ވީޑިއޯ ކޯލް ކުރުމާއި، ވެބިނާތައް ބޭއްވުމުގައި މަޝްހޫރު ޕްލެޓްފޯމް ޒޫމްގެ މީޓިންތަކުގައި އެއްފަހަރާ ބައިވެރިވެވޭ މީހުންގެ އަދަދު މިލިއަނަކަށް އިތުރުކޮށްފިއެވެ.

ޒޫމްއިން މި ބަދަލު ގެނެސްފައިވަނީ އެމެރިކާގެ ނައިބްރައީސާ ކަމަލާ ހެރިސްގެ ރިޔާސީ ކެމްޕޭނަށް ޒޫމް މެދުވެރިކޮށް ބޮޑެތި އަދަދުތަކުން ފައިސާ އެއްކުރަމުންދާ ދަނޑިވަޅެއްގައެވެ.

ފާއިތުވި ހަފްތާތަކުގައި އެކި ސިޔާސީ ގްރޫޕްތަކުން ވަނީ ހެރިސްގެ ކެމްޕޭނަށް ފަންޑް އެއްކުރުމަށް ޒޫމް މެދުވެރިކޮށް ބޮޑެތި ވެބިނާރތައް ބާއްވާފައެވެ. މިގޮތުން ޖުލައި މަހު "ވިން ވިތް ބްލެކް ވިމެން" އިން ބޭއްވި ވެބިނާރެއްގައި 40،000 އަށްވުރެ ގިނަ މީހުން ބައިވެރިވެ، އެންމެ ތިން ގަޑިއިރުގެ ތެރޭގައި 1.5 މިލިއަން ޑޮލަރަށްވުރެ ގިނަ ފައިސާ އެއްކުރިއެވެ.

ވައިޓް ޑޫޑްސް ފޯ ހެރިސް އަދި ވައިޓް ވިމެން ފޯ ހެރިސް ފަދަ އެހެން ގްރޫޕްތަކުން ވެސް ޒޫމް އިވެންޓްތަކަށް ގާތްގަޑަކަށް 190،000 އާއި 200،000 ދެމެދުގެ އަދަދަކަށް ބެލުންތެރިން ބައިވެރިވިއެވެ.

ވެންޗާ ކެޕިޓަލިސްޓުން ވެސް ވަނީ ޒޫމް މެދުވެރިކޮށް މި ކެމްޕޭނަށް ފައިސާ ހޯދާފައެވެ. މި ފަންޑް ރެއިޒިން ކޯލްތަކަކީ ކަމަލާ ހެރިސް އާއި ޓިމް ވޯލްޒް ކެމްޕޭނަށް ލިބުނު މާލީއެހީއަކަށްވާއިރު، ޖުލައި މަހު ވެސް އެ ކެމްޕޭނުން ހޯދި 310 މިލިއަން ޑޮލަރުގެ ތެރެއިން ގާތްގަނޑަކަށް 20 މިލިއަން ޑޮލަރު، ލިބިފައިވަނީ ވާޗުއަލް އިވެންޓްތަކުން ކަމަށް ދަ ވޮޝިންޓަން ޕޯސްޓުން ބުނެއެވެ .

ޒޫމްގެ ޗީފް ޕްރޮޑަކްޓް އޮފިސަރު ސްމިތާ ހާޝިމް ވިދާޅުވި ގޮތުގައި މި އައު ބަދަލާއެކު އެކިއެކި ގުރޫޕްތަކަށް ބޮޑެތި އިވެންޓްތައް ގިނަ އަދަދެއްގެ ބައިވެރިންނާއެކު ބޭއްވުމުގެ ކުރުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.

މިބަދަލު ގެނައުމުގެ ކުރިން ޒޫމްގެ ވެބިނާރތަކުގައި އެއްފަހަރާ ބައިވެރިވެވެނީ 100،000 ( އެއްލައްކަ ) މީހުންނަށެވެ.