ސިނަމާލޭ ބްރިޖު ޓްރެފިކް ލައިޓް ކައިރީގައި ދެ ސައިކަލު ޖެހި، ނުރައްކާތެރި އެކްސިޑެންޓެއް މިއަދު ހިނގައިފިއެވެ.

މި އެކްސިޑެންޓު ހިނގާފައިވަނީ މިއަދު ފަތިހު 5:26 އެހާކަންހާއިރެވެ.

ފުލުހުން މިއަދު ހިއްސާކުރި މެސެޖެއްގައި ބުނީ، ބްރިޖު ލައިޓް ކައިރިއިން ދެ ސައިކަލު ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާފައިވާ ކަމަށް ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

މި އެކްސިޑެންޓުގައި ޖުމުލަ ތިން މީހަކަށް އަނިޔާވެގެން އަންނަނީ ފަރުވާ ދެމުންނެވެ.

ފުލުހުން ބުނީ، އެކްސިޑެންޓުވި ދެ ސައިކަލުގެ ތެރެއިން އެއް ސައިކަލު ދުއްވަން އިން އުމުރުން 21 އަހަރުގެ ފިރިހެނަކާއި އެ ސައިކަލުގެ ފަހަތުގައި އިން އުމުރުން 19 އަހަރުގެ އަންހެން ކުއްޖާއަށް ވެސް އަނިޔާވެގެން އައިޖީއެމްއެޗް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށެވެ.

އަނެއް ސައިކަލު ދުއްވަން އިން އުމުރުން 43 އަހަރުގެ ފިރިހެން މީހާއަށް ފަރުވާ ދެމުން އަންނަނީ އޭޑީކޭ ހޮސްޕިޓަލުގައެވެ.

ފުލުހުން އަންނަނީ މި އެކްސިޑެންޓުގެ މައްސަލަ ތަހުގީގުކުރަމުންނެވެ.

މި ފަހަކަށް އައިސް މިފަދަ އެކްސިޑެންޓްތައް ވަނީ ވަރަށް ގިނަ ވެފައެވެ. މިދިޔަ މަހުގެ ފަހުކޮޅުގައި ވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ބާރަށް ދުއްވާފައި އައި ކާރެއް ކޮންޓްރޯލުން ނައްޓާ މަގުގެ އެއްފަރާތުގައި ސައިކަލެއްގައި މަޑުކޮށްލައިގެން އިން މީހެއް ގައިގައި ޖެހިގެން ވެސް ނުރައްކާތެރި އެކްސިޑެންޓެއް ހިނގިއެވެ.