"ވީގޮތް ފަހުން ކިޔައިދޭނަމޭ. ހިނގާބަލަ މިގަޑީ އަހަރެން ތާކަށް ޑްރޮޕްކޮށްލަދޭން" ރަޔާން ކުރެއް ނުކުރިއެވެ.

"އޯކޭ.... ކޮންތާކަށް ދާންވީ؟" އަފްސަމް ހަތިޔާރު ބެހެއްޓިއެވެ.

*********

ރަޔާން ނުކުމެގެން ދިޔަ މަންޒަރު ބަލަން ހުރި ނިމާލުގެ މޫނުމަތީގައިވީ ހާސްކަމެވެ. ޕާޓީ ފެށެން ކުޑަ ވަގުތުކޮޅަކަށް ވެފައިވަނިކޮށް، ބުނެލުމެއްވެސް ނެތި ރަޔާން ދިޔައީ ކޮންތާކަށް ހެއްޔެވެ؟ މީހުން ހީކޮށްފާނެ އެއްޗަކާއި ދޭތެރޭގައިވެސް ނިމާލަށް ވިސްނާލެވުނެވެ. ރަޔާން ހުރި ގޮތުން ކޮންމެވެސް ކަމަކާއި ވަރަށް ބޮޑަށް ހާސްވެފައި ހުރިކަން ނިމާލަށް އެނގުނެވެ. ކައިވެނި ކުރެވުނު ވަގުތުވެސް އެ އިހުސާސް އޭނާއަށް ރަޔާންގެ މޫނުން ފެނުނެވެ.

"ދަރިފުޅާ! ހިނގާބަލަ!" ނިމާލު ޔަލްވީގެ އަތުގައި ހިފައިގެން ތަންކޮޅެއް ދުރަށް ޖެހިލިއެވެ. "ރަޔާން މާބާރަށް އެދިޔައީ ކޮންތާކަށް؟" އިތުރު މީހަކަށް އަޑުނީވޭ ހިސާބަށް ގޮސްފައި ނިމާލު ސުވާލުކުރިއެވެ.

"ނޭނގެ...." ފަރުވާކުޑަ ރާގަކަށް ޔަލްވީ ބުނެލިއެވެ.

ޔަލްވީގެ ފަރުވާކުޑަކަން ފެނި ނިމާލަށް ދެފަރާތަށް ބޯ ހޫރާލެވުނެވެ. އެއްކޮޅުން އޭނާ ހުރީ ޔަލްވީ ލައިގެން ހުރި ހެދުމުގެ މައްސަލައިގައި ހިތްހަމަނުޖެހިފައެވެ. އެފަދަ ވަގުތެއްގައި ޔަލްވީ ވާހަކަ ދެއްކިގޮތުން ނިމާލު ވަކީން ހިތްހަމަނުޖެހުނެވެ. ހަފުލާގެ އެއްވެސް ކަމެއް ގޯހުން ގޯހަށް ދާން ބޭނުން ނުވާތީ ކެތްތެރިވާން ނިމާލު މަސައްކަތް ކުރިއެވެ.

"އެއީ މިހާރު ދަރިފުޅުގެ ފިރިމީހާ އޭ...." ނިމާލަށް ބުނެވުނީ ތަންކޮޅެއް ބާރަށެވެ.

ޔަލްވީއަށް ބަލައިލެވުނީ ތަންކޮޅެއް ދުރުގައި ތިބި އޭނާގެ އެކުވެރިންނަށެވެ. ނިމާލުގެ އަޑު އިވިގެން ބަލާހެން އެމީހުން ޔަލްވީއަށް ބަލަން ތިއްބެވެ. ޔަލްވީގެ ދަތްތަކަށް ބާރުވިއެވެ. ނިމާލު އުޅެނީ އެކުވެރިންގެ ކުރިމަތީގައި އޭނާ ފަޟީހަތްކޮށްލަން ހެއްޔެވެ؟

"ސޯ؟" އައި ރުޅިން ޔަލްވީ ބުނެލިއެވެ. "އޭނަ ފަހަތުންތަ އަބަދު ދެން އުޅެންވެސް ޖެހޭނީ؟"

"ދަރިފުޅާ!" މަންޒަރު ބަލަން ހުރި ނަފީސާ އަވަސް އަވަހަށް ދެމީހުންގެ ދެމެދަށް ވަނެވެ. "ދަރިފުޅު ދުވަހަކުވެސް ތިގޮތަށް ބައްޕައާ ވާހަކައެއް ނުދައްކަމެއްނު"

"މީ ނަފީސާގެ ކަންތައް" ނަފީސާ ފެނުމުން ނިމާލު އިތުރަށް ރުޅިގަދަވިއެވެ. "ބަލާބަލަ ލައިގެން ހުރި ހެދުން. ރަޔާންއަށް އެ ހެދުން ފެނުނުތަ؟"

"މިވަގުތު އިހަށް ތިވާހަކަ ނުދައްކަފާނަންތަ؟" އާދޭހުގެ ރާގެއްގައި ނަފީސާ ބުނެލިއެވެ.

"ރަޔާން ހިތްހަމަނުޖެހިގެންނޭ އެދިޔައީ. އަހަންނަށް ޔަގީން ޔަލްވީ ލައިގެން ހުރި ހެދުން ފެނިގެންކަން އޭނަ ހިތްހަމަނުޖެހޭނީ. މީހުންގެ ކުރިމަތީގަ އޭނަވެސް ލަދުގަންނާނެދޯ. ކޮންމެ ކަމެއް ނުފެންނަ ކަމަށް ހަދައިގެން އަހަންނަކަށް ނުހުރެވޭނެ" ބުނަން ބޭނުންވާ ހުރިހާ އެއްޗެއް ބުނުމަށްފަހު، ނިމާލު ހިތްހަމަނުޖެހިގެން އެތަނުން ދިޔައެވެ. ޔަލްވީއަށް ބަލައިލުމަށްފަހު، ނަފީސާވެސް ނިމާލުގެ ފަހަތުން ދިޔައެވެ.

ޔަލްވީގެ މުޅި މޫޑު ހަރާބުވިއެވެ. އެކުވެރިންގެ ކުރިމަތީގައި ބައްޕަ އެގޮތަށް ކަންތައް ކުރުމުންނެވެ. ކައިވެންޏަށް ފަހުގައިވެސް ނިމާލުގެ ކިބައިން ސަލާމަތް ނުވާނެކަން ޔަލްވީއަށް އެނގުނެވެ.

"ކޮންކަމެއް؟" ޔަލްވީ ފަސްއެނބުރުނުއިރު، އޭނާގެ ތިން އެކުވެރިން ތިބީ ކައިރީގައެވެ.

"މަގޭ ޕްރައިވެޓް ކަންކަމާވެސް އެއްޗެކޭ ނުބުނެ ބައްޕައަކަށް ނުހުރެވޭނެ. މިދެން ކޮން ގަޑިއެއްތަ އެވާހަކަ ދައްކަން. ބައްޕަ ގޮސް އޭނަ ހުރިތާކުން ގެންނަންވީނު. ކައިވެނިކުރެވުނީމަވެސް ނެތް ސަލާމަތެއް" ހިނިގަނޑެއް ޖަހާލަމުން ޔަލްވީ އެހެން ބުނެލީ އެކުވެރިންގެ ކުރިމަތީގައި ބޭޒާރުވާން ބޭނުން ނުވާތީއެވެ. ހަގީގަތުގައި ޔަލްވީ ހުރީ ނިމާލުދެކެ ވަރަށް ރުޅި އައިސްފައެވެ.

"ޔާލް ވެސް ދޯ. ބައްޕަ އެބުނީ އަޅެ ދޮގު ވާހަކަ އެއްތަ؟ އެހާ ރީތި ބޯއީއެއް އަތްމައްޗަށް އެރީމަވެސް ތިހުރީ ކޮންމެ ގޮތެއް ވަރިހަމަވެފަ. އޭނަ އުޅޭނޫޅޭ ގޮތެއް ބަލާލަނީއެއް ނޫން. ކިހިނެއް އެނގެނީ އެދިޔައީ އަންހެނެއް ކައިރިއަށް ނޫންކަމެއް؟" ތޫބާ ބޭނުންވީ ޔަލްވީގެ މޫޑު ހަރާބުކޮށްލާށެވެ.

