އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ބޮޑު ދައުރު އަދާކުރަނީ ފައިސާއެވެ. ފައިސާގެ ފަހަތުގައިވަނީ އެމެރިކާގެ ބޮޑެތި ކުންފުނިތަކާއި މަހުޖަނުންނާ އަދި ޔަހޫދީ ލޮބީ ފަދަ ލޮބީ ގްރޫޕްތަކެވެ.

މިފަރާތްތަކުން ކޭންޕޭނަށް ކުރާ ޚަރަދުގެ ބަދަލު ހޯދަނީ އިންތިޚާބު ކާމިޔާބުކުރާ ކެންޑިޑޭޓަށް ބާރާއި ނުފޫޒު ފޯރުވައިގެންނެވެ. މަހުޖަނުންނާއި ކުންފުނިތަކުން ބަދަލުހޯދަނީ ސަރުކާރުގެ ޕްރޮޖެކްޓްތައް ހޯދައިގެންނެވެ. ޔަހޫދީ ލޮބީފަދަ ލޮބީ ގްރޫޕްތަކުން ބަދަލު ހޯދަނީ ސިޔާސީ ގޮތުންނެވެ. އިސްރާއީލު ހިންގާ ޓެރަރިޒަމްގެ އަމަލުތަކާއި ނަސްލު ނައްތާލުންފަދަ ހަނގުރާމައިގެ ޖަރީމާތަކަށް އެމެރިކާގެ ތާއީދާއި ހިމާޔަތާއި މަދަދު ހޯދައިދީގެންނެވެ.

އެމެރިކާގެ ޑިމޮކްރަސީއަކީ ބޭރުފުށުން ގިރިޓީކޮށްފައިވާ ވަރަށް ދަޅައަރާ ރީތި ނިޒާމަކަށްވިޔަސް އެތެރޭގައި އޮންނަނީ އަނދިރި ދައުލަތެވެ. އެމެރިކާގެ ރިޔާސީ ކެންޑިޑޭޓުންގެ ކޭންޕޭންތަކަށް ޚަރަދު ކުރުމުގައި މަހުޖަނުންގެ އަރާރުންތަކާއި ވާދަވެރިކަން ވަރަށް ބޮޑެވެ. އެއީ ބާރާއި ނުފޫޒު ހޯދުމުގެ ވާދައެވެ. މިބާރާއި ނުފޫޒު މަޝްހޫރުވެފައިވަނީ އަނދިރި ދައުލަތުގެ ނަމުންނެވެ.

މިކަންކުރަނީ އެމެރިކާގެ ހުރިހާ މުއްސަނދިކަމެއްގެ ފައިދާ ކުންފުނިތަކާއި މަހުޖަނުންނަށް ނެގޭގޮތަށެވެ. އާންމު ރައްޔިތު މީހާއަށް އޮންނަނީ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި މުޒާހަރާކުރުމުގެ މިނިވަންކަން އެކަންޏެވެ. އެންމެ ކުޑަވެގެން ސަރުކާރުން ދޭ ސޯޝަލް ސެކިއުރިޓީ ނުވަތަ އިޖްތިމާއީ ރައްކާތެރިކަން ވެސް އާންމު ރައްޔިތު މީހާއަށް ނޯވެއެވެ.

އެމެރިކާގެ ރިޔާސީ ކެންޕެއިން މެކުހަށް ޖަހާފައިވާއިރު ކެންޕެއިނަށް ޚަރަދުކުރާ ބިލިޔަނަރުންގެ ކޯޅުންތައް ވަރަށް ބޮޑެވެ.

ތިރީގައި މިފާހަގަކޮށްލަނީ ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓް ކަމަލާ ހެރިސް އާއި ރިޕަބްލިކަން ޕާޓީގެ ކެންޑިޑޭޓް ޑޮނަލްޑް ޓްރަމްޕްގެ ކޭންޕޭނަށް އެންމެ ބޮޑަށް ޚަރަދުކުރާ މަހުޖަނުންނާއި އެފަރާތްތަކުގެ ނަންތަކެވެ. މަހުޖަނުންގެ އިތުރުން ބައެއް ކުންފުނިތަކުންނާ އަދި ލޮބީ ގްރޫޕްތަކުން ވެސް ކޭންޕެއިނަށް ފައިސާ ޚަރަދު ކުރެއެވެ.

