އެމްޑީޕީގެ ސިޔާސީ ހަރަކާތްތަށް ހިންގަމުންދާ މައި މަރުކަޒު އުސް ފަސްގަނޑުގެ މައްސަލައިގައި ފާޑުކިޔުންތައް ސިޓީ ކައުންސިލަށް އަމާޒުވެ، ބޮޑެތި އަރައިރުންތައް އުފެދިފައި ވަނިކޮށް އިތުރު ތިން މަސްދުވަހަށް މާލޭ ސިޓި ކައުންސިލުން އެމްޑީޕީއަށް އުސް ފަސްގަނޑު ދީފި އެވެ.

މޭޔަރު މައިޒާން އަލި މަނިކު މިއަދު ވިދާޅުވީ އުސް ފަސްގަނޑު އެމްޑީޕީއަށް ދޫކޮށްފައިވާ މުއްދަތު މި މަހުގެ ނިޔަލަށް ހަމަވާތީ އިތުރު ހަ މަސް ދުވަހަށް އުސް ފަސްގަޑު ހޯދަން އެމްޑީޕީން މާލޭސިޓި ކައުންސިލްގައި އެދުނު ކަމަށެވެ. ނަމަވެސް މިދިއަ ބުދަ ދުވަހުން ފެށިގެން އުސް ފަސްގަނޑު އެމްޑިޕީއަށް އަލުން ދޫކޮށްލީ އިތުރު ތިން މަަސް ދުވަހަށް ކަމަށެވެ.

"އަޅުގަނޑުމެން މިހާރު ނިންމާފައިވާނެ މާލޭގެ ބޮޑެތި ހާއްސަ ބިން ބިން، މިސާލަކަށް އުސް ފަސްގަނޑާއި ކާނިވާ ސަރަހައްދު ކަހަލަ ތަންތަށް ދޫކުރެވޭނީ ވަކި މުއްދަތަކަށް ކަމަށް. އެގޮތުން އިތުރު ތިން މަސްދުވަހަށް އެމްޑީޕީއަށް އެ ބިން މި ދޫކުރީ،" އަލިބެ ވިދާޅުވި އެވެ.

ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރު ފެބްރުއަރީ 7 ގައި ވެއްޓުމާ ގުޅިގެން އެމްޑީޕީގެ ސިލްސިލާ ސިޔާސީ ހަރަކާތް ހިންގާ މަރުކަޒަކަށް ފުރަތަމަ ހެދީ ލޮނުޒިޔާރަތްކޮޅެވެ. ނަމަވެސް މާޗް 19 ވަނަ ދުވަހު ސިފައިންނާއި ފުލުހުން އެމްޑީޕީގެ އެ ކޭމްޕަށް ވަދެގެނެ އެތާނގެ ޖަގަހަތައް ރޫޅާލައި އެމްޑީޕީގެ ސަޕޯޓަރުން އެ ސަރަހައްދުން ފައްސާލުމުން އެމްޑީޕީގެ ސިޔާސީ ހުރިހާ ހަރަކާތެއްހެން ތަރުތީބުކޮށްފައި ވަނީ އުސް ފަސްގަނޑުގަ އެވެ.

ނަމަވެސް އުސް ފަސްގަނޑު ވެސް ނަގަން ސަރުކާރުން މަސައްކަތް ކުރުމުން މިވީ ދުވަސްތަކުގެ ތެރޭގައި ސަރުކާރާއި އެމްޑީޕީ އާއި މާލޭ ސިޓީ ކައުންސިލާ ދެމެދު ތަފާތު މައްސަލަތައް އުފެދި އަރައިރުންތައް ވަނީ ބޮޑުވެފަ އެވެ.

އަލުން ތިން މަސްދުވަހަށް އެމްޑީޕީއަށް އުސް ފަސްގަނޑު ދޫކޮށްލި އިރު އުސް ފަސްގަނޑު އެމްޑީޕީއާ ހަވާލު ކޮށްފައިވަނީ ގަވައިދާ ހިލާފަށް ކަމަށް ބުނެ އެ މައްސަލަ ބަލައިދިނުމަށް ދައުލަތުން ވަނީ ސިވިލް ކޯޓްގައި ދައުވާކޮށްފަ އެވެ. އަދި އުސް ފަސްގަނޑު ރޫޅާލަން ފުލުހުން ވަނީ މަސައްކަތް ކޮށްފަ އެވެ.