23 Aug 2024, 23:57
ޔުއޭފާ ޔޫރޮޕާ ލީގުގެ އާ ސީޒަންގެ ގްރޫޕް ސްޓޭޖުން ޖާގަހޯދުމަށްޓަކައި މިހާރު ކުޅެމުންދާ ޕްލޭ އޮފް މެޗުގައި ގްރީސްގެ ޕައޮކް އާއި އަޔަލަންޑްގެ ޝެމްރޮކް ރޯވާސް ބައްދަލުކުރި މެޗު ފަސޭހަ ކަމާއެކު ޕައޮކް ކާމިޔާބު ކޮށްފިއެވެ.
ޕައޮކްގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗު އެޓީމުން ކާމިޔާބު ކޮށްފައިވަނީ 0-4 އިންނެވެ. ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ހާފު ދިޔައީ ވަރަށް ހަމަހަމަ ކޮށެވެ.
ނަމަވެސް މި ހާފުގެ އިތުރު ވަގުތުގެ ހަތަރުވަނަ މިނެޓުގައި ޝެމްރޮކްގެ ޑެނިއެލް ކްލިއާރީ އަތުން ބައިކޮޅަށް ވަން ގޯލަކާއެކު ޕައޮކް ވަނީ ފުރަތަމަ ނިމެނިކޮށް މެޗުގެ ލީޑު ނަގައިފައެވެ.
މި މެޗުގެ ދެވަނަ ހާފު ޕައޮކް އިން ފެށީ ފުރަތަމަ ހާފަށްވުރެ ވަރުގަދަ ކޮށެވެ. ނަތީޖާ އަކަށް ވެގެންދިޔައީ ދެވަނަ ހާފުގެ ކުޅުން ފެށިތާ ދެވަނަ މިނެޓުގައި ޓައިސަން ޖަހައިދިން ލަނޑުން ޕައޮކް އިން އެޓީމުގެ ލީޑު ފުޅާކުރުމެވެ.
އަދި ޝެމްރޮކް އިން ކުރަމުންދިޔަ މަސައްކަތަށް އިތުުރަށް ހުސް އެޅިގެންދިޔައީ މެޗުގެ 52 ވަނަ މިނެޓުގައި އެ ޓީމުގެ ޖޯޝުއާ ހޮނޮހާސްއަށް ރަތް ކާޑު ދެއްކުމުންނެވެ.
އެހެން ކަމުން އެ ޓީމުން މެޗުގެ ބާކީ އޮތްބައިކުޅެފައިވަނީ އެއް ކުޅުންތެރިއެއް މަދުކޮށެވެ.
މި މެޗުގައި ޕައޮކްގެ ތިންވަނަ ލަނޑު ކާމިޔާބު ކޮށްދިނީ މެޗުގެ 67 ވަނަ މިނެޓުގައި ޖިއާނިސް ކޮންސްޓަންޓެލިއާސްއެވެ. އަދި އެޓީމުގެ ފަހު ލަނޑު މެޗުގެ އިތުރު ވަގުތުގެ ހަތަރުވަނަ މިނެޓުގައި ޖަހައިދިނީ ބާބާ ރަހްމާންއެވެ.