ޔުއޭފާ ޗެމްޕިއަންސް ލީގުގެ އާ ސީޒަންގެ ގްރޫޕް ސްޓޭޖުން ޖާގަ ހޯދުމަށް ޓަކައި މިހާރު ކުޅެމުންދާ ޕްލޭ އޮފް މެޗުތަކުގެ ތެރެއިން ސުވިޓްޒަލަންޑްގެ ޔަންގް ބޯއިސް އާއި ތުރުކީޔޭގެ ގަލަތަސަރާއީ ބައްދަލުކުރި ފުރަތަމަ ލެގު ޔަންގް ބޯއިސް ކާމިޔާބު ކޮށްފިއެވެ.

ޔަންގް ބޯއިސްގެ ދަނޑުގައި ކުޅުނު މިމެޗު އެޓީމުން ކާމިޔާބު ކޮށްފައިވަނީ 3-2 ލަނޑުންނެވެ. ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ގަލަތަސަރާއީ އިންނެވެ.

ނަމަވެސް މިމެޗުގެ ފެށުން ރަނގަޅުވީ ޔަންގް ބޯއިސްގެއެވެ. މިގޮތުން މެޗުގެ ތިންވަނަ މިނެޓުގައި ޔަންގް ބޯއިސް އިންވަނީ ލަނޑެއް ޖަހާ މެޗުގެ ލީޑު ނަގައިފައެވެ.

މި ލަނޑު އެ ޓީމަށް ޖަހައިދިނީ ޖޮއެލް މޮންޓެއިރޯއެވެ. އަދި ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ހަތަރު ވަނަ މިނެޓުގައި މޮންޓެއިރޯވަނީ އިތުރު ލަނޑެއް ޖަހާ ޔަންގް ބޯއިސްގެ ލީޑު ފުޅާކޮށްދީފައެވެ. މި މެޗުގެ ދެވަނަ ހާފުގައި ފެނިގެންދިޔައީ ފުރަތަމަ ހާފާއި ހިލާފަށް ގަލަތަސަރާއީއިން މޮޅަށް ކުޅެމުންދިޔަ ތަނެވެ.

މިގޮތުން މެޗުގެ 66 ވަނަ މިނެޓުގައި މިޗީ ބަޓްޝުއާއީ ވަނީ ލަނޑެއް ޖަހާ ދެޓީމުގެ ދެމެދުގައިވާ ފަރަގު ކުޑަކޮށްފައެވެ. އަދި މި ލަނޑު ޖެހިތާ ހަ މިނެޓު ފަހުން ބަޓްޝުއާއީ ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ.

މި ހާފުގައި ގަލަތަސަރާއީއަށް މައްސަލަ ތަކާއި ކުރިމަތިވީ މެޗުގެ 84 ވަނަ މިނެޓުގައި އެޓީމުގެ އަބްދުލް ކަރީމް ބާޑަކްޗީ ޕެނަލްޓީ އޭރިއާ ތެރެއިން ބޯޅައިގާ އަތް ލުމާއި ގުޅިގެން އޭނާ އަށް ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑު ދެއްކުމުގެ އިތުރުން ޔަންގް ބޯއިސްއަށް ޕެނަލްޓީ ދިން ހިސާބުންނެވެ. މި ޕެނަލްޓީ ކާމިޔާބުކޮށް ޔަންގް ބޯއިސްއަށް ލީޑު ނަގައިދިނީ ފިލިޕް އުގްރިނިޗްއެވެ.

މިކާމިޔާބީއާއެކު ޔަންގް ބޯއިސްއަށް މިވަނީ މިއަންނަ ހަފްތާގެ އަންގާރަ ދުވަހުގެ ރޭ ދެވަނަ ލެގަށް ނިކުންނައިރު ކުޑަ ލީޑެއް ލިބިފައެވެ.

ނަމަވެސް ދެވަނަ ލެގު ކުޅެވިގެންދާނީ ގަލަތަސަރާއީގެ ދަނޑުގައި ކަމުން އެޓީމަށްވެސް ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުން ޖާގަ ހޯދުމުގެ ފުރުސަތު ލިބިގެންދިއުމުގެ ފުރުސަތު ބޮޑެވެ.