"މިހާރު ތައްޔާރުވާހާއިރު ވެއްޖެ. އަވަހަށް ގޮސް ޔަލްވީ ގޮވައިގެން އާދޭ!" ގާޒީ ފެނުމުން، ނިމާލު ހިނގައިގަތީ މޭޒާއި ދިމާއަށެވެ.

********

ދޮރުގައި ޓަކި ޖަހާލާފައި ނަފީސާ އެތެރެއަށް ވަނެވެ. ޔަލްވީ ލައިގެން ހުރި ހެދުމުގެ ފަސްބައިގައި ހިފައިގެން ރަނާ އާއި ތޫބާ ހުއްޓެވެ. މުނީފާ ހުރީ މަންޒަރު ވީޑިޔޯ ކުރާށެވެ. ދަރިފުޅު ލައިގެން ހުރި ހެދުމަށް ނަފީސާއަށް ބަލައިލެވުނީ ގޮތް ހުސްވެފައިވާ ނަޒަރަކުންނެވެ. ޔަލްވީގެ ހަށިގަނޑުގެ ބޮޑު ބައެއް އޮތީ ހާމައަށް ފެންނާށެވެ. އެހެނެއްކަމަކު، އެ ހެދުން ބަދަލުކުރުވުމުގެ ބާރެއް ނަފީސާގެ ކިބައިގައި ނެތެވެ.

"ޔާލް މޯމް!" މުނީފާގެ އަޑަށް ޔަލްވީ މެންނަށްވެސް ދޮރާއި ދިމާއަށް ބަލައިލެވުނެވެ.

"ވަރަށް ލަސްވެއްޖެ! ދަރިފުޅު ނައިސްގެން އެންމެން މިހާރު އެތިބީ. ހިނގާ އަވަހަށް" ގަދަކަމުން ހިނިތުންވެލި ނަމަވެސް ނަފީސާގެ ނުތަނަވަސްކަން ސިއްރެއް ނުވެއެވެ.

ކައިވެނީގެ ހަފުލާ އޮތީ ރަށު ސްކޫލް ހޯލުގައެވެ. ތަން އޮތީ ވަރަށް ފުރިހަމައަށް ތައްޔާރުކުރެވިފައެވެ. ކައިވެނީގެ މޭޒު ބަހައްޓާފައިވާ ސަރަހައްދު ދިއްލައި ކުލަބޮކިތަކުން ޖަރީކޮށްފައިވިއެވެ. މޭޒުމަތީގައި ހުދު ފޮތި އަޅާފައިވާއިރު، ފިޔާތޮށްޓާއި ރަތް ފިނިފެންމަލުން މޭޒުމަތި ޖަރީކޮށްފައިވިއެވެ. ހޯލުގައި އަތުރާފައިވާ މޭޒުތައް ހުރި ހިސާބުގައި މާބޮޑު އަލިކަމެއް ނެތަސް، ކޮންމެ މޭޒެއްގެ މަތީގައި ބަހައްޓާފައިވާ ފުޅި ބައްތީގެ ފަނޑު އަލިން ހިނގާބިނގާވެ އުޅުމަށް ދަތިކަމެއް ނެތެވެ. އެ ސަރަހައްދުގެ ސީލިންގުގައި ކުދި ލެޑް ބޮކި ހަރުކޮށްފައި ހުއްޓެވެ. އެ ފަނޑު އަލިކަމުގެ ތެރޭގައި، ލެޑް ބޮކިތައް ތަރިތަކެއް ފަދައިން ވިދާ ބަބުޅަމުން ދިޔައެވެ.

ކެއުން ތައްޔާރުކޮށްފައި އޮތީ ސްކޫލް ގޯތިތެރޭގައެވެ. ދުރުދުރުގައި އަތުރާފައިވާ ވަށް މޭޒުތަކުގައި ހުދު ފޮތި އަޅައި، ކޮންމެ މޭޒެއްގެ ކައިރީގައި ހަތަރު މީހުންނަށް ތިބެވޭނޭ އިންތިޒާމް ހަމަޖައްސާފައި ހުއްޓެވެ. މޭޒުތަކުގެ މަތީގައި ހުރި ވާސްތަކުގައި ނުފޮޅޭ ރަތް ފިނިފެންމާ ބަހައްޓާފައި ހުރިއިރު، އޭގެ މީރުވަސް މުޅި ހިސާބަށް ފެތުރިފައިވިއެވެ. މޭޒުތަކަށް އަލިކުރުމަށް ބޭނުންކޮށްފައިވާ ފުޅިބައްތީގެ އޮރެންޖު އަލި މާތަކަށް އެޅިފައި ހުރުމުން ތަނަށް އިތުރު ދިރުމެއް ގެނެސްދެއެވެ.