ކަމަލާ ހަރިސްގެ ކެންޕެއިނަށް އެންމެ ބޮޑަށް ޚަރަދުކުރާ މަހުޖަނުން

1- ރިޑް ހެސްޓިންގަރު : ރިޑް ހެސްޓިންގަރަކީ ނެޓްފްލިކްސް ގެ ކޯފައުންޑަރުގެ އިތުރުން އެކުންފުނީގެ ސީއީއޯއެވެ. ހެސްޓިންގަރު ވަނީ ކަމަލާ ހަރިސްގެ ކެންޕޭނަށް ހަތް މިލިޔަން ޑޮލަރު ދީފައެވެ. މިއީ މިހާތަނަށް އެއްވެސް ކޭންޕޭނަކަށް އޭނާކުރި އެންމެ ބޮޑު ޚަރަދެވެ.

2- ރިޑް ހޮފްމެން : ރިޑް ހޮފްމެން އަކީ ލިންކެޑްލިން ކުންފުނީގެ ކޯފައުންޑަރެކެވެ. އޭނާވަނީ ހަރިސްގެ ކޭންޕޭނަށް 1.7 މިލިޔަން ޑޮލަރު ހަދިޔާ ކޮށްފައެވެ. ހޮފްމަންވަނީ އޭގެކުރިން ޖޯ ބައިޑެންގެ ކޭންޕޭނަށްވެސް ހަތް މިލިޔަން ޑޮލަރު ދީފައެވެ.

3- ޖޯޖް އެލެކްސް ސޯރޮސް : އުމުރުން 93 އަހަރުގެ ސޯރޮސް އަކީ އިސްރާއީލުގެ ޖަރީމާތަކަށް ވަރަށްބޮޑަށް ތާއީދުކުރާ ޔަހޫދީ ޒަޔަނިސްޓް ބިލިޔަނަރެކެވެ. އޭނާވަނީ ހަރިސްގެ ކޭންޕޭނަށް 25 މިލިޔަން ޑޮލަރު ހަދިޔާކޮށްފައެވެ.

4- މިލިންޑާ ގޭޓްސް : މިލިންޑާ އަކީ އެމެރިކާގެ މަޝްހޫރު ބިލިޔަނަރު ބިލްގޭޓްސްގެ ކުރީގެ އަންހެނުންނެވެ. ހެރިސްއަށް ތާއީދުކުރާކަން މިލިންޑާ ހާމަކޮށްފައިވަނީ ވަރަށް ފަހުންނެވެ. ހަރިސްގެ ކޭންޕޭނަށް 52 މިލިޔަން ޑޮލަރު ދޭން މިލިންޑާ ނިންމާފައިވާކަމަށް ޔާހޫ ނިއުސް ބުނެއެވެ.

5- ޝެރިލް ސޭންޑްބާގް : ޝެރިލްއަކީ މެޓާގެ ކުރީގެ ސީއީއޯ އެވެ. އޭނާވަނީ ހެރިސްގެ ކޭންޕޭނަށް ބޮޑު އެއްޗެއް ޚަރަދުކުރާނެކަން ހާމަކޮށްފައެވެ. ނަމަވެސް ދޭނެ އަދަދެއް އަދި ދިން އަދަދެއް ހާމައެއް ނުކުރެއެވެ.

6- ވިނޯދު ޚޮސްލާ : ވިނޯދަކީ އިންޑިއާ ދަރިކޮޅަށް ނިސްބަތްވާ އެމެރިކާގެ ޓެކްނޮލޮޖީގެ މޮގުލް އެކެވެ. އޭނާގެ މުއްސަނދިކަން 7.4 ބިލިޔަން ޑޮލަރަށް އަރާކަމަށްވެއެވެ. ވިނޯދުވަނީ ކަމަލާގެ ކޭންޕޭނަށް ބޮޑުއެއްޗެއް ދޭނެކަން ހާމަކޮށްފައެވެ. ނަމަވެސް އަދަދެއް ނުބުނެއެވެ.