"އެއީ ތެދެކޭ. ތެޔޮ ނާށި ކާޅު ޖަހައިގަނެފިއްޔާ ކިހިނެއް ހަދާނީ؟ މިޒަމާނަކީ އެންމެ ކައިރީގަ އުޅޭ މީހާވެސް އަތުގަ ދަތްއަޅާ ޒަމާނެއް" ޔަލްވީއާއި ވާހަކަދެއްކިއިރު މުނީފާގެ ނަޒަރު ހުއްޓިފައިވީ ތޫބާއަށެވެ. ތޫބާއަށް އެކަން އެނގިގެން ލޯ އަޅައިލިއެވެ.

ތޫބާއަށް ހުރެވުނީ ޔަލްވީ އާއިމެދު ހަސަދަވެރިވެވިފައެވެ. ޔަލްވީގެ އެކުވެރިއެއްގެ ގޮތުގައި ހުރިނަމަވެސް ޔަލްވީއަށްވުރެ ކުރިއަރައިގެން ދިޔުމަށް ތޫބާ އަބަދުވެސް މަސައްކަތް ކުރެއެވެ. ޔަލްވީ ރާއްޖެތެރޭ މީހަކާއި ކައިވެނި ކުރާ ވާހަކަ އަޑު އިވުނީއްސުރެ ތޫބާއަށް ލިބިފައިވީ އާދަޔާ ހިލާފު އުފާވެރިކަމެކެވެ. އެ ހަފުލާގައި އޭނާ ބައިވެރިވީވެސް ޔަލްވީއަށް މަލާމާތްކޮށް ލަދުގަންނުވައިލުމުގެ ބޭނުމުގައެވެ. އެކަމަކު، ރަޔާން ފެނުނު ހިސާބުން ތޫބާގެ އެ އުފާވެރިކަން ގެއްލިއްޖެއެވެ. ރަޔާން ލިބެންވާނީ ތޫބާއަށް ކަމުގައި ހިތް ބުނަން ފެށިއެވެ.

"ތޫ އެބުނީ ރަނގަޅު ވާހަކައެއް. ކައިވެނި ކުރިފަހުން ނޭނގެ މިނެޓެއް ވެސް ވީކަމެއް. ޔާލް ދޫކޮށް އޭނަ އެދިޔައީ. އަޅެ ރަނގަޅުތާ ޔާލް ކައިރީ ބުނެލާފަ ދާންވެސް. ތިހެން އުޅޭއިރު ވަރަށް ވިސްނައިގެން އުޅޭތި. ފިރިހެނުންނަކީ ވަރަށް ފާޑެއްގެ ބައެއް. ވަލަށް ކިރިޔާވެސް ދުލެއް ދެވިއްޖެއްޔާ ދުވެފިލާފާނެ" ރަނާވެސް ތޫބާ އާއި ބައިވެރިވެލިއެވެ.

"ކަމްއޯން ގައިޒް. މިރޭގެ މޫޑު ހަރާބުކޮށްނުލާބަލަ" ތޫބާއާއި ރަނާގެ ކޮނޑަށް އަތް ވައްޓާލައި، ކަރަށް ވާންކޮށްލަމުން ޔަލްވީ ބުނެލިއެވެ.

