23 Aug 2024, 12:27
ޔުއޭފާ ޔޫރޮޕާ ލީގުގެ އާ ސީޒަންގެ ގްރޫޕް ސްޓޭޖުން ޖާގަ ހޯދުމަށްޓަކައި ކުޅޭ ޕްލޭ އޮފްގެ މެޗުގައި ސްވިޓްޒަލަންޑްގެ ލުގާނޯއާއި ތުރުކީޔޭގެ ބެސިކްޓާސް ބައްދަލުކުރި ފުރަތަމަ ލެގު، އެއްވަރުވެއްޖެއެވެ.
ލުގާނޯގެ ދަނޑުގައި ކުޅުނު މި މެޗު ނިމުނީ 3-3 އިން އެއްވަރުވެގެންނެވެ.
މެޗުގެ ފުރަތަމަ ލަނޑު ޖަހައި މެޗުގެ ލީޑު ނަގާފައިވަނީ ބެސިކްޓާސްއިންނެވެ. މި ލަނޑު މެޗުގެ 21 ވަނަ މިނެޓުގައި ޖަހައިދިނީ ގެޑްސަން ފެނާންޑޭސްއެވެ. އެކަމަކު، މާ ގިނައިރުތަކެއްނުވެ، ލުގާނޯއިން މެޗުގެ ނަތީޖާ ހަމަހަމަކުރިއެވެ. އެއީ، މެޗުގެ 34 ވަނަ މިނެޓުގައި އުރާން ބިސްލިމީ ޖަހާދިން ލަނޑުންނެވެ.
މެޗުގައި ބެސިކްޓާސްއިން ދެވަނަ ފަހަރަށް ލީޑު ނެގީ މެޗުގެ 51 ވަނަ މިނެޓުގައި ފެނާންޑޭސް ކާމިޔާބުކުރި ދެވަނަ ލަނޑުންނެވެ. މި ލަނޑު ކާމިޔާބު ކުރިތާ ހަތަރު މިނެޓު ފަހުން އަލް މުސްރާތީ ވަނީ ބެސިކްޓާސްގެ ލީޑު ފުޅާކޮށްދީފައެވެ.
މެޗުގައި ލުގާނޯއިން ކާމިޔާބުކުރި ދެވަނަ ލަނޑު މެޗުގެ 56 ވަނަ މިނެޓުގައި ޖަހައިދީ، ދެ ޓީމުގެ ދެމެދުގައި އޮތް ފަރަގު ކުޑަކޮށްދިނީ ރެނާޓޯ ސްޓެފެނެވެ. ލުގާނޯއިން މެޗުގެ ނަތީޖާ ހަމަހަމަކުރީ މެޗުގެ 63 ވަނަ މިނެޓުގައި ބެސިކްޓާސްގެ ގެބްރިއެލް ޕައުލިސްޓާ އަތުން ބައިކޮޅަށް ވަން ލަނޑަކުންނެވެ.
މި ނަތީޖާއާ އެކު ދެވަނަ ލެގަށް ދެ ޓީމު އަންނަ ހަފުތާގައި ނުކުންނައިރު ގްރޫޕު ސްޓޭޖުން ޖާގަ ލިބުމުގެ ފުރުސަތު ބޮޑު ބެސިކްޓާސްއަށް ކަމަށް ދެކޭ ފަރަތާތްތައް ގިނައެވެ. އެންމެ ބޮޑު އެއް ސަބަަބަކަށް ވެފައިވަނީ އެ މެޗު ބެސިކްޓާސްގެ ދަނޑުގައި ކުޅޭތީއެވެ.
ޕްލޭ އޮފްގައި ކުޅުނު އެހެން ބައެއް މެޗުތަކަށް ބަލާލާއިރު ޗެކް ރިޕަބްލިކްގެ ވިކްޓޯރިއާ ޕްލެޒެންއާއި ސްކޮޓްލަންޑްގެ ހާޓްސް ބައްދަލުކުރި މެޗު އަމިއްލަ ދަނޑުގައި ކުޅެ، 1-0 އިން ކާމިޔާބުކުރީ ޕްލެޒެންއެވެ. އަދި، ނޯވޭގެ މޯލްޑައާއި ސްވިޑްންގެ އެލްފްސްބޯގް ބައްދަލުކުރި މެޗު ރަށުން ބޭރުގައި ކާމިޔާބުކުރީ އެލްފްސްބޯގެވެ.