7- މާކް ކިއުބަން : ކިއުބަންއަކީ ޓެކްނޮލޮޖީގެ ބިލިޔަނަރެކެވެ. އޭނާވެސް ވަނީ ކަމަލާގެ ކޭންޕޭނަށް ޚަރަދު ކުރަން ނިމްމިކަން ހާމަކޮށްފައެވެ. ނަމަވެސް ދޭނެވަރު ހާމައެއް ނުކުރެއެވެ.

8- ސޫޒަން ޕްރިޓްކާ : ސޫޒަން އަކީ އެމެރިކާގެ މުއްސަނދި އާއިލާ ގެ އަންހެނެކެވެ. އެމެރިކާގެ މުއްސަންޖެއް ކަމަށްވާ ނިކޮލަސް ޕްރިޓްކާ ގެ އަންހެނުންނެވެ. ހަޔާތް ހޮޓެލް ކޯޕަރޭޝަންއަކީ އެމީހުންގެ ކުންފުންޏެވެ. ސޫޒަން ވަނީ ހެރިސްގެ ކޭންޕޭނަށް ބޮޑު އެއްޗެއް ޚަރަދުކުރާނެކަމަށް ބުނެފައެވެ.

9- ކްރިސް ސަކާ : ކްރިސް ސަކާ އަކީ ލޮވްރްކޭސް ކެޕިޓަލް ގެ ފައުންޑަރެވެ. ބިލިޔަނަރެކެވެ. އޭނާގެ މުއްސަނދިކަން 1.2 ބިލިޔަން ޑޮލަރަށް އަރައެވެ. ސަކާވެސް ވަނީ ހެރިސްއަށް ތާއީދުކޮށް އޭނާގެ ކެންޕެއިނަށް ޚަރަދުކުރާނެކަން އިއުލާނުކޮށްފައެވެ.

10- ރޮގާ އަލްޓްމަން : އަލްޓްމަން އަކީ އިވަކޯ އިންވެސްޓްމަންޓް ބޭންކް ގެ ފައުންޑަރެވެ. ދާދިފަހުން އޭނާވަނީ ހަރިސްއަށް ތާއީދުކޮށް އޭނާގެ ކެންޕެއިނަށް ޚަރަދުކުރާނެކަން ހާމަކޮށްފައެވެ.

ޑޮނަލްޑް ޓްރަމްޕްގެ ކޭންޕޭނަށް އެންމެ ބޮޑަށް ޚަރަދުކުރާ މަހުޖަނުން:

1- ޓިމޮޓީ މެލޮން : މެލޮން އަކީ އެމެރިކާގެ ރޭލުގެ ސިނާއަތުގެ ވިޔަފާރީގައި ވަރަށް ކުރީގައި އުޅޭ މަހުޖަނެކެވެ. އޭނާވަނީ ޓްރަމްޕްގެ ކޭންޕޭނަށް 75 މިލިޔަން ޑޮލަރު ދީފައެވެ. އަދި ޓްރަމްޕްގެ މައްޗަށް ޖިނާއީ ދައުވާ ސާބިތުވުމާއެކު ޓްރަމްޕަށް ހަމްދަރުދީ ވުމުގެ ގޮތުން 50 މިލިޔަން ޑޮލަރުވަނީ ހަދިޔާ އެއްގެ ގޮތުގައި ދީފައެވެ.

2- ލިންޑާ މެކްމަހޯން : ލިންޑާ އަކީ "ވޯލްޑް ރެސްލިންގް އެންޓަޓައިންމެންޓް" ކުންފުނީގެ ފައުންޑަރުގެ އަންހެނުންނެވެ. ލިންޑާވަނީ 15 މިލިޔަން ޑޮލަރު ޓްރަމްޕްގެ ކޭންޕޭން ކޮމިޓީއަށް ދީފައެވެ.

3- ޑިޔަން ހެންޑްރިކްސް : ޑިޔަން ހެންޑްރިކްސް އަކީ އެމެރިކާގެ އެންމެ މުއްސަނދި އަންހެން ވިޔަފާރިވެރިންގެ ތެރޭގައި ހިމެނޭ މީހެކެވެ. އޭނާގެ މުއްސަނދިކަން 20.9 ބިލިޔަން ޑޮލަރަށް އަރައެވެ. ހެންޑްރިކްސްވަނީ ޓްރަމްޕްގެ ކޭންޕޭނަށް ހަ މިލިޔަން ދީފައެވެ.

