ސްޕެނިޝް ލަލީގާގެ އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑްގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާ ކަމުގައިވާ ޖޫޑް ބެލިންހަމްއަށް އަނިޔާވެ ކުޑަ ދުވަސް ކޮޅަކަށް ކުޅުމާ ދުރައްދާން ޖެހިއްޖެއެވެ.

މައުލޫމާތުލިބިފައި ވާގޮތުގައި ބެލިންހަމްގެ ކަނާތު ފައިގެ ކުޑަކަޅުވައަށް އަނިޔާވުމާ ގުޅިގެން އެންމެފަހުން ބޭއްވި ފަރިތަކުރުން ފުރިހަމަ ކުރެވިފައެއް ނުވެއެވެ.

ރެއާލް އިން އާންމު ކުރި ބަޔާނެއްގައި ވަނީ ބެލިންހަމްގެ ކުޑަކަޅުވާއަށް އަނިޔާވުމާ ގުޅިގެން ޓެސްޓުތަށް ހަދާފައިވާ ކަމަށާއި އަދި އޭނާގެ ހާލަތު ގާތުން ބަލަމުންދާ ކަމަށެވެ. ރެއާލް އިން ސީދާ ވަކި މުއްދަތެއް ހާމަކޮށްފައިނުވި ނަމަވެސް ބައެއް ފަރާތްތަކުން ހާމަކުރާގޮތުގައި އޭނާއަށް ދެން ކުޅުމުގެ ތެރެއަށް އާދެވޭވަރު ވާނީ މިއަންނަ ސެޕްޓެމްބަރު މަހުގެ ފަހު ކޮޅުއެވެ. އެހެން ވެއްޖެ ނަމަ ރެއާލް ބައެއް މެޗު ތަކުގެ އިތުރުން އިންގްލަންޑްއިން ނޭޝަންސް ލީގުގައި މިއަންނަ މަހު ކުޅުމަށް ހަމަޖެހިފައިވާ ދެމެޗުގައި އޭނާއަށް ނުކުޅެވޭނެއެވެ. ނޭޝަންސް ލީގުގައި އިންގްލަންޑް ކުޅޭ ދެމެޗު ކުޅުމަށް ހަމަޖެހިފައިވަނީ އެމަހުގެ ހަތްވަނަ ދުވަހު ރިޕަބްލިކް އޮފް އަޔަލަންޑާ ދެކޮޅަށް އަދި 10ވަނަ ދުވަހު ފިންލަންޑާ ދެކޮޅަށެވެ.

ސޯޝަލް މީޑިއާގައި ބެލިންހަމް އާންމު ކުރި މެސެޖެއްގައި ވަނީ މެޗެއްގައި ކުޅެން ނުލިބުމަށްވުރެ އޭނާ ހިތްހަމަ ނުޖެހޭ ކަމެއް ކަމަށާއި ނަމަވެސް އޭނާ މިފަހަރު މިކަން ނަގަނީ ރަނގަޅު ގޮތަކަށް ކަމަށެވެ. ފަހަރުގައި މިއީ ދިގު ސީޒަނަކަށްފަހު އޭނާގެ ހަށިގަނޑަށް އިތުރު އަރާމު ބޭނުންވާކަން ހާމަކޮށްދިން ކަމަކަށް ވެދާނެ ކަމަށް އެ މެސެޖުގައި ވެއެވެ. އެހެން ނަމަވެސް ސަޕޯޓާރެއްގެ ގޮތުގައި އޭނާގެ ޓީމުގެ ފަހަތުގައި އަބަދުވެސް ހުންނާނެ ކަން ބެލިންހަމް ހާމަކުރިއެވެ. އަދި އަނިޔާއިން އެނބުރި އައިސް މިހާރަށްވުރެ ރަނގަޅު ފޯމެއްގައި ޓީމާ ގުޅެވޭނެކަމުގެ އުންމީދު އެބައޮތް ކަމުގައިވެސް އޭނާ އެ މެސެޖުގައި ބުނެފައި ވެއެވެ.

މިދިޔަ ސީޒަންގައި ބެލިންހަމްވަނީ ރެއާލްގައި ހޭދަކުރި ފުރަތަމަ ސީޒަންގައި އެޓީމަށް 42 މެޗުގައި 23 ލަނޑު ޖަހައިދީ އެޓީމަށް ލަލީގާގެ އިތުރުން ޔުއޭފާ ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ.