25 Jun 2012, 15:40
އަޒްހަރު ޔުނިވާސިޓީގެ ދަންނަ ބޭކަލެއް ކަމުގައިވާ ޝައިހު ސައްޔިދު ސާބިގު ލިޔުއްވާފައިވާ ފިޤުހުއް ސުންނާ ދިވެހި ބަހަށް ތަރުޖަމާކުރުމުގެ މަސައްކަތް ކުރީގެ އިސްލާމީ ކަންކަތަކާބެހޭ މަތީމަޖިލިހުގެ ނައިބު ރައީސް ޝައިހު އަހުމަދު ފާރޫގު މުހައްމަދާއި މިއަދު ހަވާލުކޮށްފި އެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ މި މަސައްކަތަކީ ފިގުހު އިލްމު ދިރުވަން ރާއްޖޭގައި ފަށާ އެންމެ ބޮޑު މަޝްރޫއު ކަމަށާއި އެފަދަ ފޮތެއް ތަރުޖަމާ ކުރުމުން އިސްލާމީ ޝަރީއާގެ ފިޤުހުގެ ރަނގަޅު ރިފަރެންސެއް ދިވެހިން އަތުގައި ނެތުމުގެ ސަބަބުން އުފެދިފައިވާ ދީނީ ބައިބައިވުންތަކާއި، ޚިޔާލު ތަފާތުވުންތަކަށް ނިމުން ގެނެވޭނެ ކަމަށެވެ.
"މިއީ ފިޤުހު ދިރުވަން މިހާތަނަށް [ރާއްޖޭގައި] ހިންގޭ އެންމެ ބޮޑު މަޝްރޫއު،" ޝަހީމް ވިދާޅުވި އެވެ.
ސައްޔިދު ސާބިޤުގެ ފިޤުހުއް ސުންނާ، މި ފޮތަކީ އިސްލާމީ ދުނިޔެއިން އެންމެ މަތީ މުއައްސަސާތަކުން އިނާމު ދެއްވާފައިވާ އެފޮތަކީ ދުނިޔޭގެ އިސްލާމީ އެތައް ޔުނިވާސިޓީއެއްގެ ތައުލީމީ ރެފަރެންސެކެވެ. އަދި މިއީ ދުނިޔޭގައި އެންމެ މަގުބޫލް އެންމެ މަޝްހޫރު އެއް ފިޤުހު ފޮތެވެ.
ފޮތުގައި ފިޤުހުގެ އެންމެހާ ބާބުތައް ތަރުތީބު ކުރެވިފައި ވެއެވެ. އޭގެ ތެރޭގައި އަޅުކަމާއި، މާލީ މުޢާމަލާތާއި ވިޔަފާރިއާ ހެއްކާއި ޤަރީނާ އާއި ކައިވެންޏާއި ވަރި އާއި ޖިނާޔާތާއި ފަނޑިޔާރުކަމާއި މިފަދަ މިފަދަ އެތަށް މުހިންމު ފިޤުހީ ބާބުތަކަށް ހިމެނެ އެވެ.
ޝަހީމު ވިދާޅުވީ އެފޮތް ތަރުޖަމާ ކުރެވުމުން ރާއްޖޭގެ ދަރިވަރުންނާއި ވިޔަފާރިވެރިންނާއި ފަނޑިޔާރުންނާއި ޤާޒީންނާއި، ލޯޔަރުންނާއި ތަޢްލީމީ މުއައްސަސާތަކާއި މުޅި ރައްޔިތުންނަށް ވެސް ވަރަށް ބޮޑު ޚަޒާނާއަކަށް ވެގެންދާނެ ކަމަށާއި މިއީ ދިވެހިރާއްޖޭގެ ވެއްޓާއި ގުޅޭ މެދުމިން އުޞޫލްތަކުގެ މައްޗަށް ލިޔެވިފައިވާ ފިޤުހު ފޮތެއް ކަމަށެވެ.