"ހާދަ ބިރުކުޑައޭ" މުނީފާ ހީގަތެވެ. "ތިހެން އުޅެނިކޮށް އިނގޭ ގެއްލޭނީ"

"ޗިލް ގާއިޒް. ތިހުރިހާ ކަމަކަށް ވިސްނައިގެން އަހަންނަކަށް ނޫޅެވޭނެ. އެހެންނޫނަސް ދުނިޔޭން ފިރިހެނުން ހުސްވީކީ ނޫނެއްނު. ފުއްޓަތްކެއް ޖަހާލިޔަސް މީހުންވާ ޒަމާނެއް މީ. އަތުގަ ފައިސާ ހުރިއްޔާ ކޮންކަމަކާތަ ހާސްވާންވީ؟ އޭނަ ގެއްލުނަސް ތިއެންމެން ތިބޭނެ އެއްނު. ސޯ ނޯ ވޮރީސް" ޔަލްވީ ހުރީ ކޮންމެ ގޮތެއް ވަރިހަމަވެފައެވެ. "ތިމީހުން މެރީކުރާ ދުވަހަކުން އަހަރެން ދާނަމޭ ތިހެން ކިޔަން"

"ތިއެއް ނޫނޭ. ފިރިސޮރު ހުންނާނީ ދެން އަބަދުވެސް ކައިރީގައޭދޯ. ޔާލްގެ މިނިވަންކަން ތި ގެއްލުނީ. އަހަރެން ބުނާ ވާހަކައެއް އަޑު އަހަންޏާ ނަމަނަމަ ފިރިމީހާގެ ދަށު ނުވާތި!" ތޫބާ މަސައްކަތްކުރީ ޔަލްވީގެ ހިތް އިތުރަށް ގޯސްކުރާށެވެ.

"އެއީ ތެދެއް، މި ރާއްޖެތެރޭ މީހުންގެ ހުންނާނީ ވަރަށް ކަޓު ހިޔާލު. އަނބިމީހާގެ މިނިވަންކަމާ ދޭތެރޭ އެމީހުން ނުވިސްނާނެ" ތޫބާގެ ވާހަކައަށް އެއްބަސްވުމުގެ ގޮތުން މުނީފާ ބުނެލިއެވެ.

"ދެން އަހަރެމެންނަށް ދުވަސްކޮޅަކުން އިވޭނީ ޔާލް މަންމައަކަށް ވާންއުޅޭ ހަބަރު ކަންނޭގެ" ރަނާ ޔަލްވީއާއި ދިމާކުރިއެވެ. ހީގަތެވެ. އެހެން އެކުވެރިންވެސް ހޭން ފެށުމުން، ރުޅިގަދަވެގެން ޔަލްވީގެ ދަތްތަކަށް ބާރުވިއެވެ. "އޭރުން ޔާލްގެ ހުރިހާ މިނިވަންކަމެއް އެ ގެއްލުނީ. ރީތިކަމާ، މުސްތަގުބަލާ، މިނިވަންކަންވެސް. އަހަރެމެން ދޭނެ އިތުރު ނަސޭހަތެއް ނެތް. އެހާ އަވަހަށް ދަރިޔަކު ނުހޯދާތި!"

ތޫބާގެ މަގުސަދަކަށްވީ ޔަލްވީގެ ހިތުގައި ރަޔާން އާއިމެދު ފޫހިކަން އުފެއްދުމެވެ. އެކަން ކާމިޔާބުވިއެވެ. ޔަލްވީގެ މޫނުގެ ކުލަވަރު ބަދަލުވިއެވެ. ކުރިން އެމޫނުން ފެނުނު ހަމަޖެހުމުގެ އަސަރު މިހާރު ފެންނާކަށް ނެތެވެ. ތޫބާގެ ތުންފަތް މައްޗަށް ވެރިވީ ވިހަ ހިނިތުންވުމެކެވެ.

ޔަލްވީ ހުރީ ހާސްވެފައެވެ. އޭނާ ދަރިއަކު ބޭނުމެއް ނުވެއެވެ. އެއީ އޭގެ ކުރިން ޔަލްވީއަށް ވިސްނާލެވިފައިނުވާ ކަމެކެވެ. ޔަލްވީއަށް ވެގެންވާނަމަ ރަޔާން އޭނާގެ ކުރިމަތީގައި އެންމެ ހިނދުކޮޅަކަށްވެސް ހުރިޔަކަ ނުދޭނެއެވެ. އޭނާގެ ގައިގައި އިނގިލި ކުރި ޖައްސާލިއަސް ރަޔާންގެ ދުވަސް ދުއްވާލަން ޔަލްވީ ނިންމިއެވެ. ކައިވެނި ކުރެވުނަސް، ޔަލްވީގެ މައްޗަށް ބާރު ފޯރުވޭވަރުގެ މީހަކު ނާންނާނެއެވެ. ކުރިން އުޅުނު މިނިވަންކަންމަތީގައި ޔަލްވީއަށް އުޅެވެން ޖެހޭނެއެވެ.

