23 Aug 2024, 10:17
ބޮލީވުޑްގެ ތަޖުރިބާކާރު އެކްޓަރު އަނޫޕަމް ހޭރު އަލަށް ޑައިރެކްޓްކުރާ ފިލްމު "ތަންވީ: ދަ ގްރޭޓް"ގެ ޚާއްސަ ރޯލަކަށް ހޮލީވުޑްގެ ތަރިއަކު އައްޔަންކޮށްފިއެވެ.
މިހާރު ޝޫޓިންގް ފަށާފައިވާ މި ފިލްމަށް އައްޔަންކޮށްފައިވަނީ އެޗްބީއޯގެ މަޝްހޫރު ސިލްސިލާ "ގޭމް އޮފް ތްރޯންސް"ގެ މުހިއްމު ރޯލަކުން ފެނުނު އެކްޓަރު އިއަން ގްލެންއެވެ. އަނޫޕަމާ އެކު އިއަން ގްލެން ނަގާފައިވާ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ދައުރުވެފައިވާއިރު ފިލްމުގެ ވަރަށް ބޮޑު ބައެއްގެ މަސައްކަތް މުމްބާއީގައި ފަށާ އިއަން ގްލެން ވަނީ ފިލްމު ސެޓާ ގުޅިފައެވެ.
ފިލްމުން ލިބުނު ފުރުސަތާ އެކު އުމުރުން 63 އަހަރުގެ ހޮލީވުޑްގެ އެކްޓަރު ބުނެފައިވަނީ މިއީ އޭނާ އިންޑިއާއަށް ކުރި ފުރަތަމަ ދަތުރު ކަމަށާއި އަނޫޕަމް ފަދަ ބޮލީވުޑްގެ ތަޖުރިބާކާރު އެކްޓަރަކާ އެކު މަސައްކަތްކޮށްލަން ލިބުނު ފުރުސަތާ މެދު އުފާވާ ކަމަށެވެ.

ފިލްމީ ތަރި އަނޫޕަމް ހޭރު--ފޮޓޯ/ފިލްމުފެއަ
މަޝްހޫރު ސިލްސިލާ "ގޭމް އޮފް ތްރޯންސް"ގައި އިއަން ކުޅުނު ރޯލަކީ އަނޫޕަމަށް ވަރަށް ކަމުދިޔަ ރޯލެއް ކަމަށާއި އޮން ސްކްރީންގެ އިތުރުން އިއަން ގްލެންގެ ސްޓޭޖް ހުށަހެޅުންތައް ވެސް އަނޫޕަމަށް ވަރަށް ކަމުދާ ކަމަށް އެކްޓަރު ވަނީ ބުނެފައެވެ.
އިއަން ގްލެން ބުނެފައިވަނީ އަނޫޕަމާ އެކު ހޭދަކުރާ ކޮންމެ ދުވަހަކީ ވެސް މުޅީން އާ ކަންތައްތަކެއް ދަސްވެ، ފިލާވަޅުތަކެއް ލިބިގަނެވޭ ދުވަހެއް ކަމަށެވެ. އަނޫޕަމްގެ އަމިއްލަ ފިލްމު ކުންފުނިން އުފައްދާ ފިލްމު "ތަންވީ: ދަ ގްރޭޓް"ގެ ޕްރޮޑަކްޝަން ޓީމުގައި އިންޑިއާއަށް އޮސްކާ އެވޯޑު ކާމިޔާބުކޮށްދިން މިއުޒިކް ކޮމްޕޯސަރު އެމްއެމް ކީރާވަނީގެ އިތުރުން އެކަޑެމީ އެވޯޑު ކާމިޔާބުކޮށްފައިވާ ރެސުލް ވެސް ހިމެނެއެވެ.
މި އަހަރުގެ މާޗު މަހު އިއުލާނުކުރި އަނޫޕަމްގެ ފިލްމާ ބެހޭ މާ ގިނަ ތަފުސީލުތައް ރަސްމީކޮށް އަދި އިއުލާނުކޮށްފައި ނުވާއިރު ފިލްމު ރިލީޒްކުރާނެ ތާރީޚެއް ވެސް އަދި އިއުލާނެއް ނުކުރެއެވެ.