23 Aug 2024, 14:56
ޔުއޭފާ ޔޫރޮޕާ ލީގުގެ އާ ސީޒަންގެ ގްރޫޕް ސްޓޭޖުން ޖާގަހޯދުމަށްޓަކައި މިހާރު ކުޅެމުންދާ ޕްލޭ އޮފްގެ މެޗުގައި ނެދަލަންޑްސްގެ އަޔެކްސް އެމްސްޓަޑަމްއާއި ޕޯލަންޑްގެ ޔަގިއެލޯނިއާ ބިއަލިސްޓޮކް ބައްދަލުކުރި މެޗު ކާމިޔާބުކޮށް, މިމުބާރާތުގެ ގްރޫޕް ސްޓޭޖާއި ގާތަށް އަޔެކްސް ޖެހިލައިފިއެވެ.
ޔަގިއެލޯނިއާގެ ދަނޑުގައި ކުޅުނު މި މެޗު އަޔެކްސްއިން ކާމިޔާބުކޮށްފައިވަނީ ފަހަތުން އަރައި 4-1 އިންނެވެ.
އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީ ކުޅެމުންދިތަ ޔަގިއެލޯނިއާއިންވަނީ މެޗުގެ ފަސްވަނަ މިނެޓުގައި ލަނޑެއް ޖަހާ މެޗުގެ ލީޑު ނަގައިފައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ އެޑްރިއެން ޑިއެގުއޭޒެވެ. ނަމަވެސް، ޔަގިއެލޯނިއާއަށް މި ލީޑު ދެމެހެއްޓޭ ގޮތްވީ ފަސް މިނެޓް ވަންދެނެވެ.
މެޗުގެ ނުވަވަނަ މިނެޓުގައި އަޔެކްސްގެ ޗޫބާ އަކްޕޮންވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. އަދި، މެޗުގެ 27 ވަނަ މިނެޓުގައި މީކާ ގޮޑްޒް ވަނީ އަޔެކްސްއަށް ލީޑު ނަގައިދީފައެވެ.
މެޗުގައި އަޔެކްސްއިން ކާމިޔާބުކުރި ތިންވަނަ ލަނޑު މެޗުގެ 61 ވަނަ މިނެޓުގައި ޖަހައިދިނީ ފުރަތަމަ ލަނޑު ވެސް ޖަހައިދިން އަކްޕޮންއެވެ. އޭނާވަނީ އޭގެ އަށް މިނެޓު ފަހުން ލިބުނު ޕެނަލްޓީއަކުން އަޔެކްސްގެ ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްދީ މެޗުގައި ހެޓްރިކެއް ވެސް ހަދައިފައެވެ.
މި ކާމިޔާބީއާ އެކު މުބާރާތުގެ ގްރޫޕް ސްޓޭޖުން އަޔެކްސްއަށް ޖާގަލިބިގެންދާނެ ކަމަށް ވަރަށް ބޮޑަށްވަނީ ބެލެވިފައެވެ.
ދެޓީމު ކުޅޭ ދެވަނަ ލެގުގެ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ހަފުތާގައި އަޔެކްސްގެ ދަނޑުގައެވެ.
މުބާރާތުގެ ޕްލޭ އޮފް ފުރަތަމަ ލެގުގައި ކުޅުނު އެހެން ބައެއް މެޗުތަކަށް ބަލާލާއިރު އޮސްޓްރިއާގެ ލާސްކްއާއި ރުމޭނިއާގެ އެފްސީއެސްބީ ބައްދަލުކުރި މެޗު ލާސްކްގެ ދަނޑުގައި ކުޅެ އެއްވަރުވީއިރު ލެޓްވިއާގެ އާރުއެފްއެސް އާއި ސައިޕްރަސްގެ އަޕޮއެލް ބައްދަލުކުރި މެޗު 2-1 އިން ކާމިޔާބުކޮށްފައިވަނީ އަޕޮއެލްއެވެ.