"ޔާލް!" ޔަލްވީގެ މޫނުމަތީގައި ހަނާ އަޅައިލަމުން ރަނާ ދެތިން ފަހަރަކު ގޮވައިލިއެވެ. "އަހަރެމެން އެބަ އަންނަން އިނގޭ ވަރަށް އަވަހަށް ބަނދަރަށް ގޮއްސަ. އެއްކަލަ ޝިފާންމެން އެބަ އާދެޔޯ. މިދަނީ އެމީހުން ރިސީވްކުރަން"

ރަނާމެން ދިޔުމުން ޔަލްވީ އެކަނިވިއެވެ. ކިތަންމެ ރީތި ހެދުމެއްލައި، އަގުބޮޑު މޭކަޕެއް ކޮށްގެން ހުރި ނަމަވެސް އެކަމުން ޔަލްވީއަށް ލިބުނު ހިތްހަމަޖެހުމެއް ނެތެވެ. އެ ކައިވެންޏަކީ ރަޔާންގެ ކިބައިން ބަދަލު ހިފުމަށް ޔަލްވީ ކުރި ކައިވެންޏެކެވެ. އެހެން ނަމަވެސް ކައިވެނީގެ ސަބަބުން ޔަލްވީގެ ދިރިއުޅުން އަނދަވަޅަކަށް ވެއްޓުނުކަމުގެ އިހުސާސް އޭނާއަށް ކުރެވެން ފެށިއެވެ. އެ ހުރިހާ ދުވަހު އުޅުނު އަރާމު ދިރިއުޅުން، ގުރުބާން ކުރެވުނީ ހިތުގައި އޮތް ބަދަލުހިފުމުގެ ރޫހެއްގެ ސަބަބުންނެވެ. އެކަމަކު ޔަލްވީއަށް ރަޔާންގެ ކިބައިން ބަދަލު ހިފިދާނެ ހެއްޔެވެ؟ ބަދަލު ހިފުމަށް ކުރެވުނީ ރަނގަޅު ކަމެއް ހެއްޔެވެ؟

********

"ކޮބާތަ އެ ރަޔާން؟ މިކަހަލަ ވަގުތެއްގަ ކޮންތާކަށްތަ އެދިޔައީ؟ ބުނެވެސް ނުލައޭ އެދިޔައީވެސް. އަމީރާ! ފޯނު އެބައޮތްތަ އަތުގަ؟ އަހަންނަށް މި އާދެވުނީ ފޯނުވެސް ނުލައޭ" ރަޔާން ނުފެނި ގިނައިރުވުމުން، ރަޒީނާ ހާސްވާގޮތްވިއެވެ. އޭނާ ހުރީ ގޭޓު ކައިރީގައި ދެކޮޅަށް ހިނގާލަ ހިނގާލައެވެ.

އަމީރާގެ ފޯނުން ރަޔާންއަށް އެތައް ފަހަރަކު ގުޅިއެވެ. ފޯނު އޮންނަނީ ނިއްވާލާފައެވެ. ރަޒީނާއަށް ދެކޮޅަށް ހިނގެން ފެށުނެވެ. ހަފުލާއަށް މެހެމާނުންތައް އަންނަމުން ދިޔައެވެ. އެއިން ކޮންމެ މީހަކުވެސް ހޯދަމުން ދިޔައީ އަލަށް ކައިވެނި ކުރެވުނު ދެމަފިރިންނެވެ. ރަޔާން ނުފެންނާތީ، ނިމާލުވެސް ދެފަހަރަކު ރަޒީނާއާއި ސުވާލުކުރިއެވެ. އެހުރިހާ ކަމަކާއި ރަޒީނާ ހުރީ ބޯގޮވާވަރު ވެފައެވެ.

