ޖަރުމަނު ބުންޑެސްލީގާގައި އެންމެ ފަހުގެ ޗެމްޕިއަން ބަޔާ ލެވަކޫސެން އާއި ބްރޫޝިއާ މުންޗެންގްލަޑްބެކް ބައްދަލުކުރި ލީގުގެ ފުރަތަމަ މެޗު ލެވަކޫސެން އިން ކާމިޔާބު ކޮށްފިއެވެ.

މުންޗެންގްލަޑްބެކްގެ ދަނޑުގައި ކުޅުނު މި މެޗު ލެވަކޫސެން އިން ކާމިޔާބު ކުރީ 3-2 ލަނޑުންނެވެ. ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ލެވަކޫސެންއެވެ.

މި މެޗު ފެނިގެންދިޔައީ ދެޓީމުން ދެހާފު ކޮންޓްރޯލް ކުރި ތަނެވެ. މިގޮތުން ފުރަތަމަ ހާފުގައި ފެނިގެންދިޔައީ ލެވަކޫސެންގެ މޮޅު ކުޅުމެވެ. މި މެޗުގެ ފުރަތަމަ ލަނޑު ޖަހާ މެޗުގެ ލީޑު ނަގާފައިވަނީ ލެވަކޫސެން އިންނެވެ.

މިލަނޑު މެޗުގެ 12 ވަނަ މިނެޓުގައި ޖަހާ ބުންޑެސްލީގާގެ އާސީޒަންގެ ފުރަތަމަ ލަނޑު ޖަހައިދިނީ ގްރަނިޓް ޜަކާއެވެ. އަދި މެޗުގެ 38 ވަނަ މިނެޓުގައި ފްލޯރިއަން ވާޓްޒްވަނީ ލަނޑެއްޖަހާ ލެވަކޫސެންގެ ލީޑު ފުޅާކޮށްދީފައެވެ.

މި މެޗުގެ ފުރަތަމަ ހާފާއި ހިލާފަށް ދެވަނަ ހާފުގައި ފެނިގެންދިޔައީ މުންޗެންގްލަޑްބެކްއިން މޮޅުކުޅުމެއް ދައްކާ އެންމެ ފަހުގެ ޗެމްޕިއަން ހާސް ކޮށްލިތަނެވެ.

މިގޮތުން މެޗުގެ 59 ވަނަ މިނެޓުގައި އެޓީމުގެ ނީކޯ އެލްވެޑީ ލަނޑެއް ޖަހާ ދެޓީމުގެ ދެމެދުގައި ފަރަގު ކުޑަކުރިއެވެ. އަދި މެޗު ނިމެން ފަސް މިނެޓަށް ވެފައިވަނިކޮށް މުންޗެންގްލަޑްބެކްގެ ޓިމް ކްލެއިންޑިއެންސްޓް ޖަހާދިން ލަނޑާއެކު އެ ޓީމުން މެޗުގެ ނަތީޖާ ހަމަހަމަ ކުރިއެވެ.

މި ލަނޑާއެކު މި މެޗު އެއްވަރު ވެގެން ނިމިދާނެކަމަށް ހީވެގެންދިޔައެވެ. މި މެޗުން ލެވަކޫސެން މޮޅުވި ލަނޑު ފެނިގެންދިޔައީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެ ދެއްކި އިތުރު ވަގުތުގެ 11 ވަނަ މިނެޓުގައެވެ. މި ޕެނަލްޓީ ކާމިޔާބުކޮށްދީ ލެވަކޫސެންއަށް ދެވަނަ ފަހަރަށް ލީޑު ނަގައިދިނީ ދެވަނަ ލަނޑުވެސް ކާމިޔާބު ކޮށްދިން ވާޓްޒްއެވެ.

މި ކާމިޔާބީއާއެކު ލެވަކޫސެންއިން މޮޅަކާއެކު އާ ސީޒަން ފެށިނަމަވެސް މިދިޔަ ސީޒަންގައި އެއްވެސް މެޗަކުން ބަލިނުވެ ސީޒަން ނިންމާލި ލެވަކޫސެންއަށް މި ފަހަރުގެ ސީޒަން މިދިޔަ ސީޒަންއަށް ވުރެ އުނދަގޫ ވާނެކަން މިހާރު ވެސް ވަނީ ހާމަވެގެން ގޮސްފައެވެ.