25 Jun 2012, 16:49
ކޫއްޑޫ ފިޝަރީޒް މޯލްޑިވްސްއާ އަދި ޒަމާންވީ މަސްކުންފުނި މިފްކޯގައި ކޮރަޕްޝަންގެ ސީރިއަސް މައްސަލަތަކެއް ހުރި ކަމަށް ބުނެ ރައްޔިތުން މަޖިލީހުގެ މާލިއްޔަތު ކޮމެޓީން އެ މައްސަލަތައް ބަލަން ނިންމައިފި އެވެ.
މާލިއްޔަތު ކޮމެޓީގެ މުގައްރިރު އަހުމަދު ނާޒިމް ވިދާޅުވީ ކޫއްޑޫއާ މިފްކޯގެ މައްސަލަތައް ބަލަން އެކުލަވާލައިފައިވާ ސަބް ކޮމެޓީގެ މަސައްކަތް ކުރިއަށް ނުދާ ކަމަށާއި އެ ދެ ކުންފުނީގައި ހުރި މައްސަލަތައް ނުބަލައި ބެހެއްޓޭވަރަށް ވުރެ ސީރިއަސް ކަމަށެވެ. އަދި ވިދާޅުވީ އެ ދެ ކުންފުންޏާ ބެހޭ މައްސަލަތަކެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވެސް އެ ކޮމެޓީގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށެވެ.
"އެދެ ތަނުގައި ހުރި މައްސަލަތައް ވަރަށް ގޯސްކޮށް ހުރީ، އޭސީސީން ވެސް އެތަނަށް ވަޑައިގަތީމައި އެބޭފުޅުން ކަންތައްތައްކުރެއްވި ގޮތުގެ ވާހަކަ އަޅުގަނޑުމެންގެ ސަމާލުކަމަށް އޮތީ ގެނެސްފައި، މި މައްސަލަތައް ބަލަން ނިންމި ނަމަވެސް އަޅުގަނޑުމެންނަށް މިއޮތީ ކުރިއަށް ނުގެންދެވިފައި، މިކަން އަޅުގަނޑުމެން ބެލުން އަވަސް ކުރަން އެބަޖެހޭ، ކަންތައްތައް މި ހުރީ ވަރަށް ގޯސްކޮށް ގޮސްފައި،" ނާޒިމް ވިދާޅުވި އެވެ.
ކޮމެޓީއަށް މައްސަލަ ހުށަހެޅުއްވަމުން އެ ދެ ކުންފުނީގެ ބޮޑެތި ހިޔާނާތުގެ މައްސަލަތަކުގެ މައްޗަށް އަލިއަޅުއްވާ ލައްވައި ނާޒިމް ވާހަކަފުޅު ދެއްކެވި އެވެ. އެގޮތުން ކޫއްޑޫގެ ބޯޑުގެ ބައެއް މެންބަރުން ސަޕްލަޔަރުންގެ އަތުން ކުންފުނީގެ ނަމުގައި ލޯނު ނަގާފައިވާ ކަމަށާއި އެކަމުގެ ލިޔެކިޔުންތައް ފެންނަންނެތް ކަމަށް އޭނާ ވިދާޅުވި އެވެ.
"ކުންފުނީގެ ނަމުގައި އެގޮތަށް ލޯނެއް ނުނެގޭނެ، އަދި އެ ލޯނުތަކުގެ ލިޔެކިޔުންތަކެއް ވެސް ނެތް، އަދި ބޯޑުން ފާސްކޮށް މާލިއްޔަތު ގާނޫނާ ވެސް އެއްގޮތަށް ލޯނު ނެގެން ޖެހޭނީ،" ނާޒިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިފްކޯގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި "އެމްއެމްޕީ މޯލްޑިވްސް"ގެ ނަމުގައި ކުންފުންޏެއް ހަދާފައިވާ ކަމަށާއި އެ ކުންފުނި އުފެއްދުމުގައި ވެސް ކޮރަޕްޝަންގެ ބޮޑެތި މައްސަލަތަކެއް ހިންގާފައިވާ ކަމަށެވެ. އެގޮތުން މިފްކޯގެ ބޯޓުތަކުގެ ތެރެއިން އެ ކުންފުންޏަށް ޓްރާންސްފާ ކުރި ނުވަ ބޯޓެއް ޓްރާންސްފާކޮށްފައި ވަނީ ނުއަގުގައި ކަމަށާއި އޭގެ ސަބަބުން އެ ކުންފުންޏަށް ބޮޑަތި ގެއްލުންތަކާއި ކުރިމަތިވި ކަމަށެވެ.
"އެސެޓް ވެލިޔު ކުރުމުގައި ވެސް ނުއަގުގައި ބޮޑެތި މުއާމަލާތްތަކެއް ހިންގިފައިވާކަން ފާހަގަވޭ، އެގޮތުން ބޯޓުތަކެއް ބަދަލުކޮށްފައި ވެސް މި ހުރީ ނުއަގުގައި، އެހެންވީމަ މިކަންކަން އަވަހަށް ބަލަންޖެހޭ،" ނާޒިމް ވިދާޅުވި އެވެ.
މިފްކޯގެ 30 ޕަސެންޓް ހިއްސާ އޮވެގެން އުފެއްދި އެމްއެމްޕީ މޯލްޑިވްސްގެ ހިއްސާދާރުންނަކީ ތައިލެންޑުގެ ކުންފުންޏަކާއި އަދި ދިވެހި ކުންފުންޏެކެވެ. ނާޒިމް ވިދާޅުވީ ދިވެހި ކުންފުނިން އެމްއެމްޕީ ގައި ހިއްސާވީ އިމްޕޯޑް ޑިއުޓީ ވެސް ނުދައްކާ އަދި ޓްރާންސްޕޯޓް މިނިސްޓްރީގެ ރަޖިސްޓްރީ ވެސް ނުކޮށް އޮތް ބާޖެއް ދީގެން ކަމަށް ފާހަގަކުރެވިފައިވާ ކަމަށެވެ.
އިތުރު ކުންފުންޏެއް އުފެއްދުމުގެ ސަބަބުން އެ ކުންފުނިތަކުގެ ތެރެއިން ބައެއް ކުންފުނިތަކުގެ ބެލެންޝީޓް ނަން ޕާފޯމެންސަށް ގޮސްފައިވާ ކަމަށާއި އޭހެ ނަތީޖާއެއްގ ެގޮތުން މިފްކޯއާ ކޫއްޑޫ އާއި ދެ ކުންފުނީގެ ދެމެދު ފައިސާ މައްސަލަތަކެއް ޖެހިފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.
"ސަރުކާރުގެ ސޮވަރިން ގެރެންޓީ އާއި މިފަދަ ކަންކަމުގައި އެ ކުންފުނިތަކުގެ މެދުގައި މި ހުރީ ބޮޑެތި މައްސަލަތައް ޖެހިފައި، އަޅުގަނޑުމެން އެބަޖެހޭ މިކަންކަމުގެ ފުނަށް ގޮސް މި ކަންކަމުގެ އަޑި ބަލަން، މިކަންކަން މި ހުރީ ވަރަށް ގޯސްކޮށް ގޮސްފައި،" ނާޒިމް ވިދާޅުވި އެވެ.
މީގެ ކުރިން އެ މަސައްކަތް މާލިއްޔަތު ކޮމެޓިގެ ސަބް ކޮމެޓީއަކާއި ހަވާލުކޮށްފައި އޮތް ނަމަވެސް މިއަދުގެ ޖަލްސާގައި މެންބަރުން ނިންމާފައި ވަނީ ސީދާ މާލިއްޔަތު ކޮމެޓީން އެ މައްސަލަތައް ބަލާށެވެ. ނާޒިމް ވިދާޅުވީ އެކަމަށް ބޭނުންވާ ލިޔުންތައްވެސް މިހާރު ހޯދާފައިވާ ކަމަށެވެ.
މާލިއްޔަތު ކޮމެޓީން އަންނަނީ އެމްޓީސީސީގެ މައްސަލަތަކެއް ވެސް ބަލަމުންނެވެ.