ކައިވެނީގެ ހަފުލާއަށް ރަށުގެ ރައްޔިތުންނަށް ދައުވަތު ދެވުނެވެ. އެ ރަށުގައި ނުބާއްވާހައި ފުރިހަމައަށް ކައިވެނީގެ ހަފުލާ ބޭއްވުމަށް، އެކިއެކި ތައްޔާރީތަކަށް ނިމާލު ވަރަށް ބޮޑު ހޭދައެއް ކުރިއެވެ. ކެއުމުގެ އިންތިޒާމްތަކާއި، ޔަލްވީގެ މޭކަޕް ކުރުމަށްވެސް ބޮޑު އަގުގައި މާލެއިން މަޝްހޫރު މީހުން ގެނުވިއެވެ. ރަޔާން އެކަމާއި ކިތަންމެ ނުރުހުނު ނަމަވެސް ހުރި ހަމައެކަނި ދަރިފުޅުގެ ކައިވެނި ޕާޓީ ވީހާ ވެސް ފުރިހަމައަށް ބާއްވައިދިނުމަކީ ނިމާލު ކުރަން ބޭނުންވި ކަމެކެވެ.

ޔަލްވީ އެތެރެއަށް ވަދެގެން ދިޔަ މަންޒަރު ފެނުނު ކޮންމެ މީހަކުވެސް ތިބީ އާޝޯހުވެފައެވެ. އެހެންނުވާންވީ ސަބަބެއް ނެތެވެ. ޔަލްވީ ލައިގެން ހުރީ އެރަށުގެ ޒުވާނަކު ލާނެފަދަ ހެދުމެއް ނޫނެވެ. ނިވާކަން ކުޑަ އެ ހެދުން ފެންނަ ކޮންމެ މީހަކަށް ހިތާއިހިތުން ކުރެވުނު ސުވާލަކީ ރަޔާންގެ ހަޔާތަށް އެ އަންހެންކުއްޖާ ގެނައީ ކީއްވެތޯއެވެ.

ޔަލްވީ ފެނުމުން ނިމާލަށްވެސް ލިބުނީ ސިހުމެކެވެ. ހިތްހަމަނުޖެހިފައި ނަފީސާއަށް ބަލައިލިއެވެ. ނަފީސާގެ އަތްމައްޗަށް ދޫކޮށްލި ހަމައެކަނި ކަންތަކަށް ފަރުވާކުޑަ ކުރީއެވެ. ޔަލްވީގެ ގޮތް އެނގިހުރެ، އަތްދަށުން އެކަން ދޫކޮށްލެވުނީތީ ނިމާލަށް އަމިއްލަ ނަފުސު ކުށްވެރިކުރެވުނެވެ.

ޔަލްވީ އައިސް ރަޔާންގެ ކައިރީގައި އިށީނެވެ. ކައިރީގައި މީހަކު އިށީންކަންވެސް ރަޔާނަށް ނޭނގޭ ކަހަލައެވެ. އޭނާ ވަށައިގެން ހޯދަމުން ދިޔައީ ލިމްޔާ ފެނޭތޯއެވެ.

********

"ދަރިފުޅާ ލިމްޔާ! މަންމަމެން މިދަނީ ޕާޓީއަށް ދާން" ލިމްޔާގެ ކޮޓަރި ދޮރު ހުޅުވާލަމުން އަމީރާ ބުންޏެވެ.

ލިމްޔާ އޮތީ އެނދުގައި އޮށޯވެލައިގެންނެވެ. ހަފުލާއަށް ދާން އަމީރާ ނަގައިދިން ހެދުން އޮތްތަނުގައި އޮތެވެ.

"މަންމަ ދަމުން ގޭގެ ދޮރު ލައްޕާލައްޗޭ!" އަމީރާއާއި ދިމާއަށް ބަލައިވެސްނުލާ ލިމްޔާ ބުނެލިއެވެ.

