ފެނަކަ ކޯޕަރޭޝަން ލިމިޓެޑުގެ ޑިރެކްޓަރުންގެ ބޯޑު، ރައީސުލް ޖުމްހޫރިއްޔާ އެކުލަވައިލައްވައި ބޯޑުގެ ޗެއާމަނަކަށް ސ. ހިތަދޫ ޖަނަވަރީމާގޭ، އަޙްމަދު ނުޢުމާން ހަމަޖައްސަވައިފި އެވެ.

ކޯޕަރޭޝަން ލިމިޓެޑުގެ ޑިރެކްޓަރުންގެ ބޯޑުގައި ހިމެނިވަޑައިގަންނަވާ އެހެން މެންބަރުންނަކީ، މ. ކޮކާހަނދުވަރު، މުޙަންމަދު ނިމާލާއި، ސ. ހިތަދޫ ލާމިގޭ، މޫސާ އަންވަރާއި، ދަފްތަރު ނަންބަރު 5013 ޢަލީ މުޞްޠަފާއާއި، ހ. ހާޖަރާގޭ ޢާޞިމް ތައުފީޤާއި، މއ. ތަރިޖެހިއާގޭ މުޙަންމަދު ޢަފީފް ޙުސައިނެވެ.

ފެނާއި ނަރުދަމާއި ކަރަންޓުގެ ހިދުމަތް މާލެ ފިޔަވައި އެހެން ހުރިހާ ރަށަކަށް ފޯރުކޮށް ދިނުމަށް ސަރުކާރުން އުފެއްދި ކޯޕަރޭޝަން ލިމިޑެޓްގެ މެނޭޖިން ޑިރެކްޓަރަކަށް މީގެ ކުރިން ވަނީ ބޯޑުގެ މެންބަރު، ޕީޕީއެމްގެ ކައުންސިލް މެންބަރު މުހައްމަދު ނިމާލު ހަމަޖައްސާފަ އެވެ.

ސައްތައިން ސައްތަ ސަރުކާރު ހިއްސާވާ ފެނަކަ ކުންފުންޏަކީ މާލެ ފިޔަވައި ރާއްޖޭގެ އެހެން ސަރަޙައްދުތަކަށް ކަރަންޓާއި، ފެނާއި، ނަރުދަމާގެ ހިދުމަތާއި ތިމާވެއްޓަށް ގެއްލުން ކުޑަ ގޮތެއްގައި ކުނި ނައްތާލުމުގެ ޚިދުމަތް ދޭން އުފެއްދި ކުންފުންޏެވެ.