފުއްޓާއި ގާތްގަނޑަކަށް ދެ މޭލު ބޭރަށް އޮޔާގޮސްފައި އޮތްވާ ސިފައިން ސަލާމަތްކޮށްފި އެވެ.
އެމްއެންޑީއެފްގެ އޮފިޝަލަކު މިއަދު ވިދާޅުވީ އިއްޔެ މެންދުރުފަހު ހިނގި އެ ހާދިސާގައި ކްލަބް މެޑާ ދެ މޭލެއްހާ ބޭރަށް އޮޔާގޮސްފައި އޮއްވާ ފެނިފައިވަނީ ކްލަބް މެޑުގައި ޗުއްޓީ ހޭދަކޮށްލަން އައިސް ހުރި ޓޫރިސްޓެއް ކަމަށާއި އޭނާ އޮޔާ ދަނިކޮށް ފެނުނީ ގިރިފުއްޓަށް ދިއުމަށްފަހު އައި "ޓީއެސް" ދޯނީގައި ތިބި ސިފައިންނަށް ކަމަށެެވެ.
ސިފައިންނަށް އެމީހާ ފެނުނުއިރު އޮތީ ކްލަބް މެޑާއި ފުލްމޫން ރިސޯޓާ ދެމެދުގެ އޮޔާގޮސްފަ އެވެ. ހާލުދެރަވެފައި އޮއްވާ ފެނުނު އެ ޓޫރިސްޓު މީހާ މޫދުން ނަގައިގެން ގޮސް ރިސޯޓާ ހަވާލުކޮށްފައިވަނީ އިއްޔެ ހަވީރުގެ ވަގުތެއްގައި ކަމަށް އޭނާ ސަލާމަތް ކުރި ސިފައިންނާ ހަވާލާދީ އޮފިޝަލް ވިދާޅުވި އެވެ.
އޮފިޝަލް ވިދާޅުވީ އެމީހާއަށް އެއްވެސް ގެއްލުމެއް ލިބިފައިނުވާ ކަމަށާއި ސިފައިން އެމީހާ ގެންގޮސް ކްލަބް މެޑަށް ގެންގޮސްދީފައިވާ ކަމަށެވެ.
" ސިފައިން އެ ޓޫރިސްޓް ކްލަބް މެޑަށް ލުމުން، އެމީހާ އެކަނި ހިނގާފައި ދިޔައީ ރޫމަށް ވެސް،" އޮފިޝަލް ވިދާޅުވި އެވެ.
މި ޓޫރިސްޓު މީހާއާ ބެހޭ ގޮތުން ރިސޯޓުން ބުނީ އެފަދަ ހާދިސާއެއް އެރިސޯޓްގައި ހިނގައިގެން އުޅޭ ކަމެއް އެނގިފައިނުވާ ކަަމަށެވެ.