"ދަރިފުޅު ނުދަންތަ؟" ލިމްޔާގެ ހިތުގެ ހާލު އެނގުނު ނަމަވެސް އަމީރާއަށް އަހައިލެވުނެވެ.

"މަންމާ! އަޅުގަނޑަކަށް ނޭނގެ ހަދާނެ ގޮތެއް" ފެންކަޅިވެފައިވާ ދެލޮލުން ލިމްޔާ އޭނާގެ މަންމައަށް ބަލައިލިއެވެ.

"ދަރިފުޅު ދާން ބޭނުން ނޫނިއްޔާ ގޭގަ މަޑުކޮށްލާ!" ލިމްޔާގެ ހާލު ފެނި، އަމީރާއަށް އެހެން ބުނަން މަޖުބޫރުވީއެވެ. ލިމްޔާ ނުގޮސްފިނަމަ، އެހެން މީހުންގެ ސުވާލުތައް ކުރިމަތިވާނެއެވެ. އެސުވާލުތަކަށް ދޭނެ ޖަވާބެއް އަމީރާއަކަށް ނޭނގެއެވެ. "މަންމަވެސް މިދަނީ އެހާ ދާހިތަކުން ނޫން. ރަޒީނާއަކީ މަންމަގެ ނުލާހިކު ގާތް މީހެއް. އަނެއްކޮޅުން ނަފީސާ އަކީވެސް މަންމަގެ އެކުވެރިއެއް"

"ރެން އެދުނީމަ ދާން އަޅުގަނޑުވެސް ބޭނުން. އެކަމަކު ކެތެއް ނުވާނެ މަންމާ" ލިމްޔާއަށް އޭނާގެ ހިތުގައި އަޅަމުންދިޔަ ވޭން ސިއްރެއް ނުކުރެވުނެވެ. "މަންމަ ދޭ. އަޅުގަނޑު ދާނަން ކައިވެނި ނިމޭހާއިރު ކޮށްފަ. ޕާޓީ ފެށެން ވާއިރަށް ދާނަން...." ކަރުނަ ފޮހެލަމުން ލިމްޔާ ބުނެލިއެވެ.

އަމީރާ ކޮޓަރިއަށް ވަނެވެ. ލިމްޔާގެ ކައިރީގައި އިށީނެވެ. ހަމްދަރުދީއިން ފުރިގެންވީ ނަޒަރަކުން ދަރިފުޅުގެ މޫނަށް ފުން ނަޒަރެއް ދިނެވެ.

"ދަރިފުޅު އަންނަންޗޭ! އެހެންނޫނީ ރަޒީނާ ހީކުރާނީ ކީކޭ. މީހުންވެސް ސުވާލުކުރާނެ. ދަރިފުޅު ރަޔާންއާ އެހާ ގާތްކޮށް އުޅެފަ ޕާޓީއަށް ނުގޮއްސިއްޔާ ރަޒީނާ ވަރަށް ދެރަވާނެ" ލިމްޔާގެ ބޮލުގައި ފިރުމައިލަމުން އަމީރާ ބުނެލިއެވެ. "މަންމަ މިދަނީ އިނގޭ. މިހާރުވެސް މާ ބޮޑަށް ލަސްވެއްޖެ...."

ކޮޓަރިން ނުކުތްއިރު، އަމީރާގެ ހިތުގައި ވަނީ ދިލަ ރިހުމެއް އުފެދިފައެވެ. ދަރިފުޅުގެ ހިތުގައި އަޅަމުންދާނޭ ވޭން އަމީރާއަށް އިހުސާސް ކުރެވެއެވެ. ނަމަވެސް ހިތްވަރު ދިނުން ފިޔަވައި އިތުރުކަމެއް އަމީރާއަށް ކޮށްދެވޭކަށް ނެތެވެ.

މަންމަމެން ދިޔަކަން ޔަގީންވުމާއިއެކު ލިމްޔާގެ ބަޑި ފަޅައިގެން ދިޔައެވެ. އަބަދުގެ އަބަދަށް ރަޔާން ގެއްލެނީއެވެ. ލިމްޔާގެ އެއްވެސް ބާރެއް ނެތެވެ. ކުރެވޭނެ ކަމެއް ނެތެވެ.

"އަމީރާ! ކޮބާ ލިމްޔާ؟" އަމީރާގެ ފަހަތުން ލިމްޔާ އައިތޯ ބަލައިލުމަށްފަހު، ރަޒީނާ ސުވާލުކުރިއެވެ.

"އަންނާނަމޭ ބުނީ" ގަދަކަމުން ހިނިތުންވެލަމުން އަމީރާ ބުނެލިއެވެ. "ކުޑަކޮށް ބަލިވެ އުޅޭތީ. ޕާޓީ ފެށެންވާއިރަށް އަންނާނެ. ރަޒީނާ ހާސްނުވޭ!"

ރަޒީނާގެ އުފަލުގައި އަމީރާއަށް އެންމެ ފުރިހަމައަށް ބައިވެރިވެވޭ ގޮތެއް ނުވިއެވެ. އަމިއްލަ ދަރިފުޅުގެ ހިތްހަލާކުކޮށްލާ ކަމެއްގައި އަމީރާއަށް އުފާވެވޭނީ ކިހިނެއް ހެއްޔެވެ؟ އެކަމަކު، ރަޔާންއަށާއި ރަޒީނާއަށް އަމީރާގެ އެއްވެސް ހިތްބުރަކަމެއް ނެތެވެ. ލިމްޔާގެ ލޯބި ވަނީ ހިތުގައި ރައްކާކޮށް ސިއްރުކޮށްފައިކަމަށްވީތީއެވެ.

"ލިމްޔާއަށް ކިހިނެއްވީ އަނެއްކާ؟ މިހާރު އެމަންޖެ ރަނގަޅުތަ؟" ރަޒީނާ ކަންބޮޑުވިއެވެ.

"މާބޮޑުކަމެއް ނުވޭ. ކުޑަކޮށް ބޮލުގަ ރިއްސާތީ އުޅުނީ. އެކަމަކު ބޭސްކާލީމަ މިހާރު ރަގަޅު...." އަމީރާ ވިސްނީ މަސްލަހަތަށެވެ. ދޮގުހެދީ އެގޮތް ފަސޭހަވެގެނެއް ނޫނެވެ.

"ރަޔާން އުޅުނު ލިމްޔާ ނައިސްގެން. ވަރަށް ކަންތައް ބޮޑުވެފަ ހުރީ. ބުނީ ފޯނުވެސް ނިވާލާފަޔޯ އޮތީ" ލިމްޔާ އަންނާނެކަން އެނގުމުން، ރަޒީނާގެ ނުތަނަވަސްކަން ފިލައިގެން ދިޔައެވެ. "އަހަރެންވެސް ދެތިން ފަހަރަކު ގުޅީމޭ. ފޯނު ނިވާލާފަ އޮތީ. އެމަންޖެ ހަމަޖެހިލައިގެން އަންނާނެތާ ދޯ. ހިނގާ އަވަހަށް އެތެރެއަށް"

ނަފީސާއާއި ބައްދަލުވެވުމުން އަމީރާއަށް އުފަލެއް ނުވެވުނެވެ. ނަފީސާގެ ދަރިފުޅުގެ ސަބަބުން އަމީރާގެ ދަރިފުޅުގެ ހިތް ހަލާކުވެގެން ދާތީއެވެ.

"އަނބި ގަބޫލުކޮށްފިން...." ރަޔާންއަށް ދޫކޮށްލެވުނީ ފުން ނޭވާއެކެވެ.

ކުރެވުނު ކައިވެންޏަކުން މުޅި ދިރިއުޅުން ބަދަލުވެއްޖެކަމުގެ އިހުސާސް ރަޔާނަށް ކުރެވުނެވެ. ޔަލްވީއަކީ ރީތި ކުއްޖެކެވެ. އެކަމަކު، ޔަލްވީގެ މިޒާޖުގެ ސަބަބުން އެކުގައި އުޅެން އުނދަގޫވާނެއެވެ.

ކައިވެނީގެ މަޖިލިސް ނިމުމާއިއެކު ރަޔާން ތެދުވިއެވެ. ކައިރީގައި އިން އަނބިމީހާއަށް ބަލައިލުމެއްނެތި، މެހެމާނުން ތިބި ދިމާއަށް ރަޔާން ހިނގައިގަތެވެ. އެދެލޯ ހޯދަމުން ދިޔައީ ލިމްޔާއެވެ. ސަބަބެއް ނެތިއެއް ނޫނެވެ. ރަޔާން ބޭނުންވީ ލިމްޔާގެ ހާލު އެނގޭށެވެ. އެހެން ހުރިހާ ކަމަކަށްވުރެ ލިމްޔާ އިސްވީ ކީއްވެކަމެއް ހުދު ރަޔާންއަށްވެސް ނޭނގުނެވެ.

"ލިމްއަކީ އަހަރެންގެ ގާތް ފްރެންޑެއް. ލިމް އޯކޭތޯ ބެލުމަކީ އަހަރެން ކުރަންޖެހޭނެ ކަމެއް. ޔެސް. އެހެންވެ، ލިމް ފެނޭތޯ މި ހޯދެނީ..." ރަޔާން ވާހަކަދެއްކީ އަމިއްލަ ހިތާއެވެ.

އަމީރާގެ ކައިރިއަށް ދިޔުމަށް ރަޔާން ހިނގައިގަތެވެ. އެވަގުތު ކޮންމެވެސް މީހަކު އޭނާގެ ކުރިމައްޗަށް އެރިއެވެ. ކުރިމަތީގައި ހުރީ އޭގެ ކުރިން ރަޔާން ދެކެފައިވާ އަންހެންކުއްޖެއް ނޫނެވެ.

"ހާއި" އަތުން ހަނާއަޅައިލަމުން، ތުއި ގޮތަކަށް ތޫބާ ބުނެލިއެވެ. "މީ ތޫބާ. ތޫ ކިޔަސް އޯކޭ...."

ތޫބާ ސަލާމަށް އަތް ދިއްކޮށްލިއެވެ. ތޫބާ އާއި ދިމާއަށް ހިނިތުންވެލުމަށްފަހު، މަޑުކޮށްލުމެއް ނެތި ރަޔާން ހިނގައިގަތެވެ. އަތް ތިރިކޮށްލަންވެސް ނޭނގިފައި ތޫބާ އިރުކޮޅަކު ހުއްޓެވެ.

"ބަލަ އެއީ މިހާރު ޔާލްގެ ފިރިމީހާއޭ. ތޫ ވެސްދޯ. ދެން އުޅޭ ގޮތެއް" މުނީފާ ތޫބާއާއި ދިމާކުރިއެވެ. ތޫބާ އަވަހަށް އަތް ތިރިކޮށްލިއެވެ.

"ހާދަ ފޮންޏޭ އޭނަ. މަ އޭނަޔާ ވާހަކަ މި ދެއްކީ އެއީ ޔާލްގެ ފިރިމީހާއަށް ވީމައޭ. ޔާލްއަކީ އަހަރެމެންގެ އެކުވެރިއަކަށްވީމަ، އޭނަޔަށް ތައާރަފް ވާންވެގެން. މަ އެބައުޅޭތަ އޭނަޔާ ހެދި މޮޔަވެގެން" ތޫބާ އައި ރުޅީގައި މުނީފާއާއި ދިމާއަށް އެތިވަރު ކިޔައިލިއެވެ.

"ކޮބާ ލިމް؟" އަމީރާގެ ކައިރިއަށް ގޮސްފައި ރަޔާން އަހައިލިއެވެ.

ބަޔަކާއި ވާހަކަ ދައްކަން ހުރި އަމީރާ ކުޑަކޮށް ދުރަށްޖެހިލިއެވެ. ރަޔާނަށް ބަލައިލިއެވެ. ރަޔާނަކީ މިހާރު މީހެއްގެ ފިރިއެކެވެ. ކައިވެނި ކުރިގޮތަށް ރަޔާން އެއައީ ލިމްޔާ ހޯދާށެވެ. އެކަމާއި އަމީރާ ކުޑަކޮށް ހިތްހަމަނުޖެހުނެވެ. އަމީރާ ހުރިގޮތުން، ކޮންމެވެސް ކަމެއް ގޯސްވެއްޖެކަށް ރަޔާންއަށް އެނގުނެވެ.

"ލިމް އޯކޭތަ؟" ރަޔާން އަހައިލިއެވެ.

"ލިމްޔާ އޯކޭ. ހަމަ ރަނގަޅު" ހިތުގައި ޖެހިފައި ހުރިވަރުން އަމީރާއަށް ވާހަކަ ދެއްކުނީ ކުޑަކޮށް ރުންކުރު ރާގަކަށެވެ. "ލިމްޔާ ބުނި ޕާޓީ ފެށެން ވާއިރަށް އަންނާނަމޭ. ދައްތަ އެބަ އަންނަން ނަފީސާ އާއި ބައްދަލުކޮށްލާފަ"

އަމީރާ ވާހަކަ ދެއްކިއިރު، ރަޔާނާއި ހަތަރުކަޅި ހަމަނުކުރާތީ، ރަޔާންގެ ޝައްކު ޔަގީނަށް ބަދަލުވިއެވެ. ކޮންމެވެސް ކަމެއް ވެއްޖެއެވެ. ނޫންނަމަ، އަބަދު ހިނިތުންވެފައި ވާހަކަ ދައްކާ އަމީރާއަށް އެހާ ބޮޑު ބަދަލެއް ނައީހެވެ.

ރަޔާން ތަކުރާރުކޮށް ލިމްޔާގެ ފޯނަށް ގުޅިއިރުވެސް ފޯނު އޮތީ ނިވާލާފައެވެ. ރަޔާން ދެން ހޯދީ އަފްސަމެވެ. ތަށި ފުރެންދެން ކާއެއްޗެހި އަޅައިގެން އަފްސަމް އައީ މޭޒުކައިރީގައި އިށީންނާށެވެ. އަފްސަމަށް ރަނގަޅަށް ގޮނޑީގައި ނީނދެވެނީސް، ރަޔާން އަފްސަމްގެ އަތުގައި ހިފައިގެން ސްކޫލް ގޭޓާއި ދިމާއަށް ހިނގައިގަތެވެ.

"މަގޭ ތަށި" ފަސްއެނބުރި ތައްޓާއި ދިމާއަށް ބަލަމުން އަފްސަމް ބުނެލިއެވެ.

"ވަރަށް އަވަހަށް ހިނގާބަލަ އަހަރެން ބުނާ ތަނަކަށް ގެންގޮސް ދޭން....." ރަޔާން އެދުނެވެ.

"މިގަޑީ؟ ކޮންތާކަށް؟" އަފްސަމަށް ބުނެވުނެވެ. "އިހަށް މަޑުކޮށްލަބަލަ. އެތަށި ހުސްކުރަންދެން. މިއަދު އަދި އެއްޗެއް ނުކައޭ މިއުޅެނީވެސް"

"ވަރަށް މުހިއްމު ކަމަކުއޭ" އާދޭސްކުރާ ރާގަކަށް ރަޔާން ބުނެލިއެވެ.

"ޕާޓީވެސް ފެށޭކަށްނު އެ އުޅެނީ. ދެން ކޮން މުހިއްމު ކަމެއް މިގަޑީ؟" އަފްސަމް ކަންބޮޑުވިއެވެ. "އަނެއްކާ ތިއުޅެނީ ފިލައިގެން ދާންތަ؟ ނޫނޭ ނޫނޭ. ތިކަމުގެ ތެރެއަށް އަހަރެން ނުވައްދާ! އެ ނިމާލު ނޭނގެ ދެން އަހަރެން ނޫންކަމެއް އެމަންޖެއާ ކައިވެނިކުރުވާނީ"

"ކައިވެނި ކުރެވިއްޖެއޭ. އަންހެނަކަށް ދެފިރިން ހުއްދައެއް ނުވާނެ" އެހާ ސީރިއަށްވެފައި ހުރެވެސް ރަޔާން ދެން ބުނި ވާހަކައަކުން އަފްސަމަށް ހެވުނެވެ.

"ނޭނގެއެއްނު ނިމާލުގެ ގޮތެއް" ލާނެތް ރާގަކަށް އަފްސަމް ބުނެލިއެވެ.

"ވީގޮތް ފަހުން ކިޔައިދޭނަމޭ. ހިނގާބަލަ މިގަޑީ އަހަރެން ތާކަށް ޑްރޮޕްކޮށްލަދޭން" ރަޔާން ކުރެއް ނުކުރިއެވެ.

"އޯކޭ.... ކޮންތާކަށް ދާންވީ؟" އަފްސަމް ހަތިޔާރު ބެހެއްޓިއެވެ.

(ނުނިމޭ)