"ރަޒީނާ.... ދެން ތިހާވަރަށް ހާސްނުވެބަލަ! ޕާޓީއާ ގުޅޭ ކަމެއްގަވެސް ރަޔާން ހިނގައިދާނެއެއްނު ތާކަށް. އަވަސްއަރުވާލާފަ ހުރީމަ ނުބުނީ ކަމަށްވެސް ވެދާނެ. އެހެންނޫނީ، މިކަހަލަ ވަގުތެއްގަ އެގޮތަށް ހިނގައިދާނެހެން އަހަންނަށް ވަރަށް ހީނުވޭ. އެހެން ނޫނަސް ރަޔާންއަކީ ރަޒީނާ ލަދުގަންނަ ކަހަލަ ކަމެއް ކުރާނެ ކުއްޖެއް ނޫން. ދެން އެކަމާ ނުވިސްނާ! އަދި ނައިސްގެން އުޅޭ ވަރެއްވެސް ނުވެއޭ. މިތާ އެކަހެރިވެގެން ނުހުރެ ހިނގާބަލަ އެންމެންގެ ތެރެއަށް" ރަޒީނާ ހަމަޖެއްސުމަށް ހުރިހާ ވާހަކައެއް ދެއްކިއިރު، އަމީރާގެ ހިތްވެސް ވަނީ ސުވާލުން ފުރިފައެވެ. އަލަތު ކައިވެންޏެއް ކުރެވެނު ނަމަވެސް، އޭނާއަށް ރަޔާންގެ މޫނުން އުފާވެރިކަމެއް ނުފެނުނެވެ.

********

ކަކުލުގައި ބޯ އަޅާލައިގެން ރޯންއިން ލިމްޔާ ސިހުނީ އޭނާގެ ކޮނޑުމަތީގައި މީހަކު އަތް ބާއްވާލުމުންނެވެ. އެހާ ގިނައިރު ރުއިމުގެ ސަބަބުން ލިމްޔާގެ ދެލޯ ރަތްވެ، ދުޅަވެފައިވާއިރު، މޫނުމަތި ވެސް ވަނީ ރަތްވެފައެވެ. ބޯހިއްލާލައި ބަލާލުމާއިއެކު، ލިމްޔާއަށް ލިބުނީ ސިހުމެކެވެ.

"ރެން؟...." ގަބޫލުނުކުރެވިފައިވާ ރާގަކަށް ލިމްޔާ ގޮވައިލިއެވެ.

ހިތާމައިގައި ވީ ވަގުތު، ނުހަނު ކައިރިން ހިތްއެދޭ ބައިވެރިޔާ ފެނުމުން ލިމްޔާއަށް ސޯފާއިން ތެދުވެވުނު ގޮތްވެސް ނޭނގުނެވެ. ހުދުކުލައިގެ ގަމީހަކާއި ކަޅުކުލައިގެ ކޯޓު ފަޓުލޫނުގައި ރަޔާން ފެންނަލެއް ފުރިހަމައެވެ. ފިރިހެންވަންތައެވެ. އެ ހެދުމުގައި ރަޔާން ހުއްޓާ ފެންނަން ލިމްޔާ ހާދަ ބޭނުންވިއެވެ. އެކަމަކު، ހަމައެކަނި ލިމްޔާގެ ހައްގެއްގެ ގޮތުގައެވެ. ވާންވީ އުފާކަމެއް، ދެރަކަމެއް ލިމްޔާއަކަށް ނޭނގުނެވެ. ބޮޑު ދެލޮލުން އޮހެމުންދިޔަ ކަރުނަތައްވެސް ރަޔާން ފެނި ހުއްޓުމަކަށް އައިސްފައިވިއެވެ.

"ލިމް އަހަންނަށް..." ލިމްޔާގެ ހާލު ފެނި ރަޔާނަށް ވާހަކަ ދައްކަން އުނދަގޫވިއެވެ.

(ނުނިމޭ)