4- މިރިޔަމް އަޑެލްސަން : އަޑެލްސަންއަކީ އެމެރިކާގެ ޔަހޫދީ ދަރިކޮޅަށް ނިސްބްތްވާ މެޑިކަލް ޑޮކްޓަރެކެވެ. އޭނާއަކީ އެމެރިކާގެ ކެސިނޯ ވިޔަފާރީގެ މަޝްހޫރު މަހުޖަނު ޝެލްޑޮން އަޑެލްސަންގެ ހުވަފަތް އަނބިމީހާއެވެ. ލަސްވެގަސް ސޭންޑްސް ކެސިނޯ އެންޕަޔާ އާއި ޑަލަސް މަވެރިކްސް ބާސްކެޓް ބޯލް ޓީމުގެ މެޖޯރިޓީ ހިއްސާގެ ވެރިފަރާތެވެ. މިރިޔަމް ވަނީ ޓްރަމްޕް ހޮވުމަށް 90 މިލިޔަން ޑޮލަރު ޚަރަދުކުރާނެކަން ހާމަކޮށްފައެވެ.

5- ކެލްސޭ ވަރެން : ވަރެންއަކީ 6.2 ބިލިޔަން ޑޮލަރުގެ މުއްސަންޖެކެވެ. އޭނާވަނީ ޓްރަމްޕްގެ ކޭންޕޭނަށް 6 މިލިޔަން ޑޮލަރު މިހާރު ވެސް ޚަރަދުކޮށްފައެވެ.

6- ޓިމޮޓީ ޑަން : ޑަންއަކީ އެމެރިކާގެ ތެލުގެ ސިނާއަތުގެ މަހުޖަނެކެވެ. އޭނާވަނީ ޓްރަމްޕްގެ ކޭންޕޭން ކޮމިޓީއަށް ފަސް މިލިޔަން ޑޮލަރު ދީފައެވެ.

7- އެލިޒަބަތު އޮހެލެން : އެލިޒަބަތަކީ އެމެރިކާގެ އަންހެން ބިލިޔަނަރެކެވެ. އޭނާވަނީ ޓްރަމްޕްގެ ކޭންޕޭނަށް ފަސް މިލިޔަން ޑޮލަރު ދީފައެވެ.

8- ރިޗަޑް އޮހެލެން : ރިޗަޑްވެސްވަނީ ޓްރަމްޕްގެ ކޭންޕޭނަށް ފަސް މިލިޔަން ޑޮލަރު ދީފައެވެ.

9- ޖެފް ސްޕްރެޗާ : ސްޕްރެޗާ އަކީ ނިއުޔޯކް ގެ ސްޓޮކް އެކްސްޗޭންޖް ގެ ވެރިފަރާތް ކަމަށްވާ އިންޓަނޭޝަނަލް އެކްސްޗޭންޖް ގެ ފައުންޑަރެވެ. އޭނާވަނީ ޓްރަމްޕްގެ ކޭންޕޭނަށް ފަސް މިލިޔަން ޑޮލަރު ދީފައެވެ.

10- ފިލް ރުފިން : ފިލް ރުފިން އަކީ އެމެރިކާގެ މަޝްހޫރު ވިޔަފާރިވެރިއެކެވެ. އޭނާވަނީ މިހާތަނަށް 3.3 މިލިޔަން ޑޮލަރު ޓްރަމްޕްގެ ކޭންޕޭނަށް ޚަރަދުކޮށްފައެވެ.

އެމެރިކާގެ ރިޔާސީ ކޭންޕޭނަށް މަހުޖަނުންނާއި ކުންފުނިތަކާ އަދި ލޮބީ ގްރޫޕްތަކުން ދޭ އެހީގެ ފައިސާ ޖަމާކުރަނީ އެހީލިބޭ ސިޔާސީ ޕާޓީތަކަށާއި އެކަމުގައި ހަރަކާތްތެރިވާ ވަކިވަކި ފަރުދުންގެ އެކައުންޓްތަކަށާ އަދި ކޭންޕޭންނަށް ޚާއްސަކޮށްގެން އުފައްދާފައިވާ ކޮމިޓީތަކުގެ އެކައުންޓްތަކަށެވެ.

