22 Aug 2024, 20:11
ބަންގަލަދޭޝަށް ނިސްބަތްވާ އުމުރުން 32 އަހަރުގެ އެމްޑީ އަރަފާތު ހޮސައިން ކިޔާ މީހަކު ބުޅާ ކާތަކެތި ހަދާ ވިއްކާކަމަށް އާންމުންގެ ތެރޭގައި ދެކެވެމުންދާ ވާހަކަތަކާއި ގުޅިގެން އޭނާ މަސައްކަތްކުރި ތަނުގައި ބުޅާ މަސް ހުރިތޯ ބެލުމަށް ސާމްޕަލް ނަގައި އެ ޓެސްޓުކުރުމަށް ރާއްޖެއިން ބޭރަށް ފޮނުވުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް ހޯމް މިނިސްޓަރީއިން މިއަދު ވިދާޅުވެއްޖެއެވެ.
އެ މިނިސްޓްރީއިން މިހެން ބުނެފައި ވަނީ ހެލްތު މިނިސްޓްރީއާ އިކޮނޮމިކް މިނިސްޓްރީއާ ގުޅިގެން މިކަމުގެ މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
"އަޅުގަނޑުމެންނަށް ހުށައެޅިފައި އޮތް މައްސަލައެއް ނޫން ބުޅާ މަސް އަޅައިގެން އެއްޗެހި ހަދައިގެން މީހުންނަށް ވިއްކި ކަމަކަށް. ނަމަވެސް އެ ކޮންސާން އޮތީތީވެ ފުލުހުންގެ ފަރާތުން އެ މައްސަލަ އެބަ ތަހުގީގު ކުރޭ،" މިނިސްޓަރު އިހުސާން ވިދާޅުވިއެވެ.
މިނިސްޓަރު އިހުސާން ވަނީ އަރަފާތު މަސައްކަތްކުރި ބަދިގެއިން ސާމްޕަލް ނެގުމަށްފަހު އެ ގޭގެ ވެރިފަރާތާއި އެތަން ހަވާލު ކޮށްފައިވާކަމަށް ވިދާޅުވެފައެވެ. އަދި ސާމްޕަލްތަކުގެ ނަތީޖާ ލިބުނުހާ އަވަހަކަށް އާންމުންނާ މިކަން ހިއްސާ ކުރައްވާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.

ހޯމް މިނިސްޓްރީ، ހެލްތް މިނިސްޓްރީ އަދި އިކޮނޮމިކް މިނިސްޓްރީ ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން--- ސަން ފޮޓޯ/ އަމަން ލަތީފް
މިނިސްޓަރު ވިދާޅުވީ އަރަފާތުގެ މައްޗަށް ޖިނާއީ ތުހުމަތެއް ކުރެވި ނުވަތަ ތަހުގީގުކުރާ ހާލަތެއް އަދި ނާންނާތީ މިވަގުތު އޭނާ ހުރީ ވިޒާ ވައިލޭޝަންގެ މައްސަލައެއްގައި އިމިގްރޭޝަނުގެ ބެލުމުގެ ދަށުގައި ކަމަށެވެ.
ނަމަވެސް ފުލުހުން އެ މައްސަލަ ތަހުގީގުކޮށް ތަހުގީގު ނުމުމުން ނޫނީ އަރަފާތު ޑީޕޯޓު ނުކުރެވޭނެ ކަމަށާއި ބުޅާމަސް ބޭނުންކޮށްގެން ކާބޯތަކެތި ހަދާ ޑިސްޓްރިބިއުޓް ކުރިކަމަށް މައުލޫމާތު ލިބިއްޖެނަމަ އެ މައުލޫމާތު އާންމުންނާ ހިއްސާ ކުރައްވާނެ ކަމަށް ވެސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ބުޅާ މަސް އަޅައިގެން ކާބޯތަކެތި ހަދާ އެތަކެތި ވިއްކާކަމަށް ބުނެ އެމްޑީ އަރަފާތުގެ މައްސަލަ ފުލުހަށް ހުށައަޅާފައި ވަނީ އެނިމަލް ވެލްފެއާ މިނިސްޓްރީންނެވެ.
އެ މީހާއާ ގުޅޭ މައުލޫމާތު އާންމުވުމާއެކު އާންމުންގެ ގިނަ ބަޔަކު ވަނީ އެ ކަމާ ނުރުހުން ފާޅުކޮށްފައެވެ. އެގޮތުން، އޭނާ ކާބޯތަކެތި ވިއްކީ ކޮން ތަނެއްގައިތޯ، ކިހާ ދުވަހަކުތޯއާއި ހުރިހާ މައުލޫމާތެއް ކަމާ ގުޅުންހުރި އިދާރާތަކުން ހާމަކުރަން ގިނަ ބަޔަކު ވަނީ ގޮވާލައިފައެވެ.
ރާއްޖޭގައި ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށް އިމިގްރޭޝަނުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ސާފުތާހިރުކަން ކުޑަ ތަންތަނުގައި ކާބޯތަކެތި ތައްޔާރުކޮށް ވިއްކާކަމަށް ބެލެވޭ ގިނަ އަދަދެއްގެ ބިދޭސީން މިހާތަނަށް އަތުލައިގެންފައިވެއެވެ.