22 Aug 2024, 18:06
ރާއްޖޭގެ ތައުލީމީ ދާއިރާ ރަނގަޅު ކުރުމަށް 'ތައުލީމަށް އިންގިލާބީ ބަދަލު' ގެ ނަމުގައި 9.5 މިލިއަން ޑޮލަރުގެ ހިލޭ އެހީއާއެކު ކުރިއަށް ގެންދާ ބޮޑު މަޝްރޫއެއް މިއަދު އިފްތިތާހުކޮށްފިއެވެ.
ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތެއްގައި މި މަޝްރޫއު އިފްތާހުކޮށްދެއްވީ ނައިބު ރައީސް ހުސެން މުޙައްމަދު ލަތީފެވެ.
މި މަޝްރޫއަކީ ގްލޯބަލް ޕާޓްނަޝިޕް ފޯ އެޑިއުކޭޝަން (ޖީޕީއީ)އިން ރާއްޖޭގެ ތައުލީމީ ދާއިރާ ކުރިއެރުވުމަށް ދީފައިވާ 9.5 މިލިއަން ޑޮލަރުގެ ހިލޭ އެހީގެ ދަށުން ފަށާ ޕްރޮޖެކްޓެކެވެ.
އެގޮތުން، ޖީޕީއީގެ ދަށުން މި ޕްރޮޖެކްޓަށް ތިން އެހީއެއް ލިބިފައިވާއިރު، އޭގެތެރޭގައި ޓްރާންސްފޯމޭޝަން ގްރާންޓާއި ސިސްޓަމް ކެޕޭސިޓީ ގްރާންޓުގެ އިތުރުން މަލްޓިޕްލަޔާ ގްރާންޓް ހިމެނެއެވެ.
މަޝްރޫއުގެ ދަށުން ތައުލީމީ ދާއިރާ ރަނގަޅު ކުރުމަށް ކުރަން ނިންމާފައިވާ ކަންތައްތައް:
ކިޔަވައިދިނުމުގެ ފެންވަރު ރަނގަޅު ކުރުން
- ޓީޗަރުން ތަމްރީނު ކުރުން
- ސުކޫލަކީ ދަރިވަރުންނަށް ރައްކާތެރި ތަނަކަށް ހެދުން
- ހަމަހަމަ ކަމާއެކު ހުރިހާ ކުދިންނަށް ތައުލީމު ފޯރުކޮށްދިނުން
- އިތުރު ސުކޫލުތައް އެޅުން
ފާހަގަކޮށްލެވޭ ގޮތުގައި، ރާއްޖެއަކީ މި އަހަރުން ފެށިގެން 2026ވަނަ އަހަރުގެ ނިޔަލަށް ޖީޕީއީގެ ބޯޑް އޮފް ޑިރެކްޓާސްގެ މެންބަރެކެވެ.