މިކޮމިޓީތަކުގެ ނަމަކީ ޕޮލިޓިކަލް އެކްޝަން ކޮމިޓީއެވެ. ނުވަތަ ސުޕާ ޕީއޭސީ އެވެ. މިކަންކުރަނީ މިދެންނެވި ފަރާތްތަކުން ކޭންޕޭނަށް ހަދިޔާކުރާ ފައިސާގެ ތަފްސީލު އެޕާޓީއެއްގެ މާލިއްޔަތާބެހޭ ޑިޕާޓްމަންޓަށް އެނގޭގޮތަށެވެ.

މި އެކައުންޓްތަކުން ކޭންޕޭނަށް ޚަރަދު ކުރެވޭނީ އެޕާޓީއަކުން ކަނޑައަޅާ ގޮތެއްގެ މަތިންނެވެ. ކޭންޕޭން ނިމުމަށްފަހު ލިބުނު ފައިސާއާއި ހޭދަކުރި ފައިސާގެ އޮޑިޓެއް ހަދައި އޭގެ ރިޕޯޓް ޕާޓީގެ ކައުންސިލަށް ހުށަހަޅާނެއެވެ.

އެމެރިކާގެ ފެޑްރަލް ސަރުކާރުން ވެސް ވަކި މިންވަރެއް ކޮންމެ ޕާޓީއެއްގެ ކޭންޕޭނަށް ދެއެވެ. މިފައިސާ ވެސް ހޭދަކުރިގޮތުގެ ތަފްސީލާއި އޭގެ އޮޑިޓް ރިޕޯޓް ކަމާބެހޭ ފެޑްރަލް އިދާރާއަށް ހުށަހަޅަންޖެހޭނެއެވެ. އަދި ޚަރަދުކުރަން ނުޖެހޭ ކަންކަމަށް ފެޑްރަލް އެހީ ޚަރަދުކޮށްފިނަމަ އޭގެ ބަދަލު ފެޑެރަލް ސަރުކާރުގެ ކަމާބެހޭ އިދާރާއަށް ދައްކަންޖެހޭނެއެވެ.

އެމެރިކާގެ ރިޔާސީ އިންތިޚާބާއި ކޮންގްރެސްގެ އިންތިޚާބުގައިވެސް އެންމެ ބޮޑު ދައުރެއް އަދާކުރަނީ ފައިސާއެވެ. އިންތިޚާބު ކާމިޔާބު ކުރުމުގައި ވެސް އެންމެ ބޮޑު ދައުރެއް އަދާކުރަނީ ފައިސާއެވެ. ދެން ތާއީދެވެ. ރައްޔިތުންގެ ތާއީދު ހޯދުމުގެ ބޮޑު ބަޔަކީވެސް ފައިސާއެވެ.

އެމެރިކާގެ އޮންލައިން ޕްލެޓްފޯމެއްކަމަށްވާ ވިޝުއަލް ކެޕިޓަލިސްޓް ބުނާގޮތުން، 2008ގައި އެމެރިކާގައި ބޭއްވި ރިޔާސީ އިންތިޚާބަށް ޑިމޮކްރެޓިކް ޕާޓީން 1.2 ބިލިޔަން ޑޮލަރު ހޯދިއެވެ. މީގެތެރެއިން 778 ހާސް ޑޮލަރު ނުވަތަ ހަތްލައްކަ ހަތްދިހަ އަށްހާސް ހޯއްދެވިކަމަށްވަނީ އެ އިންތިޚާބުގައި ވާދަ ކުރައްވައި އަދި އިންތިޚާބު ކާމިޔާބު ކުރެއްވި ބަރަކް އޮބާމާ އެވެ.

2020 ވަނަ އަހަރަށް ބަލާއިރު އެއަހަރު ބޭއްވި އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ކޭންޕޭނަށް ޑިމޮކްރެޓިކް ޕާޓީން 3.2 ބިލިޔަން ޑޮލަރު ހޯދިއެވެ. މިއީ ރެކޯޑު އަދަދެކެވެ. މި އިންތިޚާބަށް ޑޮނަލްޓް ޓްރަމްޕްގެ ރިޕަބްލިކަން ޕާޓީން ހޯދާފައިވަނީ 800 މިލިޔަން ޑޮލަރެވެ. އިންތިޚާބު ކާމިޔާބުކުރީ ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓް ޖޯ ބައިޑެން އެވެ.