23 Aug 2024, 15:37
ޔުއޭފާ ޔޫރޮޕާ ކޮންފަރެންސް ލީގުގެ ޕްލޭ އޮފްގެ ފުރަތަމަ ލެގުގައި އިޓަލީވިލާތުގެ ފިއޮރެންޓީނާއާއި ހަންގޭރީގެ ޕުސްކާސް އެކެޑޭމިއާ ބައްދަލުކުރި މެޗު އެއްވަރުވެއްޖެެެއެވެ.
ފިއޮރެންޓީނާގެ ދަނޑުގައި ކުޅުނު މި މެޗު ނިމުނީ 3-3 އިން ދެ ޓީމު އެއްވަރުވެގެންނެވެ.
މެޗުގެ ނުވަވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން އެ ޓީމުން ވަނީ މެޗުގެ ލީޑު ނަގައިފައެވެ. މި ޕެނަލްޓީ އެ ޓީމަށް ކާމިޔާބުކޮށްދިނީ ޒޮލްޓް ނެގީއެވެ. މި ލަނޑު ޖެހިތާ ތިން މިނެޓު ފަހުން އެ ޓީމުންވަނީ އިތުރު ލަނޑެއް ޖަހާ ލީޑު ފުޅާ ވެސް ކޮށްފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މިކައިލް ސޮއިސާލޯއެވެ.
މެޗުގައި ފިއޮރެންޓީނާއިން ކާމިޔާބުކުރި ފުރަތަމަ ލަނޑު ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ހަތަރުވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ރިކާޑޯ ސޮޓިލްއެވެ. މެޗުގައި ފިއޮރެންޓީނާގެ ދެވަނަ ލަނޑު ޖަހާ މެޗުގެ ނަތީޖާ ހަމަހަމަކުރީ މެޗުގެ 67 ވަނަ މިނެޓުގައި ލޫކަސް މާޓިނޭޒް ކުއާޓާ ކާމިޔާބުކޮށްދިން ލަނޑުންނެވެ.
މެޗުގެ 75 ވަނަ މިނެޓުގައި މޮއިސް ކިއާން ކާމިޔާބުކޮށްދިން ލަނޑާ އެކު ފިއޮރެންޓީނާއިން މެޗުގައި ލީޑު ވެސް ނެގިއެވެ. މި ލަނޑާ އެކު މެޗުން ފޮއިރެންޓީނާ މޮޅުވެދާނެކަމަށް ހީވެގެންދިޔަ ނަމަވެސް ޕުސްކާސްއިންވަނީ މެޗުގެ 89 ވަނަ މިނެޓުގައި ލަނޑެއް ޖަހާ މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ.
ދެ ޓީމުގެ މެދުގައި ކުޅުމަށް ހަމަޖެހިފައިވާ ދެވަނަ ލެގު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ހަފުތާގައި ޕުސްކާސްގެ ދަނޑުގައެވެ.
މި މުބާރާތުގެ ޕްލޭ އޮފްގައި ކުޅުނު އެހެން ބައެއް މެޗުތަކަށް ބަލާލާއިރު ޑެންމާކްގެ ކޯޕެންހޭގަންއާއި ސްކޮޓްލަންޑްގެ ކިލްމާނޮކް ބައްދަލުކުރި މެޗު 2-0 އިން ކޯޕެންހޭގަންއިން ކާމިޔާބުކުރިއިރު ފަރަންސޭސިވިލާތުގެ ލޯންސްއާއި ގްރީސްގެ ޕެނެތިނައިކޯސް ބައްދަލުކުރި މެޗު 2-1 އިން ކާމިޔާބުކޮށްފައިވަނީ ލޯންސްއެވެ.