ރ.އަލިފުށީގެ އުތުރުން އެއްވެސް ސަރަޙައްދެއްގައި ލޭނު މަސްވެރިކަން ކުރުން މަނާކޮށް ލޭނު މަސްވެރިކަމުގެ ޤަވާއިދަށް އަމަލުކުރަން ފަށައިފިއެވެ.

އެ ސަރަހައްދަކީ ރާއްޖޭގައި ރީނދޫއުރަހަ ކަންނެލީގެ އަތުނަނުގެ މަސްވެރިކަން އެންމެ ރަނގަޅުކަމަށް ފާހަގަކުރެވޭ ސަރަޙައްދެވެ.

މި ޤަވާއިދުގެ ދަށުން ލޭނު މަސްވެރިކަން ކުރުމުގެ ހުއްދަ ދެވޭ ސަރަހައްދުތަކަކީ ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުގެ ތެރެއިން ދިވެހިރާއްޖޭގެ އާކިޕެލަޖިކް ބޭސްލައިންއިން ފެށިގެން 100 މޭލު ބޭރު ސަރަޙައްދުގެ ތެރެއިން ހަ ޑިގްރީ އުތުރު ތޫލްއިން ފެށިގެން ދެކުނަށް އޮންނަ ސަރަޙައްދެވެ. އަދި ރާއްޖޭގެ ކަނޑުގެ ސަރަޙައްދުން ބޭރުގައި އިންޑިއާ ކަނޑުގެ 25 ޑިގުރީ ދެކުނު ތޫލްގެ އުތުރަށް އޮންނަ ސަރަޙައްދެވެ.

ލޭނު މަސްވެރިކަން ކުރުން މަނާ ސަރަހައްދު--- ފޮޓޯ/ ސަރުކާރު

މީގެ އިތުރުން، މި ގަވާއިދުގެ ދަށުން ދޮށީގެ ނުވަތަ އަތު ނަނުގެ މަސްވެރިކަން ކުރަން ތިބި މީހުން ކުރާ މަސްވެރިކަމަށް ދަތިވާގޮތަށް، ލޭނު މަސްވެރިކަން ކޮށްގެން ނުވާނެކަމަށް ވެސް ވަނީ ބުނެފައެވެ.

އެ ގަވާއިދުގައި ވާގޮތުން ލޭނު މަސްވެރިކަން ކުރެވޭނީ ލޯބޮޑު ކަންނެއްޔާއި ހިބަރާ، ރީނދޫ އުރަހަ ކަންނެއްޔަށް އަމާޒުކޮށްގެންނެވެ.

ސަތޭކަ ޕަސެންޓު ދިވެހިންނާއެކު ލޭނު މަސްވެރިކަމަށް ނުކުންނަ އުޅަނދެއް ނަމަ ކޯޓާ ފީ ދައްކަން ނުޖެހޭނެ ކަމަށް ވެސް ވަނީ ބުނެފައެވެ.

މިކަމާ ގުޅިގެން މީގެ ކުރިން ފިޝަަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ވިދާޅުވީ ލޭނު މަސްވެރިކަމަކީ ބޮޑު އާމްދަނީއެއް ލިބޭނެ ކަމެއް ކަމަށެވެ.